އާންމު އުސޫލުން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަށް އަރަބި ގަލްފު ސަރަހައްދުން ފުރަތަމަ ފަހަރަށް ރުހުން ދިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ބަހްރައިންއާއި އިސްރާއީލާ ދެމެދު އެކުލަވާލި ރަސްމީ އެއްބަސްވުމުގައި ސިއްކަ ޖެހިގެން ދިޔަ ދިއުމާއެކު އާ ފަތިހަކަށް މެދުއިރުމަތި އަލިވިލިއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މެދުއިރުމައްޗަށް ސުލްހަ ގެނައުމުގެ ނަމުގައި ޓްރަމްޕްގެ ސަރުކާރު އިސްކޮށް އޮވެ އެކުލަވާލި "ތާރީހީ" އެއްބަސްވުމުގައި ރަސްމީ ސިއްކަ ޖަހާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޔޫއޭއީ އާއި ބަހްރައިންއަކީ 1948 ވަނަ އަހަރު "އުފެދުނު" އިސްރާއީލު ބަލައިގަތް 3 ވަނަ އަދި 4 ވަނަ އަރަބި ގައުމެވެ. އަނެއް 2 ގައުމަކީ އުރުދުންއާއި މިސްރެވެ. މިސްރުން އިސްރާއިލާއެކު ސުލްހައިގެ އެއްބަސްވުމަށް އައީ 1978 ގައެވެ. އުރުދުންއިން މި ފަދަ އެއްބަސްވުމަކަށް އައީ 1994 ވަނަ އަހަރުއެވެ. އަރަބި ލީގުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ މޮރިޓޭނިއާއިންވެސް އިސްރާއީލާއެކު 1999 ވަނަ އަހަރު ގުޅުން ބަދަހި ކުރިއެވެ. ނަމަވެސް، 2010 ވަނަ އަހަރު އެ ގުޅުން ކަނޑާލިއެވެ.
ކަން މިހެން އޮތް އިރު، ޓްރަމްޕް ގެންދަވަނީ އަދިވެސް އިތުރު ގައުމުތައް މި ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން ދަނީ އެކަން އެގޮތަށް ނުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަމުންނެވެ.
މި ފަހަކާ ޖެހެންދެން އަރަބި ދުނިޔޭގެ ގިނަ ގައުމުތަކަކުން ބުނަމުން ދިޔައީ އިސްރާއީލު ބަލައިގަނެވެން ނެތް ކަމަށާ، އިސްރާއީލު ބަލައިގަނެ ގުޅުން ބަދަހި ކުރެވެން އޮތީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބިގެން ކަމަށެވެ.
ވައިޓްހައުސްގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވި އިސްރާއީލުގެ ޚުދުމުޚުތާރު ޔަހޫދީ ލީޑަރު ބެންޖަމީން ނަތަންޔާހޫ ސިފަކުރި ގޮތުގައި "އަލިވިލިގެން ދިޔައީ ސުލްހައިގެ އާ ފަތިހަކަށެވެ". ނަމަވެސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވަނީ، މެދުއިރުމަތައްޗަށް ސުލްހަ ލިބެން އޮތީ، އިސްރާއީލުން ހިސޯރުކޮށްފައިވާ ބިންތައް ދޫކޮށްލުމުން އެކަނި ކަމަށެވެ.
ބައިނަލްއަގުވާމީ މުޖުތަމައު މިހާރު ކެތްމަދުވެފައި ވަނީ މިމައްސަލާގައި ސައުދީ އަރަބިއްޔާއިން ނިންމާނެ ގޮތެއް ބެލުމަށެވެ. ސައުދީ އަރަބިއްޔާއިން ވަނީ، އިސްރާއީލު އަދި ގުޅުން ބަދަހިވާން ނެތްކަމަށް އިޝާރާތް ކޮށްފައެވެ.