މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު، ނަފްސާނީ ބަލީގެ މައްސަލަތައް ގޯހުން ގޯހަށް ގޮސްފައިވާ ކަމަށާ، ދޮން ނަސްލު ނޫން އެހެން ނަސްލުތަކުގެ މީހުންނަށް މި ތަކުލީފު ވަކިން ބޮޑުވެފައި ވާ ކަމަށް، ނަފްސާނީ ސިއްހަތާ ބެހޭ ތަޖުރިބާކާރަކު ވިދާޅުވެއްޖެއެވެ.

ސެންޓާ ފޮ ލޯ އެންޑް ސޯޝަލް ޕޮލިސީގައި ނަފްސާނީ ބަލިތަކާ ގުޅުންހުރި ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ތަޖުރިބާކާރު އިޝާ ވީރަސިންހަ ވިދާޅުވީ، މުޖުތަމައުން މީގެ ކުރިން މާ ބޮޑު އަހައްމިއްޔަތު ކަމެއް ދީފައި ނުވާ ނަފްސާނީ ބަލިމަޑުކަމުގެ ހާލަތު، ކޮވިޑް-19ގައި އިތުރަށް ގޯސް ވެފައި ވާ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ތަންފީޒު ކުރަންޖެހޭ އެކަހެރިކަމާއެކު އެކަކު އަނެކަކާ އޮންނަ ގުޅުންތައް ހީނަރުވުމާ، އިގުތިސޯދީ ހީނަރުކަމާ، ތަންފީޒީ ބާރުތަކުގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައި ވާ ކަމަށް އިޝާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ޑެއިލީ ނިއުސް އީޖިޕްޓް

އެމެރިކަން ފައުންޑޭޝަން ފޮ ސުއިސައިޑް ޕްރިވެންޝަންއިން ކުރިއަށް ގެންދިޔަ ބްރީފިންގްއެއްގައި ވާހަކަދައްކަވަމުން އިޝާ ވިދާޅުވީ، މިހުރިހާ ނުތަނަވަސްކަމަކާ، އެންޒައިޓީ އެކުވެ، ނަފްސާނީ ސިއްހަތު ގޯސްވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ނަފްސަށް އަނިޔާ ދިނުމާ، އަމިއްލައަށް މަރުވުމުގެ ފިކުރުތައް އުނދަގޫ ކުރުމާ، އެފަދަ ކަމަކަށް އަރައިގަތުމަށް މަސައްކަތްކުރާ މިންވަރު އިތުރު ވާ ކަމަށްވެސް އިޝާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ގައުމުތަކުގެ ސިއްހީ ވަސީލަތްތައް މުޅިންހެން އެ މިސްރާބަށް އަމާޒުކޮށްފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ކޮވިޑް-19 ނޫން ބަލިތަކަށް އަޅާ ލެވޭ މިންވަރު ކުޑަވުމުގެ މައްސަލައަކީ މިއަދު އާ ވާހަކައެއް ނޫނެވެ. ނަފްސާނީ ބަލިމަޑުކަމަށް ކުރާ ފަރުވާއަށްވެސް މިކަމުގެ އަސަރު އޮތީ ފޯރާފައެވެ. ކޮވިޑް-19އާއިއެކު ތައާރަފުވެގެން އައި ޓެލެމެޑިސިން ކޮންސެޕްޓް ނުވަތަ އޮންލައިން ކޮންސަލްޓޭޝަންތަކަކީ، ހަގީގަތުގައި ނަފްސާނީ ބަލީގެ ފަރުވާއަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފުރުސަތު އޮތް ހިދުމަތެއް ނޫނެވެ. އިޝާ ފާހަގަކުރެއްވި ގޮތުގައި ފަގީރު ކަމުގައި އުޅެންޖެހިފައިވާ ނަފްސާނީ ބަލީގެ ޕޭޝަންޓުންނަށް މިކަމުގައި ހުރަސްތަކެއް އެބަހުއްޓެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ސެންޓާ ފޮ އެންވައިރަމެންޓަލް ތެރަޕިއުޓިކްސް

ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމުގެ ކުރިންވެސް، ނަފްސާނީ ބަލިމަޑުކަން ދިޔައީ ބޮޑުވަމުން ކަމީ، ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ޒުވާނުންގެ މެދުގައި މާޔޫސްކަން އިތުރުވުމާ، އަމިއްލައަށް މަރުވާ މީހުންގެ އަދަދުތައް، މި ފަހަކަށް އައިސް އިންތިހާއަށް އިތުރުވެފައި ވާކަން އިޝާވެސް ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ހާލަތަކަށް މީހާ ވައްޓާލާ އެންމެ ބޮޑު އެއް ސަބަބަކީ ޑިޕްރެޝަން ނުބަތަ ހިތާމަކުރާ ބަލިކަމުގައިވެސް ދެންނެވިދާނެއެވެ. ހިތާމަ ކުރުމުގެ ބައްޔަށް ދެވޭނެ އެކަށޭނަ ފަރުވާ ހޯދިފައި ހުއްޓަސް، ހިތާމަކުރުމުގެ ބަލި ކުރިމަތިވެފައިވާ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ލިބެނީ %10 އަށްވުރެ މަދު މީހުންނަށްކަން، ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވާ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ، ޑރ ޢަބުދުލް ޢަޒީޒު ޙަމީދުވަނީ ވިދާޅުވެފައެވެ.

ނަފްސާނީ ބަލީގެ ތަކުލީފުތަކަކީ ހަމައެކަނީ ޑޮކްޓަރީ ބޭހަކުން ލުއި ލިބޭ ތަކުލީފުތަކެއް ނޫނެވެ. ޑޮކްޓަރީ ބޭހާއިއެކު އިތުރު ތެރަޕީތަކެއްވެސް ބޭނުންވެއެވެ. މިއީވެސް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭ ހިދުމަތެއް ނޫނެވެ. ކައުންސިލިން ހޯދުމަކީވެސް ވަގުތީ ހައްލެކެވެ. ނަމަވެސް، އެ ހިދުމަތްވެސް އޭގެ އެންމެ ހައްގުވެރިންނަށް، އެންމެ ފުރިހަމަ ގޮތުގައި އޮންނަނީ ނުލިބިފައެވެ. ނަފްސާނީ ބަލިތަކަށް ދީނީ، އަދި ރޫހާނީ ފަރުވާވެސްވެއެވެ. މިބަލިން އަރައިގަތުމަށްޓަކައި ކިޔާ ތަފާތު ދުޢާތައް ހުރެއެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި މިކަންތައްތައް ދެނެގަނެ، ރޫހާނީ ފަރުވާ ހޯދިދާނެ ކަމަށް ޑރ ޢަބުދުލް ޢަޒީޒު ޙަމީދު ވަނީ އޭނާގެ ބްލޮގްގައި ވިދާޅުވެފައިވެއެވެ.