5 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ފަސް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސިއްހީ ފަރުވާދޭ މަރުކަޒުން އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލައިގެ ތުހުމަތުގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރާ މައްސަލަތަކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، ހައްޔަރުކުރާ މީހުން ހައްޔަރުކުރުމާއި، އެމީހުންގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ކުރުމުގެ ކަންކަން މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދެއެވެ. މީގެ އިތުރުން، އެފަދަ މީހުންގެ ވަނަވަރު ވެސް ދަނީ އާންމު ކުރަމުންނެވެ.