ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޒުވާން ތަރިއެއް ކުއްލި ގޮތަކަށް މި ދުނިޔެއާއި ވަކިވެގެން ދިއުމަކީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ބޮޑު ޚަބަރެކެވެ.

ނަމަވެސް، ބޮލީވުޑްގެ ބަތޮލް ސުޝާންތް ސިންހް ރާޖްޕުތްގެ ކުއްލި މަރާއި، ސުޝާންތްގެ ލޯބިވެރިޔާ އަދި ބަތޮލާ ރިއާ ޗަކަރްބަތީއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކީ، މިއަދު އިންޑިއާގެ އެންމެ ވަރުގަދަ މީޑިއާތަކުގެ ޕްރައިމްޓައިމް އިން ޖާގަދޭ ވާހަކަތަކަކަށް ވަނީ ވެފައެވެ. މިއާއެކު ބޮޑު ސުވާލެއް ވަނީ އުފެދެން ފަށާފައެވެ. އެއީ، ސުޝާންތްގެ މަރަށް މީޑިއާއިން ދޭ ސަމާލުކަމަކީ، ގައުމީ ފެންވަރުގައި ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްގެ ހަގީގަތް ފޮރުވުމަށް ޖައްސާ ސްޓަންޓެއްތޯ ކުރެވޭ ސުވާލެވެ.

އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ތެރޭގައި ސުޝާންތް މަރުވެފައި އޮއްވާ ފެނުނު ވަގުތުން ފަށައިގެން އެ ޚަބަރުތައް މީޑިއާގައި ފެތުރެން ފެށީ ފަތުއަޑުކިއާފައެވެ. އުމުރުން 34 އަހަރުގެ ސުޝާންތް މަރުވީ އަމިއްލައަށް ކަމަށް މުމްބާއީގެ ފުލުހުން ކަނޑައެޅި ނަމަވެސް، މީޑިއާއިން ދިޔައީ ނަފްސާނީ ބަލިމަޑުކަމުގައި ސުޝާންތް ހަނގުރާމަ ކުރަމުންދިޔަ ވާހަކަތައް ރިޕޯޓްކޮށްފައެވެ.

ބޮލީވުޑްގެ ބަތޮލް ސުޝާންތް ސިންހް ރާޖުޕުތްގެ މަރާ ގުޅިގެން އިންޑިއާގެ މީޑިއާތަކުން ހުރިހާ ވަގުތެއް ހުސްކޮށްލަނީ އެ ކަވަރޭޖަށް/ފޮޓޯ: މީޑިއާ ލޯންޑްރީ

ސުޝާންތްގެ މަރުގެ މައްސަލަ މިހާރު ބަލަމުންދަނީ އިންޑިއާގެ ފެޑަރަލް ފުލުހުންނެވެ. އެއީ އަމިއްލައަށް މަރުވުމަށް ސުޝާންތްއަށް މަޖުބޫރު ކުރުވުމާ، ސުޝާންތްގެ ފައިސާއިން ވައްކަން ކުރުމާ، ބޭސްދީގެން ސުޝާންތް އޯވާޑޯޒް ކޮށްލުމާ، ގަސްތުގައި އޭނާ މަރާލީކަމަށް ބުނެ، ރިއާއާއި ދެކޮޅަށް، ސުޝާންތްގެ ބައްޕަ އުފުލި ދައުވާއާ ގުޅިގެންނެވެ. ރިއާ ދަނީ ސުޝާންތްގެ ބައްޕަ ފެންމަތިކޮށްފައިވާ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް އޮތޯރިޓީއިން ރިއާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ ސުޝާންތްއަށް މަސްތުވާތަކެތި ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައެވެ. މިކަމަށްވެސް ރިއާ ވަނީ އިންކާރު ކޮށްފައެވެ.

ކަމާ ބެހޭ ފަރާތްތަކުން މައްސަލަ ބަލަމުންދާއިރު، ރިއާއާ ދެކޮޅަށް ޝަރިޔަތް ހިންގަނީ އިންޑިއާގެ މީޑިއާއިން ކަމުގައިވެސް ސިފަވާ ކަހަލައެވެ. އިންޑިއާގެ ވަރުގަދަ މީޑިއާގައި އެންމެ ނުފޫޒުގަދަ ބައެއް ހޮސްޓުން މިހާރުވެސް ދަނީ، ރިއާއަކީ ކުށްވެރިއެއްކަން ސާބިތުކޮށް، އެ ރައުޔުގައި ވާހަކަދައްކަމުންނެވެ.

ސުޝާންތްގެ މަރާއި އޭނާގެ ލޯބިވެރިޔާއާ ގުޅުވައިގެން މީޑިއާގައި ބޮޑެތި ޚަބަރުތަކެއް "ކައްކަމުން" އަންނަ މި ދަނޑިވަޅަކީ، އިންޑިއާގެ އާންމު މަސްރަހުގައި ސީރިއަސް ކަންތައްތަކެއް ހިނގަމުންދާ ދަނޑިވަޅެކެވެ.

ބޮލީވުޑްގެ ބަތޮލް ސުޝާންތް ސިންހް ރާޖުޕުތްގެ މަރުގެ ކަވަރޭޖާއެކު އިންޑިއާ މީޑިއާގެ އާމްދަނީ ވަނީ އިތުރުވާން ފަށާފަ/ފޮޓޯ: ފެމިނިޒަމް އިން އިންޑިއާ

މިދިޔަ ހޯމަ ދުވަހު އިންޑިއާ ސަރުކާރުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫން މަހު ނިންމާލި މިއަހަރުގެ 3 ވަނަ 3 މަސްދުވަހުގެ ތެރޭގައި އިންޑިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ވަނީ އިންތިހާއަށް ހީނަރުވެފައެވެ. އިންޑިއާގެ އިގުތިސޯދު ވަނީ 23.9 ޕަސެންޓް ހީނަރުވެފައެވެ. މިއީ 1996 ވަނަ އަހަރު، 3 މަސްދުވަހުގެ ތަފާސް ހިސާބުތައް ނުވަތަ ކުއާޓާލީ ރިޕޯޓްތައް އާންމު ކުރަން ފެށިފަހުން، އިންޑިއާއިން ލިބުނު އެންމެ ހީނަރު އަދަދުތަކެވެ.

އިންޑިއާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ހީނަރު ކަމުގެ މުގުލުގައި އޮތީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އެވެ. މުޅި ދުނިޔޭގެ ނިސްބަތުންވެސް މިއަދު، 2 ވަނައަށް އެންމެ ކޭސް ގިނަ ގައުމަކީ އިންޑިއާއެވެ.

ދެން އޮތީ ބޯޑަރު ހަނގުރާމައިގެ ވާހަކައެވެ. 1960ގެ އަހަރުތަކަށްފަހު ބޯޑަރު ސަރަހައްދު ނުތަނަވަސް ނުވާ މިންވަރަށް، އެ ހާސްކަން ވަނީ ބޮޑުވެފައެވެ.

މި ހުރިހާ ކަމެއް މިހެން ހިނގަމުންދާއިރުވެސް، އިންޑިއާގެ މީޑިއާތަކުން މިމައްސަލަތަކަށް ރިއާޔަތް ކުރަނީ އިންތިހާއަށް މަދުންނެވެ. އިގުތިސޯދީ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް މީޑިއާއިން ޖާގަވެސް ނުދެނީއެވެ. މި ހުރިހާ ކަމަކަށްވުރެ ސުޝާންތްގެ މަރުގެ ޚަބަރަކީ، އަދުގެ ޒަމާނުގެ އެންމެ ވަރުގަދަ ޚަބަރުކަމަށް ބައެއް ހޮސްޓުން ކަނޑައެޅިގެން ބުނެފައިވެސް އެބަހުއްޓެވެ. އަންގާރަ ދުވަހު ރިއާ ހައްޔަރު ކުރުމާއެކު، އިންޑިއާއިން ޗެނަލަކުން ވަނީ، ސުޝާންތްގެ މަރަށް އެ ޗެނަލުން މިހާރުވެސް 2000 ގަޑިއިރު ހޭދަކޮށްފައި ވާނެ ކަމަށް ބުނެފައެވެ.

ސުޝާންތް ސިންހް/ފޮޓޯ: މުމްބާއީ ލައިވް

އެހެންވީއިރު ސުޝާންތްގެ މަރާއި، ލޯބިވެރިޔާއަށް އަމާޒުކުރާ ތުހުމަތުތަކަށް މީޑިއާގެ ސަމާލުކަން މިވަރަކަށް މި ހުއްޓުވާލީ ކީއްވެ ހެއްޔެވެ؟

އެންމެ ސަރީހަ ޖަވާބަކީ ކުރު ޖަވާބެކެވެ. ޖަވާބަކީ "ސިޔާސީ" ވުމެވެ. އިންޑިއާގެ މަސްރަހު ދިރާސާކުރަމުންދާ މުރާސިލުން ބުނާ ގޮތުގައި، ސުޝާންތްގެ މަރަށް މީޑިއާ ކަވަރޭޖު ހުސްކޮށްލާފައިވާ މީޑިއާތަކުގެ ތެރޭގައި ގިނައީ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި އޭނާގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށް ތާއީދުކުރާ ޗެނަލްތަކެވެ.

ސުޝާންތް ނިސްބަތްވާ ބިހާރު ސްޓޭޓްގައި މިއަހަރުގެ ފަހުކޮޅު އިންތިހާބެއް ބާއްވަންޖެހެއެވެ. ޚަބަރު ލިބޭ ގޮތުގައި އެ ސްޓޭޓްގެ ބައެއް ސިޔާސީ ވެރިން މިހާރުވެސް ވޯޓު ހޯއްދަން މަސައްކަތް ކުރަނީ ސުޝަންތްގެ ނަން ބޭނުންކޮށްގެންނެވެ.

ބިހާރުގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރުގެ ފުރަތަމަ ވާޗުއަލް ކެމްޕޭން ރެލީގައި ސުޝާންތްގެ ނަން ފާހަގަކުރިއެވެ. އޭނާގެ ބީޖީޕީ އެލާޔަންސް ޕާޓްނަރު މިހާރު ބަހަމުންދާ މާސްކުތަކުގައި ޖަހާފައިވަނީ ސުޝާންތްގެ ތަސްވީރެވެ. ބިހާރުގެ ވެރިކަން ކުރާ ޕަޓްނާގެ ސީނިއާ ޖާނަލިސްޓެއް ކަމަށްވާ އަމަރުނާތު ތިވާރީ ބުނާ ގޮތުގައި، އިންތިހާބު ނިމޭ ހިސާބުން ސުޝާންތްގެ ވާހަކަ ދައްކާނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި މިއަހަރު އެކި ފަހަރު މަތިން ވަނީ ކުރިމަތިލުން ހިންގާފަ/ފޮޓޯ: އެސްބީއެން

އިންޑިއާގެ ފިލްމް ސިޓީ، މުމްބާއީގައި ސުޝާންތްގެ މަރުގެ ވާހަކަ ކެކެމުންދަނީ މާ އޮލަކޮށެވެ. މުމްބާއީ ނިސްބަތްވާ މަހާރާޝްތްރާ ސްޓޭޓްގެ ވެރިކަން ކުރާ ޝިވް ސޭނާއާއި ބީޖޭޕީއާއި ދެމެދު އުފެދިފައިވާ ކޯޅުންތަކުގެ ފޯރިގަދަވެ. ސުޝާންތްގެ މަރުގެ މައްސަލާގައި، ޝިވް ސޭނާގެ މިނިސްޓަރަކު ބައިވެރިވާކަމަށްވެސް ބީޖޭޕީއިން އޮތީ ތުހުމަތު ކޮށްފައެވެ. މުމްބާއީގެ ނޫސްވެރިއެއް ކަމަށްވާ އަބޭ ދީޝާޕާންޑޭ ބުނާ ގޮތުގައި، ބީޖޭޕީއިން މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް ޝިވް ސޭނާ ވައްޓާލާށެވެ. ނަމަވެސް، ވައްޓާލުމުގެ ކުރިން ސޭނާގެ އަގު ވައްޓާލާ، އާންމުންގެ ތާއީދު ގެއްލުވާލުމަށް އަމާޒު ހިފާފައިވާކަމަށް އޭނާ ތުހުމަތު ކުރެއެވެ.

ސުޝާންތްގެ މަރަކީ ހަގީގީ މައްސަލަތަކުން މުޖުތަމައު ހަވާސާކޮށްލުމަށް އޮތް ވަރުގަދަ ހަތިޔާރެކެވެ. ޝައްކު އުފެދޭ ކަންތައްތަކެއް އެ މަރުގެ ހާދިސާގެ ފަހަތުގައިވެއެވެ. ބޮލީވުޑް ހިމެނެއެވެ. ތުހުމަތުގެ އިނގިލި އަމާޒުވަނީ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޒުވާން ބަތޮލާއަކަށެވެ. މިހުރިހާ ކަމަކީވެސް، ހަގީގީ މައްސަލައިން ނަޒަރު ކަސިޔާރު ކުރުވަނިވި ކަންކަމެވެ.

އަވަށްޓެރި އިންޑިއާގައި މީހެއްގެ ހަށިގަނޑުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: ރާޖް ކޭ ރާޖް

ޓީވީ ޗެނަލްތަކަށްވެސް މިކަމުގައި އޮތް ފައިދާ ބޮޑީއެވެ. ސުޝާންތްގެ މަރާ، ރިއާގެ ތަހުގީގުތަކަށް މީޑިއާގެ ވަގުތުތައް ހުސްކޮށްލުމާއެކު ޗެނަލް ރޭޓިންގްސް އިތުރުވީ ތިޔަހެނެއް ނޫނެވެ. ޗެނަލްތަކަށް ލިބޭ އާމްދަނީ އިތުރުވަނީއެވެ. އިޝްތިހާރުތަކުގެ އަގު އުފުލި، ޗެނަލް ހިންގާ ވެރިންގެ ޖީބަށް ނަފާ ބޮޑުވަނީއެވެ.

އިނދަޖެހުމުންދާ އިގުތިސޯދާއި، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބަލި އެނދުގައި އޮށޯންނަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ދިއުމާ މެދު ސަރުކާރު ޖަވާބުދާރީ ކުރުވާ، ހަނާކޮށްލުމަށް މީޑިއާތަކުން މާ ބޮޑު މަސައްކަތެއް ނުކޮށް ސުޝާންތްގެ މަރުގެ މައްސަލަ ފަހާ މީޑިއާތަކުން ދުވާ ދުވުން ބަލަން، ބީޖޭޕީ ސަރުކާރު އޮތީ ހެވިފައެވެ.