ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި މައާފަށް އެދި ބަޔާނެއް ނެރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް13 އަށް އަންގައިފިއެވެ.

ބްރިޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަގިއްލު ތަހުގީގެއް އެ ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި އެ ބަޔާން 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، “ރައްޔިތުންގެ އަޑު” ޕްރޮގްރާމް ފެށުމުގެ ކުރިންނާއި 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، 20:00 އިން 21:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން އާންމުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގަން ޖެހޭނެ ކަމަށެވެ.

ވަގުތުން ގެނެސްދޭ ޕްރޮގްރާމްތަކުގައި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ހިމެނުމުގެ ފުރުސަތު ނުދިނުމަށްޓަކައި އޮންއެއާގައި ސަމާލު ވާންވީ ކަންކަން އާންމުންނަށް ކިޔައިދިނުމަށާއި އަދި ސެންސަރު ކުރުމަށްޓަކައި ޑިލޭއެއް ހިމަނައިގެން ބްރޯޑްކާސްޓް ކުރުމުގެ ނިޒާމެއް ގާއިމްކޮށް، މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް އަންގަން ވެސް އެ ނިންމުމުގައިވެ އެވެ.

"ޗެނަލް13"ގެ "ރައްޔިތުންގެ އަޑު" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ބައިވެރިވި އާންމު ރައްޔިތަކު، ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ފެންނަ ކަމަށް ބުނާ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަން ކުށްވެރިކޮށް އެކަމަށް ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން ޗެނަލް13 އިން ވަނީ މާފަށް އެދިފައެވެ. އެގޮތުން ޗެނަލް13އިން ބުނީ، އެ ޗެނަލުން ބްރޯޑްކާސްޓު ކުރި "ރައްޔިތުންގެ އަޑު" ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

އެމީހާއެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލާފައި ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައި ވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެކަމަށް ގޮވާލި މީހާ މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ޗެނަލް13 ގެ ޕްރޮގްރާމް ތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމައުގެ އަދަބާއި އަހުލާގުގެ މިންގަނޑަށް ފެއްތުމަށް މީގެ ކުރިން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް13 އަށް އަންގާފައެވެ.

އެގޮތުން ޗެނަލް13 އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމް، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން މެދުކަނޑާލުމަށް ވެސް އެކޮމިޝަނުން ވަނީ އެޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓު ލިމިޓެޑަށް އަންގާފައެވެ.