ރާއްޖެ ޓީވީން ދެއްކި ޕްރޮގްރާމެއްގައި ސިޔާސީ މަސްރަހުގައި ހިންގަމުން އަންނަ ކަންކަމަށް ވާހަކަދައްކައި ފާޑުކިޔަމުން ގޮސް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ކުދިންނަށް ޖޯކު ޖެހި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީން އަންގާރަ ދުވަހުގެ ދަންވަރު ގެނެސްދިން 'ކާލާބައިސާ' ޕްރޮގްރާމްގައި ޕްރެޒެންޓަރު ހުސައިން ރަމީޒާ އެކު ވާހަކަދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެ ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން:

  • ފަޔާޒް ވިދާޅުވީ ރައީސްގެ އޯޓިޒަމް ހުންނަ ކަމަށާއި، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އަށް ރައީސް ގުޅުއްވި އިރު، ނޫސްވެރިއަކަށް އެފަދަ ބޭފުޅަކު ގުޅުއްވައިފި ނަމަ ކޯލު ރިކޯޑުކުރާނެ ކަން ރައީސަށް އެނގިވަޑައިނުގަތީ އޯޓިޒަމް ހުރުމުން ކަމަށް
  • ނަޝީދު ވިދާޅުވީ އޯޓިޒަމްގެ އިތުރުން ޑައުން ސިންޑްރޯމް ވެސް ރައީސްގެ އެބަހުރި ކަމަށް

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ބުނީ، އޯޓިޒަމް ފަދަ ބަލިތައް ތަހައްމަލު ކުރާ މީހުން ދެރަކޮށްލައި އެމީހުންނަކީ ދަށު ދަރަޖައިގެ ބައެއް ކަމަށް ދައްކުވައި ސިޔާސީ މަސްރަހުގައިވާ ކަންކަމަަށް އަލި އަޅުވާލައިގެން އެ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މި މައްސަލައިގައި ނެރުނު ބަޔާނެއްގައި ބްރޯޑްކާސްޓިން ކޮމިޝަނުން ރޭ ބުނީ، މި މައްސަލަ އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި މައްސަލަ ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ހަމަ މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނުން 'އެކްސް'ގައި ލިޔުނު ޕޯސްޓުގައި ވަނީ މި މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

"މުޖުތަމައުގެ އެހެންމީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްގުތައް އެއްހަމައެއްގައި ލިބިދީފައިވެއެވެ. ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާ އެކު ދިރިއުޅުމުގެ ހައްގު ލިބިދީފައިވެއެވެ."

އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި މީޑިއާތަކުން ކޮންޓެންޓް ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ކޮންޓެންޓް ގެނެސްދިނުމަށް ދެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.