މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަަށް އެ އިދާރާތަކުން ބުނެފިއެވެ.
އެދެއިދާރާއިން މިހެން ބުނެފައިވަނީ ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ހަލީލް، ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ބެއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ފަރާތުން ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި، މި ދާއިރާ ގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވާއިރު ބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާ ގުޅޭ ލީގަލް ރީފޯމް ހުއްޓިފައިވާކަން ފާހަގަކޮށްފައެވެ.
އަދި ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވެސް ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވައުދާއި، މީޑިއާގެ އިލްމީ ޖީލެއް ބިނާކުރުމަށާއި، މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ވެވެޑައިގެންނެވި ވައުދަށް މަރުހަބާ ކިޔާ، އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.
ރައީސް އޮފީހުން ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ދެ ކަމަކަށް މަޝްވަރާ ކޮށްފައި ވާއިރު އޭގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރެސްތަކަށް މީޑިއާތަކުން މީހުން ކަނޑައެޅުމާއި ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ.
ރައީސް ޑރ. މުއިއްޒުގެ ޕްރެސްތަކަށް މީޑިއާތަކުން މީހުން ކަނޑައެޅުމުގައި ހަމަޖައްސާ ނޫސްވެރިއަކީ ނުވަތަ ނޫސްވެރިންނަކީ މީޑިއާތަކުގެ ސީނިއާ ނޫސްވެރިންނަށް ވުން މުހިންމު ކަމަށް ގިނަ އެޑިޓަރުން ބުނެފަައި ވެއެވެ. އަދި ނޫސްތަކަށް ދޭ ޖާގަ އަށް ފޮނުވާނެ ނޫސްވެރިން ކަނޑައަޅާނީ ނޫސްތަކުން ކަމަށާއި އެގޮތުން ދޭ ޖާގަ މަދުވެގެން 4 އެއް ކަމުގައި ހެދުމަށްވެސް ބައެއް އެޑިޓަރުން ލަފާ ދިނެވެ.