ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ބްރޯޑްކާސްޓިން ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް، އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ފަޒީން ވިދާޅުވީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ ޒިންމާތައް 'މިނިވަންކަމާއެކު ވަކި ފަރާތަކަށް ނުޖެހި' އަދާކުރުމަކީ ވެވެން ނެތް ކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ފަޒީން ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ އާ އެކު އޭނާގެ ގާނޫނީ ވަކީލުގެ ސިޓީއެއް ވެސް ހިއްސާކޮށްފައެވެ. އެ ސިޓީގައި، ފަޒީން ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި އޭޭނާގެ ގާނޫނީ ވަކީލު ވިދާޅުވީ، އެ ކޮމިޝަންގެ ކަމާބެހޭ ކޮމިޓީ އާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ފުލުހުން މި މައްސަލަ ތަހްގީގުކުރުމުން ވެސް 'ބުނި ބުނުން' ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށެވެ.

ވަކީލު ތުހުމަތުކުރެއްވި ގޮތުގައި ފަޒީން މަގާމުން ވަކިކުރަން މަސައްކަތްކޮށްފައި ވަނީ ކުރީ ސަރުކާރުން އޭނާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކޮށްފައިވާތީ އާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި ދައުވާކުރާ ފަރާތެއް ކަމަށް ވާތީއެވެ. އަދި މި މައްސަލަ ތަހްގީގުކުރަމުން ދަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ވަކި މަގްސަދެއް ހާސިލްކުރުމަށްޓަކައި ކަމަށް ވެސް ވަކީލު ތުހުމަތުކުރެއްވިއެވެ.

ފަޒީން ވަކިކުރުމުގެ މައްސަލައާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި މަހުގެ 10 ވަނަ ދުވަހު ތަޅުމަށް ހުށަހެޅި ސިޓީގައިވާ ގޮތުން، ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަވި މުވައްޒަފު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މި މައްސަލަ ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ ސިޓީގައި އިތުރަށް ބަޔާންކޮށް ކޮމިޓީން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ފަޒީން އެކިފަހަރު މަތިން މުވައްޒަފުގެ ހަށިގަނޑުގައި ނުރުހުމުގައި އަތްލައި ބޭއަދަބީ ބަހުރުވައިން ވާހަކަ ދައްކާފައި ވުމާއި އިތުރު އަންހެން މުވައްޒަފަކަށް ވެސް ބޭއަދަބީ ބަހުރުވައިން ވާހަކަދެއްކި ކަމަށް ފުރައްސާރަވި މުވައްޒަފު ބުނި ކަން
  • ފުރައްސާރަވި މުވައްޒަފު އެ ޝަކުވާ ބްރޯޑްކޮމްގައި އެކަމަށް އުފައްދާފައިވާ ކޮމިޓީއަށް ހުށަހެޅި ކަމަށް ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން ބުނި ކަން

އެ ކަންކަމަށާއި ގާނޫނުތަކަށް ރިއާޔަތްކުރުމަށް ފަހު ފަޒީންގެ އަމަލުތަކަކީ މުޖުތަމައު ގަބޫލުކުރާ އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ކަން ކޮމިޓީން ދެކޭ ކަމަށާއި، އެއީ މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ސުލޫކީ ހަމަތަކާ ހިލާފު އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭ ފަދަ ހާލަތެއްކަން ކޮމިޓީން ފާހަގަކުރާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ މައްސަލަ ދިރާސާކުުރުމަށް ކޮމިޓީން ހަމަ އެ ދުވަހު އިތުރު ބައްދަލުވުމެއް ބާއްވާފައި ވެއެވެ. އެ ބައްދަލުވުމަށް ހާޒިރުވެ ފަޒީން ޖަވާބުދާރީވުމަށް ހާޒިރުވާން އޮތް ނަމަވެސް، ފަޒީންގެ އަންހެނުން ބަލިކަމަށާއި އެހެންވެ ބައްދަލުވުމަށް ހާޒިރުވެވެން ނެތް ކަން ކޮމިޓީއަށް ވަނީ އަންގައިފައެވެ. އެގޮތަށް އެކަން އަންގާފައި އޮތުމުން ޖެހިގެން އޮތް ދުވަހު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީ ތެރޭ ވާހަކަ ދެކެވުނަސް، ކޮމިޓީން ނިންމީ ފަޒީން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ތަޅުމަށް ހުށަހެޅުމަށެވެ.

ކުރިން ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަޒީން, ބްރޯޑްކޮމަށް އައްޔަންކުރީ މާޗް 7، 2021 ގައެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 2023 ވަނަ އަަހަރުގެ ޖެނުއަރީ މަހުގައެވެ.