ކާޑޭޝަން-ޖެނާ އާއިލާގެ މެމްބަރުންގެ އާންމު ދިރިއުޅުގެ މަންޒަރުތައް ހިމަނައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ގެނެސްދެމުން އަންނަ މަޝްހޫރު ރިއާލިޓީ ޝޯ، "ކީޕިންގް އަޕް ވިތް ދަ ކާޑޭޝަންސް" ހުއްޓާލަން ހަމަޖެހިފައި ވާކަމަށް، ވިޔަފާރިވެރިއާ އަދި ރިއާލިޓީ ސުޕާސްޓާ ކިމް ކާޑޭޝަން ހާމަކޮށްފިއެވެ.

ޓްވިޓާގައި އާންމުކުރި ޕޯސްޓެއްގައި ކިމް-ކޭ ބުނީ، ރިއާލިޓީ ޝޯ، "ކީޕިންގް އަޕް ވިތް ދަ ކާޑޭޝަންސް"އަށް ނިމުމެއް ގެނައުމުގެ ދަތި އުނދަގޫ ނިންމުން، އޭނާގެ އާއިލާއިން ނިންމާފައި ވާ ކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން އޮންއެއާ ކުރަމުންދާ ރިއާލިޓީ ޝޯ، "ކީޕިންގް އަޕް ވިތް ދަ ކާޑޭޝަންސް"އާއެކު، ކިމްއާއި އޭނާގެ އާއިލާ މެމްބަރުންނަކީ މިހާރު ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ސްޓާރުންނެވެ.

ރިއާލިޓީ ޝޯ، "ކީޕިންގް އަޕް ވިތް ދަ ކާޑޭޝަންސް"ގެ އެންމެ ފަހު ސީޒަން ކަމަށްވާ، 21 ވަނަ ސީޒަން އޮންއެއާ ކުރަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުއެވެ.

ޝޯގެ ހުރިހާ ސީޒަނެއްގައި ފެނިގެންދާ ބައިވެރިންނާއި ޝާމިލުވާ ވިޔަފާރިތަކުގެ އިތުރުން، ޝޯ ބެލި ކޮންމެ މީހަކަށްވެސް ޝުކުރު އަދާ ކުރަމުން ކިމް ވަނީ، ފާއިތުވީ 14 އަހަރު އޭނާއަށް އެއްބާރުލުން ދެމުންދިޔަ އެންމެންގެ ނަން ފާހަގަކުރާކަމަށް ބުނެފައެވެ.

މިއަދު އެއާއިލާ އެ އޮތް ހިސާބަށް އާދެވުނީ މި ޝޯގެ ސަބަބުން، ކަމަށާ، އެ އާއިލާގެ ދިރިއުޅުން މުޅި އުމުރަށް ބަދަލުކޮށްލަދިން މީހުންނަށް އޭނާ އަބަދުވެސް "ދަރަނިވެރިވެފައި" ވާނެ ކަމަށްވެސް ކިމް-ކޭގެ ޕޯސްޓްގައި ވަނީ ބަޔާންކޮށްފައެވެ.

2007 ވަނަ އަހަރު، ރިއާލިޓީ ޝޯ، "ކީޕިންގް އަޕް ވިތް ދަ ކާޑޭޝަންސް" ދައްކަން ފެށިއިރު، ކިމް-ކޭގެ އާއިލާގެ ގިނަ މެމްބަރުންނަކީ އެއްވެސް ވަރަކަށް ބަޔަކު ދަންނަ މޫނުތަކެއް ނޫނެވެ. ނަމަވެސް، ކިމް އޭރު ވަނީ އޭނާގެ އެކުވެރި ޕެރިސް ހިލްޓަންގެ ރިއާލިޓީ ޝޯއެއްގައި ކޮންމެވެސް ވަރެއްގެ ރޯލެއް އަދާކޮށްފައެވެ. މީގެ އިތުރުން، ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި ކިމްގެ ބައްޕަ، ރޮބާޓް ކާޑޭޝަން ވަނީ، މަރެއްގެ މައްސަލާގައި އޯޖޭ ސިމްސަންސްގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށް، މީޑިއާގެ ސަމާލުކަން ހޯދާފައެވެ. ރޮބާޓް ކާޑޭޝަން މަރުވީ 2003 ވަނަ އަހަރުއެވެ.

ގިނަ ބައެއްގެ މަލާމާތާ ފުރައްސާ އަމާޒުވަމުން ދިޔަ ނަމަވެސް، ރިއާލިޓީ ޝޯ، "ކީޕިންގް އަޕް ވިތް ދަ ކާޑޭޝަންސް"އަށް ގިނަ އެވޯޑްތަކެއްވެސް ވަނީ ލިބިފައެވެ. އަދި މިއީ "އީ!" ޗެނަލުން ދައްކާ، އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައިވެސް ހިމެނޭ ޕްރޮގްރާމެއްކަން ފާހަގަކުރަންޖެހެއެވެ.