ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަށް އެންމެ އާންމު ކޮށް ހަދާ ޕީސީއާރް ޓެސްޓަށް ސާމްޕަލް ނެގުމަކީ ވޭން ހުރި ކަމެއްކަން މިއަދު ގިނަ ބަޔަކު ގަބޫލު ކުރާނެއެވެ. ކަރާއި ނޭފަތުގެ އެންމެ އެތެރެއިން ސާމްޕަލް ނަގައިގެން ހަދާ މި ޓެސްޓަކީ، ސާމްޕަލް ދޭ މީހާއާއި ނަގާ މީހާއަށްވެސް ތަކުލީފާއި ވޭން ބޮޑު ޓެސްޓެކެވެ.

ސައެންސާ ޓެކްނޮލޮޖީގެ އެހީގައި މިކަމަށް ލުއިފަސޭހަ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އުއްމީދުގެ އަލިކަމެއް މިވަނީ ފެންނަން ފަށާފައެވެ. ދާދި ފަހުން އާންމު ކުރި 2 ދިރާސާއަކަށް ނަޒަރު ހިންގާއިރު، ކުޅުގެ ސާމްޕަލް ޓެސްޓު ކޮށްގެން، ކޮވިޑް-19 ދެނެގަތުމުގެ ފުރުސަތު އެބަ އޮތްކަން މިހާރު މިވަނީ ހާމަވެފައެވެ. 2 ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ކުޅުގެ ސާމްޕަލްއިން ކޮވިޑް-19 ދެނެގަތުމަކީ، ކަރާއި ނޭފަތުގެ އެންމެ އެތެރަށް ދަނޑިކޮޅު ލައްވައިގެން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓުތައްހާ އިތުރުބާރު އޮތް ގޮތެއްކަން ވަނީ ހާމަވެފައެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ކުޅުގެ ސާމްޕަލް ނަގާފައި/ފޮޓޯ: ކޭޔޫއެންއާރް

މިއީ ހަމަ ޔަގީނުންވެސް ސާމްޕަލް ދޭން ތިބި މީހުން މަރުހަބާ ކިއާނެ ދިރާސާތެކެކެވެ. ހައްޓަށް ލިބޭ ވޭން ކުޑަވުމުގެ އިތުރަށް، ކުޅުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމަކީ، ފަންނީ ގޮތުން ބަލާއިރުވެސް ލުއި ފަސޭހަ ގޮތެކެވެ. ކަރާއި ނޭފަތުގެ އެންމެ އެތެރެއިން ސްވޮބް ސާމްޕަލް ނެގުމަކީ، ވަކި ހުނަރެއް ދަސްކޮށްގެން ނޫނީ އެންމެ ފުރިހަމަ، އަދި ރައްކާތެރި ގޮތުގައި ނުކުރެވޭނެ ކަމަކަށް ވީ ނަމަވެސް، ކުޅުގެ ސާމްޕަލް ނެގުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. މިއީ ވަގުތު ސަލާމަތް ވުމުގެ އިތުރުން، ޕޭޝަންޓުންނަށް ހިދުމަތް ދިނުމަށް، ސިއްހީ ހިދުމަތްތެރިންނަށްވެސް ވަގުތު ދެނިވި ގޮތަކަށް ވާނެކަން ޔަގީނެވެ.

ޔޭލްގެ ދިރާސާ

މިތަނުން އެއް ދިރާސާ ކުރިއަށް ގެންދިޔައީ ޔޭލް ޔުނިވާސިޓީގެ ޓީމަކުންނެވެ. އެ ޓީމުންވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން 70 ޕޭޝަންޓުންގެ ހަށިގަނޑުން ސާމްޕަލް ނަގާފައެވެ. މި ޕޭޝަންޓުންނަށް ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރު ކޮށްފައިވަނީ އާންމު އުސޫލުން ހަދާ ޓެސްޓުތަކުންނެވެ. ދިރާސާގެ ބޭނުމަށް، ކޮންމެ ޕޭޝަންޓެއްގެ ހަށިގަނޑުން ހަމަ މި ބީދައިން އިތުރު ސާމްޕަލެއް ނެގިއެވެ. ސާމްޕަލް ނެގީ ނޭފަތުގެ އެންމެ އެތެރެއިންނެވެ. މި ސާމްޕަލް ނަގަނީ ސިއްހީ ތަޖުރިބާކާރުންނެވެ. މިއާއެކު، ކޮންމެ ޕޭޝަންޓަކުވެސް ކުޅުގެ ސާމްޕަލެއް ދިނުމަށް އިރުޝާދު ދެވުނެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: ނިއްކޭ އޭޝަން ރިވިއު

މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ކުޅުގެ ސާމްޕަލްއިން ވައިރަސް ދެނެގަތުމުގެ ފުރުސަތު މާ ބޮޑެވެ. ޕީސީއާރް ޓެސްޓުން ޕޭޝަންޓު ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ 5 ދުވަހުގެ ތެރޭގައި ހެދި ކުޅުގެ ޓެސްޓުތަކަށް ބަލާއިރު 81 ޕަސެންޓް ނަތީޖާ ދެއްކީ އެމީހާ ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށެވެ. ހަމަ މިމުއްދަތުގައި ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ނޭފަތުގެ ސާމްޕަލް ތަކުން ދެއްކީ އެންމެ 71 ޕަސެންޓް ކޭހުގައެވެ. 10 ވަނަ ދުވަހަށްފަހު ހެދި ޓެސްޓުތަކުގައިވެސް މިފަދަ ބޮޑު ފަރަގެއް އުޅުނުކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.

ކުޅުން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓުތަކުގައި އިތުރު ފައިދާއެއްވެސް އެބައޮތެވެ. ދިރާސާ ޓީމުތަކުން ވަނީ، ވައިރަހުގެ އިތުރު ޖެނެޓިކް މާއްދާތަކެއްވެސް ކުޅުގެ ސާމްޕަލްގެ އެހީގައި ދެނެގެންފައެވެ.

ރަށަށް ކޮވިޑް ފެތުރިފައި ވޭތޯ ބެލުމަށް ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަނީ / ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ބައިވެރިކޮށްގެންވެސް ކުޅުގެ ސާމްޕަލްއާ ގުޅޭ ދިރާސާވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދިރާސާގައި ކޮވިޑް-19ގެ އަލާމާތެއް 495 މީހުން ބައިވެރިވިއެވެ. މީގެ ތެރެއިން 13 މީހެއްގެ ނަތީޖާ ޕޮޒިޓިވް ކަމަށް ދެއްކިއެވެ. މީގެ ތެރެއިން 9 މީހަކު، ހަމަ އެދުވަހު ނޭފަތުން ސާމްޕަލް ނަގައިގެން ކޮވިޑް-19އަށް ޓެސްޓު ކުރިއެވެ. ނޭފަތުގެ ސާމްޕަލްއިން ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ދެއްކީ އެންމެ 2 ކޭހުގައެވެ. ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން މި 13 ކޭސްވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްކަން ކަށަވަރު ވެފައެވެ.

މި ހޯދުންތައް ޝާއިއުކޮށްފައިވަނީ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީއިން މީހެއްގެ ނޭފަތުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ޔޭލް ޔުނިވާސިޓީގެ ދިރާސާ ޓީމުން ވަކާލާތު ކުރާ ގޮތުގައި، މިއީ ކޮވިޑް-19އަށް ޓެސްޓު ކުރުން އިތުރު ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ކުޅުގެ ސާމްޕަލްއިން ވައިރަހަށް ޓެސްޓު ކުރުމަށް ދެވޭ އިތުރު ހިތްވަރެކެވެ.

ކެނެޑާގެ ހޯދުންތައް

ދެވަނަ ދިރާސާއަކީ ކެނެޑާގެ ދިރާސާއެކެވެ. މި ދިރާސާގައި 2000 އެއްހާ މީހުން ބައިވެރިކުރިއެވެ. މީގެ ތެރޭގައި ހިމެނުނީ ކޮވިޑް-19ގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެންނަމުންދިޔަ މީހުންނާ، ހައި ރިސްކު ގިންތީގައި ހިމެނޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ނެތް މީހުންނެވެ. މި ހުރިހާ ބައިވެރިންވެސް 2 ގޮތަށް ޓެސްޓު ކުރެވުނެވެ. ހުރިހާ ބައިވެރިންވެސް ކުޅުގެ ސާމްޕަލް ނެގީ އަމިއްލައަށެވެ.

1939 ސާމްޕަލް ޖޯޑެއްގެ ނަތީޖާއަށް ބަލާއިރު، ކޮވިޑް-19އަށް ޕޮޒިޓިވްވީ 34 ކޭހެކެވެ. 14 ކޭހެއް ކުޅުގެ ސާމްޕަލްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ނަމަވެސް ނޭފަތުގެ ސާމްޕަލްއިން އެ ކޭސްތައް ވަނީ ނެގެޓިވްވެފައެވެ. 22 ކޭހެއް އަނެއް ކޮޅަށްވެސް ހިނގިއެވެ.

ކުޅު ނަގައިގެން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ތައްޔާރު ކޮށްފައިވާ ކިޓްތަކެއް/ފޮޓޯ: ދަ ސައެންޓިސްޓް މެގަޒިން

މި ދިރާސާގެ ހޯދުންތައް އާންމުކޮށްފައި ވަނީ އެނަލްސް އޮފް އިންޓާނަލް މެޑިސިންގައެވެ.

ކެނެޑާގެ ހޯދުންތަކުގައި ނޭފަތުގެ ސާމްޕަލްއިން ވައިރަސް ދެނެގަނެވުން މިންވަރު އިތުރުވި ނަމަވެސް، ގިނަ ބަޔަކު ސްކްރީން ކުރުމަށް އެންމެ އެކަށީގެންވާ ގޮތަކީ ކުޅުގެ ސާމްޕަލް ނެގުން ކަމަށް ދިރާސާ ކުރިއަށް ގެންދިޔަ ޔުނިވާސިޓީ އޮފް އޮޓާވާ، ޑެލްހޯޒީ ޔުނިވާސިޓީ އަދި ކެނެޑާގެ ނޭޝަނަލް މައިކްރޮބައޮލޮޖީ ލެބޯޓްރީއިން ވަނީ ކަނޑައަޅާފައެވެ.

ފައިދާތައް އިންތިހާ

ކަރާއި ނޭފަތުގެ އެންމެ އެތެތެއިން ސާމްޕަލް ނަގަން ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ބަޔަކު ހަރަކާތްތެރިވާން ޖެހުމާ، ޓެސްޓު ކުރުމަށް ކެމިކަލް ރީޖަންޓްސް ބޭނުންވުމަކީ، ވަސީލަތުގެ ގޮތުން ބަލާއިރު މިއަދު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަންތައްތަކެކެވެ. އިންސާނީ ވަސީލަތާ، ލެބޯޓްރީ ވަސީލަތްތަކުގެ ދަތިކަން އެންމެ ކުރިއަރާފައިވާ ގައުމުތަކަށްވެސް ވަނީ އޭގެ އެންމެ އިންތިހާއަށް ފޯރާފައެވެ.

މީހެއްގެ ނޭފަތުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: މީޑިއަމް

ކަން މިހެން އޮތްއިރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނަރު ޑރ ސްޓީވަން ހާންވެސް ވަނީ، ވަސީލަތްތައް ލިބުމުގެ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ވަގުތެއްގައިވެސް ކުޅުގެ ސާމްޕަލުން ބައްޔަށް ސްކްރީން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ކަމަށެވެ. އެފްޑީއޭއިން މިހާރުވެސް ވަނީ ކުޅުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމަށް ތަރައްގީ ކޮށްފައިވާ 5 ކިޓަކަށް ރުހުން ދީފައެވެ.