ދުނިޔޭގެ އުތުރު ސަރަހައްދުގެ ގައުމުތަކަށް ފިނި މޫސުމުގެ ދުވަސްތައް ކުރިމަތިވަމުން އަންނައިރު، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަދި އިތުރު 1.9 މީހުންގެ ފުރާނަ ގެއްލިދިއުމުގެ ފުރުސަތު އެބައޮތް ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ އިތުރުބާރު ހޯދާފައިވާ ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ ގްލޯބަލް މޮޑެލްއަކުން ލަފާކޮށްފިއެވެ.
ވޮޝިންގްޓަން ޔުނިވާސިޓީގެ މޮޑެލްއަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން ޑިސެމްބަރު މަހު، ދުވާލެއްގެ މައްޗަށް 30000 މީހެއްގެ ފުރާނަ ގެއްލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަސް އަންނައިރު، ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 2.8 މިލިއަނަށް އަރާނެ ކަމަށް މި މޮޑެލްއިން ލަފާކުރެއެވެ.
ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ އިންސްޓިޓިއުޓް ފޮރ ހެލްތް މެޓްރިކްސް އެންޑް އިވޭލުއޭޝަން (އައިއެޗްއެމްއީ) ގެ ޑރ ކްރިސްޓަފާ މަރީ ވިދާޅުވީ، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާ، މާސްކު އެޅުން މަޖުބޫރު ކުރުވައިފިނަމަ އަދިވެސް އެތައް ސަތޭކަ ހާސް ފުރާނައެއް ސަލާމަތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރު ކަމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ގިނަ ގައުމުތަކެއްގެ އެންމެ އިސްލީޑަރުންވެސް އާދަޔާ ހިލާފަށް "ވަރުބަލި" ވުމުގެ މައްސަލަ ފެންމަތިވެފައިވާކަމަށްވެސް ޑރ މަރީ ވަނީ ފާހަގަކުރައްވާފައެވެ.
ޑރ މަރީ އިތުރަށް ވިދާޅުވީ ޑިސެމްބަރު މަހަކީ، ވަކިން ހާއްސަކޮށް، ވިލާތާ، މެދު ތެރޭ އޭޝިއާގެ ގައުމުތަކާ އެމެރިކާއަށް ބިރު ބޮޑު މަހެއް ކަމަށެވެ. ނަމަވެސް ސައެންސްގެ އަލީގައި ފެންނަ ހެކިތައް ސާފު ކަމަށާ، މާސްކު ބޭނުން ކުރުމާ، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާ، އާންމު އެއްވުންތައް ވީހާވެސް މަދު ކުރުމަކީ ކޮވިޑް-19 ޖައްސާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަންތައްތަކެއް ކަން ޑރ މަރީ ވަނީ ފާހަގަކުރައްވާފައެވެ.
އައެޗްއެމްއީގެ މޮޑެލްއަށް ބަލާއިރު، ޑިސެމްބަރު މަސް ފެށިގެން އަންނައިރު، އެމެރިކާއިން ދުވާލެއްގެ މައްޗަށް 2900 މީހެއްގެ ފުރާނަ، މި ބަލިމަޑުކަމުގައި ގެއްލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޖަނަވަރީ 1 ވަނަ ދުވަސް އަންނައިރު، ކޮވިޑް-19ގައި އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައި ވާނީ އިންޑިއާ، އެމެރިކާ، ބްރެޒިލް އަދި މެކްސިކޯއާއި ޖަޕާނުން ކަމަށްވެސް މި މޮޑެލްއިން ވަނީ ލަފާކޮށްފައެވެ.