މިއަދު ތަޖުރިބާކުރަމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން، ކުރިއަށް އޮތް 2021 ވަނަ އަހަރަކީ ދެކުނު އެޝިއާ ސަރަހައްދުން އިންތިހާ ފަގީރު ކަމުގެ ހާލަތަށް ވެއްޓޭނެ އަންހެނުންގެ އަދަދު އިތުރުވާނެ އަހަރެއް ކަމަށް އދއިން ލަފާ ކޮށްފިއެވެ.
"ފްރޮމް އިންސައިޓްސް ޓު އެކްޝަން: ޖެންޑާ އީކުއާލިޓީ އިން ދަ ވޭކް އޮފް ކޮވިޑް-19" ގެ ނަމުގައި އދއިން ޝާއިއުކޮށްފައިވާ ރިޕޯޓް ބުނާ ގޮތުގައި، 2021 ވަނަ އަހަރު އަންނައިރު، ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުން 47 މިލިއަނެއްހާ އަންހެން ކުދިންނާ އަންހެނުން، އިންތިހާ ފަގީރު ކަމުގެ ހާލަތަށް ވެއްޓުމުގެ ނުރައްކާ އެބައޮތެވެ.
އދއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުން އިންތިހާ ފަގީރުކަމުގައި ދިރިއުޅޭ އަންހެނުންގެ ނިސްބަތް، ފިރިހެނުންނަށް ވުރެ އިތުރުވާނެއެވެ. އަދި ކުރިއަށް އޮތް 10 ވަރަކަށް އަހަރު ދުވަހުގެ ރާސްތާ އަށް ބަލާއިރު، އުމުރުން 25-34 އަހަރާ ދެމެދު ޒުވާން އަންހެނުން، އިންތިހާ ފަގީރު ކަމުގައި އުޅޭ މިންވަރު އިތުރުވާނެ ކަމަށްވެސް އދއިން ލަފާ ކުރެއެވެ. އެގޮތުން ފަގީރު ހާލުގައި އުޅޭ ކޮންމެ 100 ފިރިހެނަކަށް، 118 ފަގީރު އަންހެނުން 2021 ވަނަ އަހަރު އަންނައިރު އުޅޭނެ ކަމަށާ، 2030 ވަނަ އަހަރު އަންނައިރު ކޮންމެ 100 ފިރިހެނަކަށް 129 އަންހެނުން ފަގީރު ހާލުގައި އުޅޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އދއިން ބުނާ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި އިންތިހާ ފަގީރުކަން އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި އިގުތިސޯދީ ހީނަރުކަމެވެ. މިކަމަކީ އަންހެނުންނާ އަންހެން ކުދިންގެ ނާޒުކު ހާލަތު އިތުރަށް އަންގައިދޭ ކަމެއް ކަމަށްވެސް އދގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ބަނަ ވިލާގަނޑު ބޯމަތިވުމުގެ ކުރިން، 2021 ވަނަ އަހަރު ދެކުނު އޭޝިއާ ސަރަހައްދުގެ އަންހެނުންގެ މެދުގައި އިންތިހާ ފަގީރުކަން އޮންނާނެ ކަމަށް ބެލެވުނީ 10 އިންސައްތައަށެވެ. ނަމަވެސް، މިއަދަދު މިހާރު ވަނީ 13 ޕަސެންޓަށް އިތުރުވެފައެވެ. ކޮވިޑް-19ގެ ކުރިން އެކުލަވާލި ތަފާސް ހިސާބުތަކަށް ބަލާއިރު، 2030 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ ފަގީރު އަންހެނުންނާ އަންހެން ކުދިންގެ އާބާދީގެ 15.8 ޕަސެންޓް ދިރިއުޅެމުންދާނެ ކަމަށް ލަފާކޮށްފައި އޮތީވެސް ދެކުނު އޭޝިއާ ސަރަހައްދުގައެވެ.
މިހާތަނަށް އެކުލަވާލާފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު ކޮވިޑް-19ގެ ސަބަބުން 60 މިލިއަނެއްހާ މީހުން އިންތިހާ ފަގީރުކަމުގެ ހާލަތަށް ވެއްޓޭނެ ކަމަށް އޮތީ ލަފާކޮށްފައެވެ. ނަމަވެސް އާ ހޯދުންތަކާއެކު، މިއަދަދު މިހާރު ވަނީ 70-100 މިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. އަދި މި ބަލިމަޑުކަން ދިގުލައިގެން ހިނގައްޖެނަމަ މިއަދަދު، މިއަށްވުރެވެސް މައްޗަށް އެރުން އެކަށީގެންވާކަމަށް އޮތީ ލަފާކޮށްފައެވެ.
ކަން މިހެން އޮތްއިރު، މިއީ މި ގައުމުތަކަށް ކްރެޑިޓް ދޫކުރާ ފަރާތްތަކުން ދަރަނި ފިލުވުމަށް މި ގައުމުތަކަށް ލުއިދޭންވީ ވަގުތު ކަމަށްވެސް، ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.