ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލިހުން މިގޮތަށް ނިންމީ އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބީއެމްއެލް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާ މެދު ފިނޭންސް މިނިސްޓްރީން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާ ކުރުމަށްފަހުއެވެ.
ރައީސް އޮފީހުން ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަކީ ހުއްޓުމެއް ނެތި އަބަދުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލުމުން އެ ބޭންކުގެ މާލީ ގާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށެވެ.
އަދި ހަމަ އެހެންމެ އެސްޑީއެފްސީ ގަތުމަށް ފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބީއެމްއެލް އިން ހުށަހަޅާފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ، ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ބޭންކުން ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަށް ފަހު، އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި އެ ތަން ހިންގާނީ ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިންނެވެ.
ބީއެމްއެލްގެ ދަށުން ހިނގަމުންދާ އިރު ވެސް އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރާނީ މިހާރުގެ އިންޓަރެސްޓް ރޭޓުތަކަށް ވުރެ ބޮޑު ނުވާ ގޮތަށް ކަމަށާއި މާލީ މުއާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ނިންމުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން ބީއެމްއެލްގެ ނެޓްވޯކް މެދުވެރިކޮށް ރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގެ ޚިދުމަތް ފުޅާވެގެން ދާނެއެވެ. އަދި އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސްޑީއެފްސީގެ އެފިޝަންސީ ރަނގަޅުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ބީއެމްއެލްއަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ބެލެނިވެރިކަމާއެކު އެސްޑީއެފްސީގެ ގަވަނަންސްވެސް ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ހިމާލދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައްވެސް ހަރުދަނާ ވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.