ކުޅުދުއްފުށީ ކައުންސިލުން އެ ރަށު ވިޔަފާރިވެރިންނަށް ސްކީމެއް ތައާރަފުކޮށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

"މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިން ސްކީމް"ގެ ނަމުގައި ތައާރަފްކުރި މި ސްކީމްގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުން ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށީ ކައުންސިލުން އެކުލަވާލި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގް އުސޫލުގައި ބުނެފައި ވަނީ:

  • ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ދެވޭނީ 6 މަސްދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ.
  • ގްރޭސް ޕީރިއަޑްގެ މުއްދަތު ގުނަން ފަށާނީ އެގްރިމެންޓްގައި ސޮއިކުރާ ދުވަހުން ފެށިގެންނެވެ.
  • މިސްކީމުގެ ދަށުން ދުކުރެވޭ ފައިސ،ާ އެގްރިމަންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން ގިނަވެގެން 15 ދުވަސްތެރޭގައި ދޫކުރާނެ އެވެ.
  • މިސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސ،ާ ގްރޭސް ޕީރިއަޑް ނިމޭ ދުވަހުން ފެށިގެން މީލާދީ ގޮތުން 03 އަހަރު މުއްދަތައް ބަހާލައިގެން އަނބުރާ ދެއްކޭނެއެވެ.
  • ސްކީމްގެ ދަށުން ދޫކުރަނީ ގިނަވެގެން 100،000 ރުފިޔާ އެވެ.

ސްކީމްގެ ދަށުން ފައިސާ ދޫކުރުމަށް ނިންމާފައި ވަނީ:

  • ކުޅުދުއްފުށީގައި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތައް
  • ކުޅުދުއްފުށީގައި އަލަށް ވިޔަފާރި ފަށާ ފަރާތްތައް
  • ކުޅުދުއްފުށީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުދި ވިޔަފާރިތަކަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި ސްކީމްގެ 50 ޕަސެންޓު ހާއްސަ ކުރެވިފައިވަނީ އަންހެނުންނަށެވެ. ނަމަވެސް ކަނޑައެޅިފައިވާ ޕަސެންޓަށް އަންހެނުން ސްކީމަށް އެދި ހުށަހަޅާފައި ނުވާނަމަ ފިރިހެނުންގެ ތެރެއިން އެ ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ ކަމަށް ވެއެވެ.

މި ސްކީމްގެ ދަށުން 19 ދާއިރާއަށް ސްކީމް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އަމިއްލަ އުފެއްދުންތަކާއި، ރޭނުމާއި ވަޑާމުގެ މަސައްކަތްތައް، ފެހުން، އަތްތެރި މަސައްކަތް، އިވެންޓް މެނޭޖްމެންޓު، ފަތުރުވެރިކަމުގެ ސިނާއަތް، ކާބޯތަކެތި އުފެއްދުން، ފޮޓޯގްރަފީއާއި ދަނޑުވެރިކަމުގެ އިތުރުން ކުޅިވަރު އަދި ފިޓްނަސްވެސް ހިމެނެއެވެ.

މިސްކީމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު އަންނަމަހުގެ 15 ދުވަހާއި ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ސްކީމަށްް އެދޭ ފޯމު މިސްކީމްގެ ދަށުން ފައިސާ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ބިޒްނަސް ޕްރޮޕޯސަލްގެ ޓެމްޕްލޭޓް ދިވެހި ސަރުކާރުގެ ގެޒެޓުން ގެޒެޓުން ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ސްކީމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ދެ ޝެޝަނެއް ބޭއްވުމަށް ކުލުދުށްފުށީ ސިޓީ ކައުންސިލުން ވަނީ ނިންމާފައިވާއިރު އަންހެން ވިޔަފާރިވެރިންނަށްް ބާއްވާ މައުލޫމާތު ދިނުމުގެ ޝެޝަން އޮންނާނީ 21 ޖުލައިގައެވެ. އަދި ފިރިހެން ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުން އޮންނާނީ 22 ޖުލައިގައިކަމަށް ކުޅުއްފުށީ ސިޓީ ކައުންސިލުން ބުނެއެވެ.