ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކުރިއަށް އޮތް 2 އަހަރު ތެރޭ ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައި އޮތްއިރު، ބައެއް ލުއިތައް ޖެނުއަރީ 1 ފެށިގެން ތަންފީޒުކުރަން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފައެވެ. މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހު ކެބިނެޓުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް 2 އަހަރަކީ، ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ހަމަޖައްސާފައިވާ ދެ އަހަރުގެ ގޮތުގައި ނިންމަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބައެއް ކަންކަން ޖެނުއަރީ 1، 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެކަމަށާއި، މި ކަމުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރަމުން ދާނެކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސްގެ މި ނިންމެވުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށާއި އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ވޭތުވެ ދިޔަ 2 އަހަރުގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވަމުން ސައީދު ވިދާޅުވީ، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ލޯނު ދޫކޮށްފައިވާ އިރު، 10 ދާއިރާއެއް ހިމެނޭ މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ލޯނާއި މެރިކަލްޗާ އާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެކި ބިލްތަކަށް ފިނޭނސް މިނިސްޓްރީން 13 ބިލިޔަން ރުފިޔާގެ ފައިސާ ދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިން 5 ބިލިޔަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.