މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ބާރުވެރި ކުރުމަށްޓަކައި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހާއްސަ އީ -ކޮމާސް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

"މަހަ" ނަމުގައި ތައާރަފުކުރި އީ-ކޮމާސް ޕޯޓަލް އަކީ، އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށް، ހަފްތާ ސާދައިގެ މަގު ޗާޓުގައި ކަނޑައަޅާފައިވާ ވައުދުގެ ދަށުން، ތަޢާރަފް ކުރި ޕޯޓަލް އެއް ކަމަށް ބީސީސީން ބުނެއެވެ.

މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްޑީއެފްސީގެ މެނޭޖިންގް ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީއެވެ. ޕޯޓަލްގައި ރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މަހަ ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަމުން އިގްތިސާދީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވީ، މި ޕޯޓަލްއާއެކު މަހާއި މަހުގެ އުފެއްދުންތަކުގެ އިތުރުން މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ހުރެގެން އެތަކެތި ވިއްކާ އާމްދަނީ ހޯދުމުގެ މަގު ފަހި ވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ބީސީސީއާއި އެސްޑީއެފްސީ އާއި އެ ވުޒާރާ ގުޅިގެން ސަރުކާރުގެ ތެރެއިން މިފަދަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ބީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު، ސާމިހް އާދަމް ވިދާޅުވީ، ދިވެހި އުފެއްދުންތެރިކަން ކުރިއަރުވާ، ދިވެހިއުފެއްދުންތަކަށް ރާއްޖެއާއި ބައިނަލްއަގްވާމީ ބާޒާރުތަކުން ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ބީސީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސްއަކީ ޖުމުލަ ގޮތެއްގައި ހުރިހާ ދިވެހި އުފެއްދުންތެރީންނަށް ހުޅުވާލެވިފައިވާ ދޮރެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަހަ ޕޯޓަލް ފަރުމާކޮށްފައިވަނީ ވިޔަފާރިތަކަށް ފަސޭހައިން ތަކެތި ވިއްކުމަށާއި، ގަންނަ ފަރާތާއި އުފައްދާ ފަރާތާއި ދެމެދު ފަސޭހައިން މުއާމަލާތް ކުރެވޭނެ ގޮތަށެވެ.