ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކުރިއަށް އޮތް 2 އަހަރު ތެރޭ ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރައީސްގެ މި ނިންމެވުން އިއުލާން ކުރައްވާފައެވެ.
ދާދި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފައެވެ. ސައީދު ވިދާޅުވީ އެއާއެކު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް 2 އަހަރަކީ، ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ހަމަޖައްސާފައިވާ ދެ އަހަރުގެ ގޮތުގައި ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިން ހިއްސާ ކުރި ގިނަ ކަންތައްތަކުގެ އިތުރަށް ވެސް އިތުރު ކަންކަން ހިމެނޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ރައީސްގެ މި ނިންމެވުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށާއި އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. ވޭތުވެ ދިޔަ 2 އަހަރުގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވަމުން ސައީދު ވިދާޅުވީ، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ލޯނު ދޫކޮށްފައިވާ އިރު، 10 ދާއިރާއެއް ހިމެނޭ މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ލޯނާއި މެރިކަލްޗާ އާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެކި ބިލްތަކަށް ފިނޭނސް މިނިސްޓްރީން 13 ބިލިޔަން ރުފިޔާގެ ފައިސާ ދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިން 5 ބިލިޔަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމަށްޓަކައި ބީއެމްއެލް އިން ދޭ ޑޮލަރުގެ ސަޕޯޓަށް ގެނެސްފައިވާ ބަދަލުތައް ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، 2500 އަށްވުރެ ދަށް އަދަދުތަކުގެ ބިލުތަކަށް 50 ޕަސެންޓާ ހަމައަށް އަދި 2500 އާއި 5000 ދެމެދުގެ ބިލުތައް 30 ޕަސެންޓާ ހަމައަށް ޓީޓީ ހެދުމަށް ރަސްމީ ޑޮލަރު ރޭޓުގައި އަންނަނީ ދެމުން ކަމަށެވެ. އަދި 5000 މަތީގެ ބިލުތަކަށް 15 ޕަސެންޓް ޓީޓީ ހެދުމަށް ޑޮލަރު ދޫކުރާއިރު، މި ނޫނަސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
