ނިސްބަތުން ކިތަންމެ މަދު އަދަދެއްގެ ބަޔަކު ބޭނުން ކުރި ކަމުގައި ވީ ނަމަވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޓްރެކް ކުރުމަށް ތައާރަފު ކޮށްފައި ވާ އެޕްލިކޭޝަންތަކަކީ، ބަލިމަޑުކަން ފެތުރިގެން ދިއުން އިންތިހާއަށް ދަށްކުރުމުގެ ގާބިލުކަން ލިބިފައިވާ އެޕްލިކޭޝަންތަކެއް ކަމަށް، ގޫގްލްއާއި އޮކްސްފޯޑް ޔުނިވާސިޓީގެ ރިސާޗަރުން ޝާއިއު ކުރި ދިރާސާއެއް ބުނެފިއެވެ.

ގޫގްލްގެ ބެލެނިވެރި އެލްފަބެޓް އިންކޯޕަރޭޝަންއާއި އޮކްސްފޯޑް ޔުނިވާސިޓީގެ ނަފީލްޑް ޑިޕާޓްމަންޓް އޮފް މެޑިސިން ގުޅިގެން އެކުލަވާލާފައިވާ ސްޓެޓިސްޓިކަލް މޮޑެލިންގްއަށް ބަލާއިރު، ކޮންޓެކްޓް ޓްރޭސް ކުރުމަށް، ކަމަށް ގާބިލު ވަރުގަދަ ޓީމެއް އޮތުމާއެކު، އާބާދީގެ އެންމެ 15 ޕަސެންޓް މީހުން އެޕްލިކޭޝަން ބޭނުން ކުރުމުންވެސް، އިންފެކްޝަން ރޭޓް 15 ޕަސެންޓް ދަށްކުރެވި، މި ބަލީގައި މަރުވާ ނިސްބަތް 11 ޕަސެންޓް ދަށް ކުރެވެއެވެ.

ހަމައެކަނި ކޮންޓެކްޓް ޓްރޭސިންގް އެޕްތަކަށް ބަރޯސާވާ ހާލަތުގައި، އާބާދީގެ 15 ޕަސެންޓް މީހުން މި އެޕްލިކޭޝަން ބޭނުން ކުރާ ނަމަ، އިންފެކްޝަން ރޭޓް 8 ޕަސެންޓް، އަދި މަރުވާ ނިސްބަތުން 6 ޕަސެންޓް ދަށް ކުރެވޭ ކަމަށްވެސް މި ދިރާސާ ދައްކައެވެ.

މި ދިރާސާ އެކުލަވާލާފައިވަނީ ގޫގްލްއާއި އެޕަލް އިންކޯޕަރޭޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ކޮންޓެކްޓް ޓްރޭސިންގް އެޕްލިކޭޝަން ފަދަ ޑިޖިޓަލް އެޕްލިކޭޝަންތަކުން އެއްކުރި މައުލޫމާތު މައްޗަށް ބިނާކޮށެވެ.

ދިވެހިރާއްޖެއިންވެސް ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް "ޓްރޭސް އެކީ"ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފައެވެ. އަދި ވީހާވެސް ގިނަ ބަޔަކު، މި އެޕްލިކޭޝަންގެ ބޭނުން ހިފުމަށް، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާދެއްވައެވެ.