ހައުސިން ޑިވެލޮޕްމަންޓް ފައިނޭން ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ލޯނުތައް މި މަހުން ފެށިގެން އަނބުރާ ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެޗްޑީއެފްސީން ބުނީ ކޮވިޑް-19 އާ ގުޅިގެން އެކުންފުނިން ލޯނުތަކަށް ދިން މޮރިޓޯރިއަމް ހަމަވުމާއެކު މި މަހުން ފެށިގެން ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން އެޗްޑިއެފްސީން ވަނީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ހަ މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތެއްދީފައެވެ. އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެޗްޑީއެފްސީން ލޯނު ދައްކާ މުއްދަތު އިތުރު ނުކުރި ނަމަވެސް ބީއެމްއެލް އަދި އެސްޑީއެފްސީން ވަނީ ލޯނު ދެއްކުމުގެ މުއްދަތު އިތުރު ކޮށްދީފައެވެ.

އެގޮތުން ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާ ފަސް ކޮށްދިނުމަށް މިހާތަނަށް އެދި ހުށަހަޅާފައި ނުވާ ފަރާތްތަކަށް ޑިސެމްބަރު 31، 2020ގެ ނިޔަލަށް އެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

ހަމައެހެންމެ ކޮވިޑްއާ ގުޅިގެން އެސްއެމްއީ ދޫކޮށްފައިވާ ލޯންތަކަށް ދީފައިވާ ލުއި މި އަހަރު ނިމެންދެން އެ މުއްދަތު އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިދޭން ވަނީ ނިންމާފައެވެ.

ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައެވެ. އެގޮތުން ރާއްޖޭގައިވެސް އިގްތިސޯދަށް ދިމާވެފައިވާ ހީނަރުކަމުގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ލިބެމުން ދިޔަ އާމްދަނީ ކުޑަވެ ދިރިއުޅުމުގެ ހާލަތަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖެއްގެ ތެރެއިން ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައެވެ.

ހަމައެއާއެކު ކުރިން ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކުރެވޭނެ ގޮތަށް މޮރޮޓޯރިއަމް ސްކީމެއް ވަނީ ހަމަަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުން ދަނީ އިންކަމް ސަޕޯޓް އެލަވަންސެއްގެ ގޮތުން ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި،އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.