ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޯކަލް ޓްރާންސްމިޝަނެއް ނުވަތަ އާބާދީގެ މެދުގައި ބަލިމަޑުކަން ފެތުރިގެން ޕޮޒިޓިވްވެފައިވާ ކޭހެއް ތައިލޭންޑުން ނުފެންނަތާ ވިދިވިދިގެން 100 ދުވަސް ހަމަވެއްޖެއެވެ.

މި އަމާޒަށް މިހާތަނަށް ވާސިލުވެވިފައިވަނީ މަދު ގައުމަކަށެވެ. އެގޮތުން ޓައިވާންއާއި ނިއުޒީލަންޑް ފާހަގަ ކުރެވޭއިރު، 100 ދުވަސް ހަމަވިތާ މާ ގިނަ ދުވަހެއް ނުވެ، ނިއުޒީލަންޑްއިން އަނެއްކާވެސް ވަނީ ކޭސްތައް ފެންނަން ފަށާފައެވެ.

ތައިލޭންޑުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެގައުމުން ކޮމިއުނިޓީ (ލޯކަލް) ޓްރާންމިޝަންއެއް އެންމެ ފަހުން ރެކޯޑް ކޮށްފައި ވަނީ މެއި 26 ވަނަ ދުވަހުއެވެ. ލޯކަލް ޓްރާންސްމިޝަނެއް ނެތް ނަމަވެސް، ބޭރުން އެތެރެވާ ފަސެންޖަރުންގެ ތެރެއިން ބަލީގެ ކޭސްތައް ފެންނަމުން ދެއެވެ. މި ގޮތަށް އެތެރެވާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތައް ކަރަންޓީނަށް ފޮނުވާލާއިރު، މުޖުތަމައަށް ދޫކޮށްލަނީ ބަލިން ރަނގަޅުވުމުންނެވެ.

ނިއުޒީލަންޑްގެ ކުރި އަރާފައިވާ ގައުމުތަކާ އެއް ލިސްޓަކުން ތައިލޭންޑުން ޖާގަ ހޯދާފައިވާއިރު، މިކަމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ، ބޯޑަރުގައި އެގައުމުން ގެންގުޅެމުންދާ ހަރުކަށި ސިޔާސަތެވެ. ވިޔަފާރިއާއި ފަރުވެރިކަމަށް އިންތިހާއަށް ބަރޯސާވެފައި އޮތް ތައިލޭންޑްގެ ބޯޑަރު، އަދިވެސް ބިދޭސީންނަށް ބަންދެވެ. ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހިންގައިގަތުމަށް ވިޔަފާރިވެރިން ޑިމާންޑް ކުރަމުންދާއިރު، ތައިލޭންޑްގެ ސަރުކާރުން ވަނީ ކަނޑައެޅޭ ވަކި އުސޫލަކުން މި ލުއިތައް ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް ކަނޑައެޅިފައިވާ އުސޫލުތައް އަދިވެސް ހާމައެއް ނުކުރެއެވެ.

ތައިލޭންޑަށްވެސް މިއަދު ކުރިމަތިލާން ޖެހިފައިވާ ބަލިމަޑުކަމުގައި އިންސާނިއްޔަތުގެ ފުރާނަ ސަލާމަތް ކުރުމާ، އިގުތިސޯދު ނެގެހެއްޓުމާ ދެމެދު ހަމަހަމަކަން ގެންގުޅުމުގެ އުނދަގޫ ނިންމުން ނިންމަންޖެހޭ ވަގުތާއެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތައް ހުއްޓުމަކަށް ގެނެއި ގެނައުމުގެ ތަކުލީފުތައް ބޮޑުވެ، ބަލިމަޑުކަމަށް ލުޔެއް ނުލިބެނީސް އިންޑިއާއާއި އެމެރިކާ ފަދަ ބޮޑެތި ވިޔަފާރިތަކުން މިހާރު ވަނީ ގައުމު ހުޅުވަން ފަށާފައެވެ.

ލޯކަލް ޓްރާންސްމިޝަން އުވާލި ލިސްޓުން ނިއުޒީލަންޑްގެ ނަން އަނބުރާ ނަގަންޖެހިފައިވާއިރު، މިކަމަށް ތައިލޭންޑުން ފާރައަށް އޮންނާނެ ކަމަށް އެގައުމުން ޚަބަރު ދެއެވެ.