ކޮވިޑާ ގުޅިގެން އެޗްޑީއެފްސީން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމަށް އެޗްޑީއެފްސީން އަދި ގޮތެއް ނުނިއްމާ ކަމަށް އެބޭންކުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެޗްޑީއެފްސީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އަދި މިހާރު އޮތް ގޮތުން ނަމަ އޮތީ މިމަހު މޮނިޓޯރިއަމް ހަމަވާ ގޮތަށް ކަމަށާއި، އަދި އެކަމާ ގުޅޭގޮތުން މެނޭޖްމެންޓުން ވަކި ގޮތެއް ނުނިއްމާ ކަމަށެވެ.

އަދި މިހާރު އޮތްގޮތުން ވިއްޔާ އަދި އޮތީ މިމަހުގެ ނިޔަލަށް، އަދި މެނޭޖްމެންޓުން ވަކި ގޮތެއް ނުއެއް ނިއްމާ،ވަކި ގޮތެއް ނިންމައިފި ނަމަ މިކޮޅުން އަންގާނެ
އެޗްޑީއެފްސީގެ އިންފޮމޭޝަން އޮފިސަރު

އެޗްޑީއެފްސީން ލޯނު ދައްކާ މުއްދަތު އިތުރު ނުކުރި ނަމަވެސް ބީއެމްއެލް އަދި އެސްޑީއެފްސީން ވަނީ ލޯނު ދެއްކުމުގެ މުއްދަތު އިތުރު ކޮށްދީފައެވެ.

އެގޮތުން ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާ ފަސް ކޮށްދިނުމަށް މިހާތަނަށް އެދި ހުށަހަޅާފައި ނުވާ ފަރާތްތަކަށް ޑިސެމްބަރު 31، 2020ގެ ނިޔަލަށް އެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

ބީއެމްއެލް އިން ބުނީ ލޯނަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކޮށްދީފައި ވާ ގިނަ ކަސްޓަމަރުންނަށް ދީފައިވާ 6 މަސްދުވަހުގެ މުއްދަތު މިހާރު ނިމުމަކަށް އައިސްފައި ވާކަމަށާއި އެހެން ކަމުން ބޭންކުން ކަސްޓަމަރުންނަށް ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހަމައެހެންމެ ކޮވިޑްއާ ގުޅިގެން އެސްޑީއެފްސީން ދޫކޮށްފައިވާ ލޯންތަކަށް ދީފައިވާ ލުއި މި އަހަރު ނިމެންދެން އެ މުއްދަތު އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިދޭން ވަނީ ނިންމާފައެވެ.

އެސްޑީއެފްސީން ނަގާފައިވާ ލޯންތަކަށް ދިން ލުއި އަހަރު ނިމެންދެން އިތުރު ކޮށްފައި ވާއިރު، އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި އެހެން ބޭންކްތަކުން ވެސް މިފަދަ ބަދަލުތަކެއް މި ދަނޑިވަޅުގައި ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައެވެ. އެގޮތުން ރާއްޖޭގައިވެސް އިގްތިސޯދަށް ދިމާވެފައިވާ ހީނަރުކަމުގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ލިބެމުން ދިޔަ އާމްދަނީ ކުޑަވެ ދިރިއުޅުމުގެ ހާލަތަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖެއްގެ ތެރެއިން ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައެވެ.

ހަމައެއާއެކު ކުރިން ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކުރެވޭނެ ގޮތަށް މޮރޮޓޯރިއަމް ސްކީމެއް ވަނީ ހަމަަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުން ދަނީ އިންކަމް ސަޕޯޓް އެލަވަންސެއްގެ ގޮތުން ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި،އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.