ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރުން މަޑުޖައްސާލުމަށް ހިތްވަރު ދޭ ގޮތަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ ގައިޑްލައިންތަކަށް ބަދަލު ގެނައުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށް، ގައިންގައަށް އަރާ ބަލިތަކާ ބެހޭ ތަޖުރިބާކާރު ޑރ ރޮޝޭލް ވޮލަންސްކީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މެސަޝޫސެޓްސް ޖެނެރަލް ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީޒަސް ޑިވިޝަންގެ އިސްވެރިޔާ ޑރ ވޮލަންސްކީ ވިދާޅުވީ ޓެސްޓު ކުރުމަކީ ގައިންގައަށް އަރާ ބަލިމަޑުކަމެއް ފެތުރިގެންދާއިރު އެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ބިންގާ ކަމަށެވެ.

ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާ، މާސްކު އެޅުމުގެ އިތުރުން، ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް މިވަގުތު އެޅެން އޮތް އެންމެ މުހިންމު އެއް ހުރަހަކީ ޓެސްޓު ކުރުން ކަން ގަބޫލުކުރަންޖެހިފައިވާކަމަށް ޑރ ވޮލަންސްކީ ވިދާޅުވިއެވެ. ކަންމިހެން އޮތްއިރު، ވީހާވެސް ގިނައެއްކޮށް ޓެސްޓު ކުރުމުގެ ބަދަލުގައި، ޓެސްޓު ކުރުން މަޑުޖައްސާލަން ހިފުމަކީ، ހެދޭ ބޮޑު ގޯހެއް ކަމަށް ޑރ ވޮލަންސްކީ ވަނީ ސިފަކުރައްވާފައެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މީހެއްގެ ރެންޑަމް ސާމްޕަލް ނަގަނީ

ކޮވިޑް-19އަކީ އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރުފުށުން އަލާމާތެއް ނުފެނި ވައިރަސް އުފުލާ ޕޭޝަންޓުންގެ ފަރާތުންވެސް އެހެން މީހަށް ޖެހޭ ބައްޔަކަށް ބާއިރު، ސާވޭލަންސް އުސޫލުން ކުރާ ޓެސްޓުތައްވެސް ކުރިއަށް ގެންދަންޖެހޭ ކަމަށް ޑރ ވޮލަންސްކީ ވަނީ ބާރު އަޅުއްވާފައެވެ.

ސީޑީސީގެ ގައިޑްލައިންއަށް ގެނައި އިސްލާހު ބުނާ ގޮތުގައި، އެމީހަކީ ކޮވިޑް-19ގެ ޕޮޒިޓިވް ކޭހަކާ އެކީ އެއްތާވީ ކޮންޓެކްޓަކަށް ވީ ކަމުގައި ވާ ނަމަވެސް، ކޮންޓެކްޓްގެ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަމަ ޓެސްޓު ކުރާކަށް ނުޖެހެއެވެ. ކޮވިޑް-19އަށް ޓެސްޓު ކުރުމަށް އެންމެ "މުނާސަބު" ވަގުތަކީވެސް ބަލިޖެހިފައި ވާ މީހަކަށް ހުށަހެޅުމަށް ފަހުގައި ކަމަށްވެސް ޑރ ވޮލަންސްކީ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވެ، ގައުމުތަކުގެ ސަރުކާރުތަކަށް އަންނަ ފާޑުކިއުންތަކާ ޕްރެޝަރު ބޮޑުވަމުންދާ މިދަނޑިވަޅުގައި، ބައެއް ގައުމުތަކުން ދަނީ މި ބައްޔަށް ޓެސްޓު ކުރާ މިންވަރު މަދު ކުރަމުންނެވެ. މިއީ ތަފާސް ހިސާބުތަކުން ޕޮޒިޓިވް ކޭސް ދަށްކުރާނެ ކަމަކަށް ވީ ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ދަނީ މި ފަދަ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލަމުންނެވެ.