ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ މިސްކިތްތަކަކަށް އަމާޒުކޮށް، 2019 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ބަޑީގެ ހަމަލާތަކެއް ދީ، 51 މީހެއްގެ ފުރާނަ ދުއްވާލި އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓްގެ މައްޗަށް، ކަފާލާތާ ނުލާ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިއީ ނިއުޒީލަންޑްގައި މީހެއްގެ މައްޗަށް މިފަދަ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

އުމުރުން 29 އަހަރުގެ ޓެރަންޓް ވަނީ، 51 މީހަކު މަރާލާ، އިތުރު 40 މީހަކު މަރަން މަސައްކަތް ކުރި ކަމުގެ އިތުރުން ޓެރަރިޒަމްގެ ދައުވާއަށްވެސް އިއުތިރާފުވެފައެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ 2 މިސްކިތަކަށް ހުކުރު ދުވަހު ދިން ވަރުގަދަ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ އެކަކު/ފޮޓޯ: ހެރާލްޑް ސަން

މައްސަލަ ބެއްލެވި ފަނޑިޔާރު ކެމެރަން މެންޑާ ވިދާޅުވީ، މަރު ދުވަހާ ޖެހެންދެން ޓެރަންޓް ޖަލުގައި ބޭއްވި ކަމުގައި ވީ ނަމަވެސް އޭނާ ކުރި ކުށުގެ އަދަބު ހަމަނުވާނެ ކަމަށެވެ.

ޓެރަންޓްގެ މައްޗަށް ހުކުމް އިއްވުމަށް ކުރިއަށްދިޔަ ޝަރިޔަތް 4 ދުވަހަށް ދިގުލާ ދިޔައިރު، އޭނާގެ ޝިކާރައަކަށްވި 60 މީހެއްގެ ބަޔާން ވަނީ އިއްވާފައެވެ. ހުކުމް އިއްވުމަށް ކުރިއަށްދިޔަ މަޖިލީހުގެ ފަހު ދުވަހު، ކީރިތި ޤުރުއާންގެ އާޔަތްތަކެއްވެސް ވަނީ އިއްވާފައެވެ.

ޓެރަންޓް އަމާޒު ހިފާފައި ހުރީ މަރާލެވުނުހާ ގިނަ އަދަދެއްގެ ބަޔަކު މަރާލުމަށް ކަމަށް ޓެރަންޓް ވަނީ ބުނެފައެވެ. މިސްކިތްތަކުގައި ހުޅުޖަހާ ރޯކުރުމަކީވެސް އޭނާގެ ނިޔަތެއް ކަމަށާ، އެކަން އެގޮތަށް ކުރުމަށް އޭނާ ބޭނުންވެފައި ހުރި ކަމަށްވެސް ޝަރީއަތުގެ މަޖިލީހުގައި ވަނީ އަޑުއިވިގެން ގޮސްފައެވެ. 2 މިސްކިތަކަށް ހަމަލާ އަމާޒުކޮށް ގިނަ ބައެއްގެ ފުރާނަ ދުއްވާލި އިރު، 3 ވަނަ މިސްކިތެއްވެސް އޭނާގެ ރާޑަރުގައި އޮތް ކަމަށް މައުލޫމާތު ލިބެއެވެ.

މާޗް 15، 2019 ވީ ހުކުރު ދުވަހު ނިއުޒީލަންޑްގެ މިސްކިތްތަކަށް ހަމަލާދީ 51 މީހުން މަރާލި ބްރެންޓަން ޓެރަންޓް/ފޮޓޯ: ސްކައިނިއުސް

ހަމަލާތައް ރޭވުމުގެ ގޮތުން ޓެރަންޓް ވަނީ މިސްކިތްތަކުގެ ފްލޯޕްލޭންތައް ދިރާސާކޮށް، މިސްކިތްތަކުގެ ލޮކޭޝަންތަކާ، އެންމެ ބައިބޯވާނެ ވަގުތުތައްވެސް ދިރާސާކޮށްފައެވެ. ހަމަލާ ދިނުމުގެ މަސްތަކެއް ކުރިން، އޭނާގެ ހަމަލާ އަމާޒުވި އެއް މިސްކިތް ކަމަށްވާ އަލް ނޫރު މިސްކިތް ސަރަހައްދުގައި ޓެރަންޓް ޑްރޯންއެއް އުދުއްސި ކަމަށްވެސް ޚަބަރު ލިބެއެވެ. އޮސްޓްރޭލިއާއަށް ނިސްބަތްވާ ޓެރަންޓްގެ ހަމަލާ ދެން އަމާޒުވީ ލިންވުޑް އިސްލާމިކް ސެންޓަރަށެވެ. މީގެ އިތުރުން، އެޝްބާޓަން މިސްކިތަށްވެސް އޭނާގެ ހަމަލާ އަމާޒު ކުރުމަށް އޮތީ ވިސްނާފައެވެ. ޓެރަންޓް ވަނީ އެތައް އަހަރެއް ވަންދެން މި ހަމަލާތައް ރާވާފައެވެ.