ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫނަށް ގުޅުއްވައި ދެއްކެވި ވާހަކައަކާ ގުޅިގެން ޖާބިރަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރޭގައި ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައިސް މައުމޫނު ވަނީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކުރައްވާފައެވެ. ގިނަ ބަޔަކު މައުމޫނަށް އަވަސް ޝިފާއަކަށް އެދިފައި ވެއެވެ.
މައުމޫނުގެ އެ ޓްވީޓާއެކު ޖާބިރު ވަނީ ޣައްސާނަށް މެސެޖެއް ދެއްވާފައެވެ. ފޯނުން ގުޅުއްވާ ޖާބިރު ދެއްކެވި ވާހަކަތައް ޣައްސާނު ވަނީ ޓްވިޓާ މެދުވެރިކުރްވައި ހިއްސާ ކުރައްވާފައެވެ.
އެގޮތުން ޖާބިރު ވަނީ ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ އޭނާއަށް ދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޣައްސާން ވަނީ އާއިލާއަށް ދިމާވެފައިވާ މި ހާސް ވަގުުތުގައި ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކާލައްވައިފައި ވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ އަމަލުގެ ސަބަބުން ވަރަށް ބޮޑަށް ދެރަވެފައިވާކަމަށް ޣައްސާނު ވަނީ ވިދާޅުވެފައެވެ.
ޣައްސާން ވިދާޅުވީ ކޮންމެ ދިރުމެއްވެސް ނިމިދިއުން ހުރީ އެކަނލާންގެ ހަޒުރަތަށް ކަމަށެވެ.
ޖާބިރުގެ އެވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުންނެވެ.