ބްރެޒިލްއަށް ނިސްބަތްވާ ލިޔުންތެރިޔާ އަދި ޕާސަނަލް ޓްރެއިނާ އެޑްސަން ބްރެންޑާއޯއަކީ ފަހަރެއްގައި އާ ނަމަކަށް ވެދާނެއެވެ. ނަމަވެސް، ސޯޝަލް މީޑިއާގެ ދުނިޔޭގައި ބްރެންޑާއޯއަކީ އާ ނަމެއް ނޫނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބަލާބެލުމަށް އެއީ އާދަޔާ ހިލާފު މީހަކަށް ނުވިއަސް، ހަގީގަތް ބަލާލުމަށް ތަންކޮޅެއް ފުނަށް ފީނާލުމުން ބްރެންޑާއޯގެ ހާއްސަކަން އެނގިގެން ދެއެވެ. އާނއެކެވެ. ބްރެންޑާއޯއަކީ މިއަދު އޭނާގެ 50 ގެ އަހަރުތައް ގުނަމުން އަންނަ "ޒުވާނެކެވެ". ފުރަތަމަ ނަޒަރުން، އެއީ 20، 30 އަހަރުގެ ޒުވާނެއް ކަމަށް ބުނާ މީހުން މަދެއް ނޫނެނެވެ.

ބްރެންޑާއޯގެ އުމުރުން ހަގީގަތުގައިވެސް 20،30ގެ އަހަރުތަކުގައި ނަގާފައިވާ ފޮޓޯތަކާ، އޭނާ މިހާރު ނަގަމުންދާ ފޮޓޯތަކަށް ބަލާލުމުން، ދުވަހަކަށް ވުރެ ދުވަހެއް ޒުވާން ކަމަށް ދައްކާކަމަށްވެސް ބުނެވިދާނެއެވެ. މިކަމުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟

ބްރެންޑާއޯ ގަބޫލުކުރާ ގޮތުގައި މިކަމުގައި އޭނާގެ ޖީންސްގެ ދައުރެއް އޮވެއެވެ. މީގެ އިތުރުން، ކަންކަމާ މެދު "ޕޮޒިޓިވް" ނަޒަރަކުން ދެކުމާ، ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބި ކުރުމަކީވެސް މިކަމުގެ ސަބަބުތައް ކަމަށް ބްރެންޑާއޯ ބުނެއެވެ. އެއްވެސް ހާލެއްގައި ކޮސްމެޓިކްސް ސާޖަރީ ހާދަފައި ނުވާނެ ކަމަށްވެސް ބްރެންޑާއޯ ބުނެއެވެ.

ބްރެންޑާއޯ ކައިބޮއި ހަދަނީ ތަގައްޔަރު މާއްދާތަކުން ސަލާމަތްވެފައިވާ ކާބޯތަކެއްޗެވެ. ކެއުމުގައި މޭވާއާއި ތަރުކާރީ ހިމަނައެވެ. ކޮންމެ އެއްޗެއްވެސް ކަނީ މެދުމިންވަރަކަށެވެ. ހަކުރެއް ބޭނުމެއް ނުކުރެއެވެ. ސިނާއީ އުފެއްދުންތަކުން ތައްޔާރުކުރާ ކާބޯތަކެއްޗެއް ބޭނުމެއް ނުކުރެއެވެ. ތައްޔާރީ ބުއިންތަކާވެސް ބީރައްޓެސެވެ. ގިނަގިނައިން ފެންވެސް ބޮއެވެ. ގައިގެ ހަމުގެ ސިއްހަތަށްވެސް ފަރުވާ ދެއެވެ. އެގޮތުން، ޒުވާންކަމުގައި ދެމިހުރުމަށް އެހީވެދޭ ކްރީމްތައް ގަވައިދުން ބޭނުން ކުރާ ކަމަށް ބްރެންޑާއޯ އެއްބަސްވެއެވެ.

މީގެ އިތުރުން، ފާހަގަކުރަންޖެހޭ އަނެއް ކަމަކީ ބްރެންޑާއޯއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ، މަސްތުވާތަކެއްޗާވެސް ދުރުގައި އުޅޭ މީހެއް ކަމެވެ. އޭނާގެ ހަޔާތުގައި އެންމެ ފަހަރަކުވެސް މިއިން ކަމެއް ތަޖުރިބާކޮށްފައި ނުވާނެ ކަމަށް ބްރެންޑާއޯ ބުނެއެވެ.

https://www.instagram.com/p/CB1BzYvAPyv/?utm_source=ig_embed

ބްރެންޑާއޯގެ ކާމިޔާބީ ފެނި، އެކަމަށް ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން މިހާރު އޭނާ ދަނީ އެކި ކަހަލަ މައުލުމާތު ހިމަނައިގެން ވެބްސައިޓެއްވެސް ހިންގަމުންނެވެ. އަދި "ޔަންގް އާފްޓާ 40" ގެ ނަމުގައި ފޮތެއްވެސް ޝާއިއުކޮށްފައެވެ. ބްރެންޑާއޯގެ އަމާޒަކީ، މީހަކު ކަމަކަށް ބޭނުންވެއްޖެނަމަ އެކަމެއް ހާސިލު ކުރެވިދާނެ ކަން ސާބިތު ކޮށްދިނުމެވެ. ބްރެންޑާއޯ ބުނާ ގޮތުގައި މި ސިއްރުގެ އަސާސަކީ އަމިއްލަ ނަފުސު ދެކެ ލޯބިވުމެވެ.