ގުދުރަތީ ގޭހުގެ ރިޒާވްގެ މައްސަލާގައި މަސްރަހު ނުތަނަވަސްވެފައިވާ ތުރުކީވިލާތާ ގްރީސްއިން މިއަދުގެ ވަގުތެއްގައި، އިރުމަތީ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ވަކިވަކީން ހިންގާނެ ކަން އިއުލާންކޮށްފިއެވެ.

ސައިޕްރަސްއާއި ގްރީސް ހިއްސާކުރާ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުން ގުދުރަތީ ގޭހުގެ ބޮޑު ރިޒާވްއެއް ފެނިފައިވާ ކަމަށް ތުރުކީވިލާތުން މިދިޔަ ހަފުތާގައި އިއުލާން ކޮށްފައިވާއިރު، ހަކަތައިގެ ސިނާއަތް ކޮންޓްރޯލް ކުރުމަށް ސަރަހައްދީ ވާދަވެރިންގެ މެދުގައި ހަސަދައިގެ ހުޅުގަނޑެއް ފަޅައިގެން ގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.

މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުން އަދިވެސް އިތުރު ރިޒާވްތައް ހޯދުމަށް ތުރުކީވިލާތުން ދިރާސާތައް ކުރަމުންދާއިރު، އެ ސަރަހައްދުގައި ކަނޑާ، ވައިގެ މަގުން އަސްކަރީ ތަމްރީނުތައް ހިންގާނެ ކަމަށް ގްރީސްއިން ވަނީ އިއުލާންކޮށްފައެވެ. މި ސަރަހައްދުގައި ތުރުކީވިލާތުން ހަރަކާތްތެރިވާ ގޮތް ވިލަރެސް ކުރުމަށް ފަރަންސޭސިވިލާތުންވެސް ވަނީ އަސްކަރީ ފައުޖެއް ހަރަކާތްތެރި ކުރުވަން ފަށާފައެވެ.

ތުރުކީވިލާތާ ގްރީސްއާއި ދެމެދު ހަކަތައިގެ މައްސަލާގައި މަސްރަހު ހޫނު ވަމުންދާއިރު، ލުއި ހައްލެއް ހޯދުމަށް އިސް ނަގާފައިވަނީ ޖަރުމަނުވިލާތުންނެވެ. ނަމަވެސް ނުތަނަވަސްވެފައިވާ ކަނޑުގެ ސަރަހައްދުގައި 2 ގައުމުންވެސް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަން އިއުލާން ކުރުމާއެކު ހާލަތު ވަނީ އިތުރު ހާސް ކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް ގްރީސްއިން އަތްގަދަ ކުރަމުންދަނީ އެދެވޭ ރޫހެއްގައި ނޫން ކަމަށް ތުރުކީވިލާތުން ތުހުމަތު ކުރެއެވެ. މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި ގައުމުތަކަށް ސަރަހައްދީ އިން ބައިވެގެންދާ ގޮތާ މެދު ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ.