2019 ވަނަ އަހަރު ނިމެންދަނިކޮށް ޗައިނާގެ ވޫހާން ސިޓީއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދޭނެ ވަކި ފަރުވާއެއް، ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ގައުމުތަކަށްވެސް އަދި ނުހޯދެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރަނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އެކި އަލާމާތްތަކަށް ބަލައިގެންނެވެ. އެކި ގައުމުތަކުން އެކި ފަރުވާތައް ތަޖުރިބާ ކުރަމުންދާއިރު، މި ބަލީގައި އެންމެ ހާލު ސީރިއަސްވާ ޕޭޝަންޓުންނަށް ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީ ދިނުމަށް ބައެއް ގައުމުތަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވި ގައުމަކީ އެމެރިކާއެވެ.

ޕްލާޒްމާ ތެރަޕީއަކީ ލޭގައި އެކުލެވޭ ޕްލާޒްމާގެ ބޭނުންކޮށްގެން، ހަލާކުވެފައިވާ އެހެން ބައިތަކަކަށް ފަރުވާ ދިނުމެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ ޑރ ޢަބުދުލްޢަޒީޒު ޙަމީދުގެ ސިއްހަތު ބްލޮގްގައި، ލޭގެ ޕްލާޒްމާ ތަފްސީލު ކޮށްދެއްވަމުން ވިދާޅުވަނީ އެއީ ލޭގެ ސެލްތައް އެއެއްޗެއްގެ ތެރޭގައި ގެބިފައި ހުންނަ ދިޔަވަރު ކަމުގައެވެ. ނުވަތަ އެއީ ލޭގެ ދިޔާ ބައެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ ލޭގެ ސެލްތައް އޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ކޯރެވެ.

ކޮވިޑް-19އަށް ފަރުވާ ހޯދާފައިވާ މީހަކު ޕްލާޒްމާ ތެރަޕީއަށް ލޭގެ ސާމްޕަލް ޑޮނޭޓް ކުރަނީ/ފޮޓޯ: އީޓީ ހެލްތްވާލްޑް

ކޮވިޑް-19އާ ޕްލާޒްމާ ތެރަޕީ

ކޮވިޑް-19އަށް ޕްލާޒްމާ ނަގަނީ، މި ބަލި ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އަށް އިންފެކްޓްވެ، އެ ބަލިން ރަނގަޅުވެ، ޝިފާ ލިބިފައިވާ މީހުންގެ ހަށިގަނޑުންނެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ކޮމިޝަނަރު ޑރ ސްޓީވަން ހާން ވިދާޅުވާ ގޮތުގައި، ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީއަކީ ގައިންގައަށް އަރާ ބަލިތަކަށް ފަރުވާ ދިނުމަށް އެތައް ސަތޭކަ އަހަރެއް ވަންދެން ބޭނުން ކުރަމުން އައިސްފައިވާ ތެރަޕީއެއް ކަމަށެވެ.

ކުއްލި ހާލަތުގައި ކޮވިޑް-19އަށް ފަރުވާ ދިނުމަށް ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީ ދިނުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވައިޓްހައުސްގައި ކުރިއަށް ގެންދިޔަ ބްރީފިންގްއެއްގައި ވާހަކަދައްކަވަމުން ޑރ ހާން ވިދާޅުވީ، މި ފަރުވާގެ ކާމިޔާބީ ވަޒަން ކުރުމަށް އެފްޑީއޭއިން ކުރިއަށް ގެންދިޔަ މިނިވަން ތަހުގީގުތަކެއްގެ މުރާޖައާ ކަމަށާ، އެ މަސައްކަތުން އުއްމީދީ ނަތީޖާތަކެއް ލިބިފައިވާކަމަށެވެ. ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ދޫކޮށްފައިވާ ހުއްދައަކީ، ކޮވިޑް-19އަށް އާންމު އުސޫލުން ފަރުވާ ދިނުމަށް ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީ ބޭނުން ކުރަން ދޫކުރި ހުއްދައެއް ނޫނެވެ. ޑރ ހާންވެސް ވަނީ، އިތުރު ތަފްސީލުތަކަށް މަޑުކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ.

ކޮވިޑް-19އަށް ފަރުވާއެއްގެ ގޮތުގައި ޗައިނާގައި ބައެއް ޑޮކްޓަރުން ތަހުލީލު ކުރަމުންދާ ޕްލާޒްމާ ތެރަޕީއަށް ހާއްސަކޮށްފައިވާ ޔުނިޓެއް ދައްކާލަނީ/ފޮޓޯ: ރޮއިޓާޒް

ހުއްދަ ލަސްވަނީ ސިޔާސީ ސަބަބަކާ ހެދި؟

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީއަށް ފުރިހަމަ ހުއްދައެއް ނުދީ އެފްޑީއޭއިން ލަސްކުރަމުންދަނީ ސިޔާސީ މަގުސަދަކަށްޓަކައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ގިނަ ބައެއްގެ ފާޑުކިއުންތައް ޓްރަމްޕަށް އަމާޒުވަމުންދާ މި ދަނޑިވަޅުގައި، ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީއަށް ރަސްމީ ހުއްދައެއް ދިނުން ލަސްވުމުގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތްކަމަށް ތުހުމަތު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އެފަދަ ނުފޫޒެއް ފޯރުވަންވީ ވަގުތު ނޫން ކަމަށާ، މިއީ ބައެއްގެ ފުރާނައާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ކަންމިހެން އޮތްއިރު، އެފްޑީއޭއިން ކޮންވަލެސެންޓް ޕްލާޒްމާ ފަރުވާއަށް ވަގުތީ ހުއްދައެއް ދީފައިވަނީ ވައިޓްހައުސްގެ ނުފޫޒުންތޯ ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ދެންނެވުމަށް ޑރ ހާން ވަނީ އިންކާރު ކުރައްވާފައެވެ.

އެބޯލާއާއި ހަނގުރާމަ ކުރުމަށްފަހު ކޮވިޑް-19އާ ދެކޮޅަށް އެމެރިކާގައި ހަނގުރާމަ ކުރަމުންދާ އީއާރް ޑޮކްޓަރ ކްރެއިގް ސްޕެންސާ/ފޮޓޯ: ޓައިމް މެގަޒިން

ސުވާލު އުފެދުން

ކޮވިޑް-19ގައި ނުތަނަވަސްވެގެންދާ ހާލަތްތަކުގައި ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީ ބޭނުން ކުރުމަށް އެފްޑީއޭއިން ވަގުތީ ހުއްދައެއް ދޫކުރި ނަމަވެސް، މި ފަރުވާގެ ކާމިޔާބު ކަމާ މެދު ސުވާލުތަކެއް އަދިވެސް އެބަހުރި ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.

ޖޯޖް ވޮޝިންގްޓަން ޔުނިވާސިޓީގެ ޕްރޮފެސާ އޮފް މެޑިސިން ޑރ ޖޮނަތަން ރެއިނާ ވިދާޅުވާ ގޮތުގައި މިއީ ކާމިޔާބު ފަރުވާއެއް ކަމަށް އެކަށީގެންވާ މިންވަރަކަށް ބާރުދޭނެ ކިތާބީ ހެކިތަކެއް ލިބިފައެއް ނެތެވެ.

މިއީ ކާމިޔާބު ފަރުވާއެއް ކަމަށް އެމެރިކާގެ ސަރުކާރުން ސިފަކުރަމުން އަންނަނީ މާޔޯކުލިނިކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ރިއާޔަތް ކުރަމުންނެވެ. އެ ދިރާސާ ބުނާ ގޮތުގައި، ބަލީގެ ކުރީކޮޅު ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީގެ މަތީ ޑޯޒްތަކެއް ދިނުމުން މީހުންގެ ފުރާނަ ސަލާމަތްވާ މިންވަރު 35 ޕަސެންޓް އިތުރުވެއެވެ.

ޑރ ރެއިނާ ވިދާޅުވާ ގޮތުގައި މިއީ އާންމު އުސޫލުން ދިރާސާ ކުރިއަށް ގެންދާ ގޮތާ ހިލާފަށް ކުރިއަށް ގެން ގޮސްފައިވާ ދިރާސާއެކެވެ. އެގޮތުން "ޕްލަސީބޯ" ގުރޫޕު ނުވަތަ ކޮންވަލެސެންޓް ޕްލާޒްމާ ތެރަޕީ ނުދޭ ގުރޫޕަކާ އަޅާ ކިއާފައި ނެތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ސިއްހީ ތަޖުރިބާކާރު ޑރ އެންތަނީ ފައޫޗީ/ފޮޓޯ: އަލް ޑްރާގޯ

އެމެރިކާގެ މަޝްހޫރު ފިޒީޝަން އަދި އިމިއުނޮލޮޖިސްޓް ޑރ އެންތަނީ ފައޫޗީވެސް ވަނީ، ކޮންވަލެސެންޓް ޕްލާޒްމާ ފަރުވާއާއި މެދު ފާޑުވެރި ނަޒަރަކުން ވާހަކަދައްކަވާފައެވެ.

ކަންމިހެން އޮތްއިރު، ކޮވިޑް-19އަށް އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާ ޒެނީކާ ގުޅިގެން ތަރައްގީ ކުރަމުންދާ ވެކްސިންގެ ޑޯޒްތައް، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔަސީ އިންތިހާބުގެ ކުރިން ދޭން ފަށާ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް، ވައިޓްހައުސްއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މި ވެކްސިނާ ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ލިބޭ ވަރުވާނީ އަހަރު ފަހުކޮޅު ގައި ކަމަށް ޚުދު އަސްޓްރަޒެނީކާއިން ވަނީ ހާމަކޮށްފައެއްވެ.