އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިންސާނުންގެ ތެރޭގައި ދެމި އޮންނާނެ ކަމުގެ އިންޒާރު، އިނގިރޭސިވިލާތުގެ ސައެންޓިފިކް އެޑްވައިޒަރީ ގުރޫޕު ފޮ އެމާޖެންސީޒް (ސޭޖު) ގެ ސައެންޓިސްޓު ސާ މާކް ވޯލްޕޯޓް ދެއްވައިފިއެވެ.
މީލާދީން 1918 ވަނަ އަހަރު ދުނިޔެ ދުށް "ސްޕެނިޝް ފްލޫ" ގެ ބަލިމަޑުކަމުގައިވެސް 2 އަހަރެއްހާ ދުވަސް ހޭދަވިއިރު، މިއަދު ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަންވެސް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމުމަކަށް އައިސްދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެފައިވަނިކޮށް، އެއާ ތައާރަޒުވާ ރޫހެއްގައި ސައެންޓިސްޓް މާކް ވޯލްޕޯޓް ވިދާޅުވީ، ކޮވިޑް-19އިން ދިފާއުވުމަށް ވަކި މުއްދަތަކުން ތަކުރާރުކޮށް ވެކްސިން ޖަހަމުންދާންޖެހޭނެ ކަމަށެވެ.
ސައެންޓިސްޓް މާކް ވޯލްޕޯޓް ވިދާޅުވީ އަދުގެ ދުނިޔޭގައި އާބާދީތައް ބައިބޯވެފައި ވުމާ ދަތުރުފަތުރުކުރުން އިންތިހާއަށް އޮތުމީ ފަސޭހައިން ވައިރަސް ފަތުރާލަދޭ ހާލަތްތަކެއް ކަމަށާ، 1918 ވަނަ އަހަރާ އަޅާ ބަލާއިރު އަދުގެ ދުނިޔޭގެ އާބާދީވެސް އިންތިހާއަށް އިތުރުވެފައި ވާ ކަމަށެވެ.
ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ވެކްސިން ދިނުމުގެ މަޝްރޫއު ހިންގަންޖެހޭނެ ކަމަށާ، ނަމަވެސް، ކޮވިޑް-19އަކީ ހިމިބިހި ފަދައިން ވެކްސިން ދީގެން ނައްތާލެވިދާނެ ބައްޔެއް ނޫން ކަމަށްވެސް ސައެންޓިސްޓް މާކް ވޯލްޕޯޓް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މޫސުމީ ރޯގާތަކަށް ވަކި މުއްދަތަކުން ވެކްސިން ޖަހާހެން، ކޮވިޑް-19އަށް ތަކުރާރުކޮށް ވެކްސިން ޖަހަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
މިމޭރުމުން ސައެންޓިސްޓް މާކް ވޯލްޕޯޓް ވަނީ ކޮވިޑް-19ގެ އިތުރު ތޫފާނެއްގެ އިންޒާރުވެސް ދެއްވާފައެވެ. ނަމަވެސް ކުރިން ތަންފީޒު ކުރި ލޮކްޑައުންގެ ހަރުކަށި އަމުރުތަކާ ހިލާފަށް، މި ފިޔަވަޅުތަކަކީ ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވާ ވަކިވަކި ސަރަހައްދުތަކަށް ހާއްސަ ފިޔަވަޅުތަކަކަށް ހެދުމަށްވެސް އޭނާ ވަނީ ބާރު އަޅުއްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 23.38 މިލިއަން މީހަކު މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 8 ލައްކައަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.