ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ އެކި މީހުންގެ ހަށިގަނޑުން ފެންނަނީ އެކި އަލާމާތެވެ. އެގޮތުން، ކާއެއްޗިހީގައި ރަހަ ނުލުމާ، އެއްވެސް ވަރަކަށް ވަސް ނުދުވުމަކީވެސް ބައެއް ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކެކެވެ. ކަން މިހެން އޮތް އިރު، ކޮވިޑް-19 ޖެހި، ވަސް ދުވުމުގެ ހިއްސަށް އަންނަ ބަދަލަކީ، އެހެން ރޯގާތައް ޖެހުމުން ވަސް ދުވުމުގެ ހިއްސަށް އަންނަ ބަދަލުތަކާ ތަފާތު ކަމެއް ހުރި ބަދަލުތަކެއް ކަމަށް ވިލާތު ބައްރުގައި ކުރި ދިރާސާއަކުން މި ވަނީ ދައްކާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ވަސްދުވުމުގެ ހިއްސަށް އުނިކަން އަންނަނީ ކުއްލިއަކަށް ކަމަށާ، އަދި ސީރިއަސް ދަރަޖައަކަށް އެ މައްސަލަ ކުރިމަތިވާ ކަމަށް ބުނެވެއެވެ. އެންމެ ބޮޑު އެއް ތަފާތަކީ އެހެން ރޯގާތައް ޖެހޭ މީހުންގެ ނޭފަތް ބެދިގެން ވަސް ނުދުވާއިރު، ކޮވިޑް-19ގެ ޕޭޝަންޓުންގެ ތެރެއިން ވަސްދުވުމުގެ ހިއްސަށް ބަދަލު އައި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ނޭފަތް ބެދުމުގެ މައްސަލަ ކުރިމަތި ނުވާކަމެވެ.

މީހެއްގެ ނޭފަތުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: މީޑިއަމް

ރައިނޮލިޖީގައި އާންމު ކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، ކޮވިޑް-19ގެ ޕޭޝަންޓުންގެ ތެރެއިން ރަހަލުމުގެ ހިއްސަށް ބަދަލު އަންނަ ޕޭޝަންޓުންނަށް ހިތި ރަހައާއި ފޮނި ރަހައިގެ ފަރަގު ބުނެދޭކަށް ނޭނގެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިކަން މިހެން މެދުވެރިވަނީ، ވަސްދުވުމާ ރަހަލުމުގެ ހިއްސާ ގުޅިފައިވާ ނާރުތަކަށް ވައިރަހުގެ އަސަރު ކުރުމުގެ ސަބަބުންނެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މީހެއްގެ ހަށިގަނޑުން ނަގާފައިވާ ސާމްޕަލް/ފޮޓޯ: އެންބީސީނިއުސް

ވަސްދުވުމުގެ ދިރާސާ

ދިރާސާގައި އިސްކޮށް ހުންނެވީ ޔުނިވާސިޓީ އޮފް އީސްޓް އެންގލިއާގެ ޕްރޮފެސަރެއް ކަމަށްވާ ކާލް ފިލްޕޮޓްއެވެ. މި ދިރާސާގެ ބޭނުމަށް ސާމްޕަލްގެ ގޮތުގައި ބައިވެރިކުރީ 30 ވޮލަންޓިއަރެކެވެ. އެއީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 10 ޕޭޝަންޓުންނާއި، ގަދައަށް ރޯގާ ޖެހިފައިވާ 10 މީހެއްގެ އިތުރުން ސިއްހަތު ސަލާމަތުން ހުރި 10 މީހުންނެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ ވަސްދުވުމުގެ ހިއްސަށް އައި އުނިކަން މާބޮޑުކަމަށް ދައްކައެވެ. ވަސް ވަކިކޮށް ބަޔާންކޮށްދިނުމަށް މި ޕޭޝަންޓުންނަށް ދަތިތަކެއް ކުރިމަތިވިއިރު، ހިތި ރަހައާއި ފޮނި ރަހަ ވަކި ކޮށްދޭންވެސް އެ ޕޭޝަންޓުންނަށް ނޭނގުނު ކަމަށް ވަނީ ރެކޯޑްކޮށްފައެވެ.

ގޭގައި ހައްދާފައިވާ ގަސްތަކެއްގައި ވަސް ބަލަމުންދާ ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ނިއުސް އެޓްލަސް

ޕްރޮފެސާ ފިލްޕޮޓް ވިދާޅުވާ ގޮތުގައި މި ފަރަގަކީވެސް ކޮވިޑް-19ގެ ޕޭޝަންޓުންނާ އެ ނޫން ރޯގާތަކަށް ޕޮޒިޓިވްވާ މީހުން ދެނެގަތުމަށް ބޭނުން ކުރެވިދާނެ މީޑިއަމްއެއް ކަމަށެވެ. އަދި މިއީ، ކޮފީ، ލޮނެމެދު، އޮރެންޖު، ލުނބޯ އަދި ހަކުރު ފަދަ ބާވަތްތައް ބޭނުންކޮށް ގޭގައި އަމިއްލައަށްވެސް ކޮންމެވެސް ވަރަކަށް ތަޖުރިބާ ކުރެވިދާނެ ކަމެއް ކަމަށާ، ނަމަވެސް ކަމާބެހޭ ފަރާތްކުން ހަދާ މެޑިކަލް ޓެސްޓުތައް ހަދަންޖެހޭނެ ކަމަށެވެ.

ކޮވިޑް-19 ޖެހި، ބަލިން ރަނގަޅުވާތާ މަދު ހަފުތާތަކެއްގެ ތެރޭގައި ވަސްދުވުމާ ރަހަލުމުގެ ހިއްސު އިހު ހުރި ގޮތަށް، ގިނަ ބަޔަކަށް ރުޖޫއަވާކަމަށްވެސް ޕްރޮފެސަރު ވަނީ ފާހަގަކުރައްވާފައެވެ.

އިތުރު ދިރާސާއެއް

މިފަދަ އިތުރު ދިރާސާއެއް ކުރައްވާ އަނެއް ތަޖުރިބާކާރަކީ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ނޭފަތާ ސައިނަސް މައްސަލަތަކުގެ ތަޖުރިބާކާރު ޕްރޮފެސަރު އެންޑްރޫ ލޭންއެވެ.

ކާހިތް ކެނޑި، މާޔޫސްވެފައި އިން މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ޕްރޮފެސާ ލޭންއާއި އޭނާގެ ޓީމުގެ ހޯދުންތައް ޝާއިއު ކުރައްވާފައިވަނީ ޔޫރަޕިއަން ރެސްޕިރޭޓަރީ ޖާނަލްގައެވެ. ޕްރޮފެސާ ލޭންގެ ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒު ކުރައްވާފައިވަނީ ނޭފަތުގައި ހުންނަ އެންޒައިމެއްގެ އެހީގައި، ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް2) ހަށިގަނޑު ތެރެއަށް ދެމިގަންނަނީ ތޯ ކަށަވަރު ކުރުމުގެ މައްޗަށެވެ. ދިރާސާގެ ހޯދުންތައް އެ ގޮތަށް ދައްކާ، ނަތީޖާ ކަށަވަރުވެއްޖެނަމަ، ނޭފަތުގެ ޒަރިއްޔާއިން ދެވޭ އެންޓިވައިރަލް ފަރުވާގެ އެހީގައި އިންފެކްޝަނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕްރޮފެސާ ލޭން ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ އާންމު އަލާމާތްތަކުގެ ގޮތުގައި މިހާރު ބަލާ ކަންކަމުގެ ތެރޭގައި ގަދައަށް ހުން އައުން، އަލަށް - މެދުނުކެނޑި ކެއްސުން، ވަސްދުވުން ނުވަތަ ރަހަލުމުގެ ހިއްސަށް އުނިކަން އައުން ހިމެނެއެވެ. މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަމިއްލައަށް އެކަހެރިވެ، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނަންޖެހެއެވެ. އަދި އެމީހަކާ އެއް ގޭބިސީއެއްގައި ދިރިއުޅެމުންދާ މީހުންނާ އެކީ އެއްތާވީ މީހުންވެސް އަމިއްލައަށް އެކަހެރިވުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.