ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ލުބްނާނުން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.

24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 589 މީހުންނާއެކު ލުބްނާނުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 10347 އަށް އަރާފައެވެ. މި ވަގުތުގެ ތެރޭގައި މަރުވި 2 މީހުންނާއެކު މި ބަލީގައި ލުބްނާނުން މަރުވި މީހުންގެ އަދަދު ވަނީ 109 އަށް އަރާފައެވެ.

ލުބްނާނުން ރެކޯޑް އަދަދަކަށް ކޭސް ރެކޯޑް ކޮށްފައި މިވަނީ، ހުކުރު ދުވަހުން ފަށައިގެން ސެޕްޓެމްބަރު 7 ވަނަ ދުވަހުން ފަށައިގެން 2 ހަފުތާގެ މުއްދަތަށް އެ ގައުމުގައި ލޮކްޑައުންގެ އަމުރު އިއުލާން ކޮށްފައިވަނިކޮށެވެ.

މި ދަނޑިވަޅަކީ މިމަހުގެ ކުރީކޮޅު ބާރުގަދަ ގޮވުމެއް ގޮވި ހާދިސާއާ ގުޅިގެން، އިގުތިސޯދީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ގޮވި ބާރުގަދަ ގޮވުމާ ގުޅިގެން، ކޮވިޑް-19ގެ ކޭސްތައް އިތުރުވެދާނެ ކަމުގެ އިންޒާރު، ލުބްނާންގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ދީފައެވެ.