ހަގީގަތުގައި އެއީ އެ މީހުންގެ ހަޔާތަށް އައި އެންމެ އުފާވެރި އެއް ދުވަހަށް ވާން ޖެހޭ ދުވަހަކެވެ. ނަމަވެސް، ކަން ވެ ނިމުނީ މިއާ މުޅިން ހިލާފަށެވެ.
މިރްވާއިސްއާއި ރީހާނާގެ ކައިވެނި ހަފުލާ ކުރިއަށް ދިޔައީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައެވެ. އެއީ މިދިޔަ އަހަރެވެ. ހައްދު ފަހަނަ އަޅާފައިވާ، ހަތިޔާރުއެޅި، ހަނގުރާމަވެރި، ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިއަކު ބޮމުގެ ހަމަލާއެއް ދިނީ އެ ކައިވެނި ހަފުލާއަށެވެ.
މިރްވާއިސްއާއި ރީހާނާގެ ކައިވެންޏަށް އައިސްތިބި 90 މެހެމާނެއް، ތާ އަބަދަށް މި ދުނިޔެއާ ވަކިކޮށްލިއެވެ. އާއިލާގެ ގާތް މެމްބަރުންނާ، ރަހުމަތްތެރިން މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލީ، މިރްވާއިސްއާއި ރީހާނާގެ ދެމަފިރިންގެ ހަޔާތަށް އައި އެންމެ އުފާވެރި ވަގުތު ކޮޅުގައި ކަމުން، އެ ދަމަފިރިންނަށް ވަނީ ނަފްސާނީ ގޮތުން ފޫ ނުބެދޭ ވަރުގެ ތަކުލީފެއް އުފުލަންޖެހިފައެވެ.
މި ހަފުތާއަކީ، އެ ލާއިންސާނީ ޖަރީމާއަށް އަހަރެއް ފުރާ ހަފުތާއެވެ. މިއީ އުމުރުން އެންމެ 18 އަހަރުގެ ރީހާނާ، އެ ބިރުވެރި ތަޖުރިބާ އާންމުކޮށް ހިއްސާކުރާ ފުރަތަމަ ފަހަރެވެ.
"ކޮންމެ ރެއަކުވެސް އަހަރެންނަށް އެ ބިރުވެރި ހުވަފެން ފެނޭ. ރޮއެ، ގިސްލަން، ނުވެސް ނިދޭ" ރީހާނާ ބުންޏެވެ.
ކާރެއްގައި ދުއްވާފައި ދިޔަ ކަމުގައި ވީ ނަމަވެސް، ޖަމާއަތަކަށް މީހުން އެއްވެފައި ތިބޭ މަންޒަރު ފެނުމުން އޭނާގެ ހިތް ނުތަނަވަސްވެ، ހާސްވެއެވެ.
"ބަޑިއާއި އެކި ކަހަލަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވޭއިރަށް، އެ ބިރުވެރި ދުވަހަށް އަހަރެން ގެންދޭ... އަނެއްކާވެސް އެކަހަލަ ކަމެއް އަހަރެންނަށް ދިމާވެދާނެ ކަމުގެ ބިރު އިހުސާސް ކުރެވޭ" ރީހާނާ އިތުރަށް ކިޔައިދެމުން ދިޔައެވެ.
އައިސިސްގެ އުދުވާނުގައި ފުރާނަ ގެއްލިދިޔަ ބައެއް މީހުންގެ އާއިލާތަކުން ދަނީ، ހަމަލާ ދިން ސަރަހައްދުގައި މުޒާހަރާއެއް ކުރިއަށް ގެންދިއުމަށް ރާވަމުންނެވެ. ނަމަވެސް އެ މުޒާހަރާގައި މިރްވާއިސްއެއް ބައިވެރިއެއް ނުވާނެއެވެ. އެ ދުވަހުގެ ފިކުރު، ވިސްނުމުގައި ފިރުކާލިއަސް މިރްވާއިސް ތުރުތުރު އަޅައެވެ.
"ކައިވެނި ހަފުލާގެ ކުރިން އަހަރެމެން ތިބީ ވަރަށް އުފަލުން. ކުއްލިއަކަށް ހީވީ، އުޑު، ބިމަށް ވެއްޓުނުހެން. އަހަރަމެންގެ ހުރިހާ އުއްމީދެއް ވިއްސިވިހާލިވެގެންދިޔަ" މިރްވާއިސް ބުންޏެވެ.
މިރްވާއިސްއާއި ރީހާނާގެ ކައިވެނި ހަފުތާއަށް އައިސިސްއިން ހަމަލާ ދިނީ އެ ދެމަފިރިންނަކީ އަފްގާނިސްތާނުގެ ޝީއީ ދަރިކޮޅުގެ ދެމަފިރިންނަށް ވީތީއެވެ. ޝީއީންނަކީ އައިސިސްގެ ހުދޫދުން ބޭރު ފިކުރެކެވެ.
މިރްވާއިސްއާއި ރީހާނާގެ ހިތްދަތިކަމާ ތަކުލީފު ގުޅިފައިވަނީ ހަމައެކަނި އައިސިސްއަކާ ނޫނެވެ. އެ ދެމަފިރިންގެ ކައިވެނި ހަފުލާގައި ފުރާނަ ގެއްލިދިޔަ ބައެއް މީހުންގެ އާއިލާތަކުން، މަރުގެ ޒިންމާ އަޅުވަނީ އެ ދެމަފިރިންގެ ބޮލުގައެވެ.
"އެއްދުވަހަކު ބާޒާރު ކުރަނިކޮށް އަންހެނަކު އަރާ ހަމަކުރި، އޭނާއަކީ އަހަރެންގެ ކައިވެނި ހަފުލާގައި މަރުވި މީހެއްގެ އާއިލާ މެމްބަރެއް. އޭނާ އަހަރެންނާ ދިމާލަށް ގާތިލަށް ގޮވި" މިރްވާއިސް ބުންޏެވެ.
މިރްވާއިސް އިތުރަށް ކިޔައި ދިން ގޮތުގައި، ބައެއް އާއިލާތަކުން އެ ދެމަފިރިން މިހާރު ސިފަކުރަނީ "ދުޝްމަނު ހަތުރުން" ގެ ގޮތުގައެވެ. މީހުންގެ ފަރާތުން އެކި ކަހަލަ ފުރައްސާރަ ކުރުންތައް ކުރިމަތިވަމުން ގޮސް، މިރްވާއިސްއަށް އެންމެ ފަހުން ޖެހުނީ އޭނާ ހިންގަމުންދިޔަ ފަހާ ފިހާރަވެސް ބަންދުކުރާށެވެ.
ރީހާނާއަށް އަމާޒުވާ ހަމަލާތައްވެސް މަދެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި، އެ ކައިވެނި ނުކުރި ނަމަ އެފަދަ ހާދިސާއެއް ހިނގާ ނުދިޔައީހެވެ. ރީހާނާ ބުނި ގޮތުގައި، ކައިވެނި ހަފުލާގައި ހިނގާދިޔަ ކަންތަކުގެ ޒިންމާ އެތައް ބަޔަކު އަޅުވަނީ އޭނާގެ ބޮލުގައެވެ. ނަމަވެސް އެއިން އެއްވެސް ކަމަށް ރައްދު ނުދީ، ހަނު ހިމޭނުން އިންނަނީ ކަމަށް ރީހާނާ ބުންޏެވެ.
އަފްގާނިސްތާނަށް އަދިވެސް ހަމަޖެހުން އައިސްފައި ނުވާއިރު، ރީހާނާއާއި މިރްވާއިސްއަށް ދިރިއުޅެން ޖެހިފައިވަނީ އެ މީހުންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހު، ކުރިމަތިލާންޖެހުނު ނާމާން ކަމުގެ ތެރޭގައެވެ.
"ކައިވެންޏަށް ހަފުތާއެއްހާ ދުވަސް ވީ ތަނާ ކަހަލަ ގޮތަކަށް ކާބުލްގެ އެހެން ސަރަހައްދެއްގައި ގޮވުމެއް ގޮވި. އަންހެނުން ގަތް ބިރުން އަނބުރާގަތީ" މިރްވާއިސް ކިޔައިދިނެވެ.
ރީހާނާ މިހާރު ދަނީ ނަފްސާނީ ބަލިމަޑުކަމަށް ފަރުވާ ހޯދަމުންނެވެ. ރީހާނާ ބުނާ ގޮތުގައި، ފަރުވާގެ ތެރެއިން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބެއެވެ. ރީހާނާއަށް ފަރުވާ ދެމުން އަންނަ ސައިކޮލޮޖިސްޓް، ލައިލާ ޝްވާޓްސް ވިދާޅުވީ ރީހާނާއަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް ގޮވުމެއް ހިނގާ ހިސާބުން އަނެއްކާވެސް ހާލަތު ގޯސްވާ ކަމަށެވެ.
އެކި ކަހަލަ ހަމަނުޖެހުންތަކުގައި އަފްގާނިސްތާނުގައި ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު މަރުވެ، ޒަހަމްވަމުންދެއެވެ. ނަމަވެސް ނަފްސާނީ އެހީތެރިކަން ލިބެނީ ނިސްބަތުން މަދު އާއިލާތަކަކަށެވެ. އަސާސީ ސިއްހީ ހަދުމަތްތައްވެސް ކިރިއާ ލިބޭއިރު، ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ ފަރުވާތަކަކީ މާ ބޮޑު އަހިއްމިއްޔަތު ކަމެއް ދެވިފައި އޮންނަ ކަމެއް ނޫނެވެ. ރީހާނާއަށްވެސް ފަރުވާ ހަމަޖައްސާދީފައިވަނީ، ހިލޭ އެހީދޭ ޖަމިއްޔާއަކުންނެވެ.
"އަފްގާނިސްތާނުގެ ކޮންމެ މީހަކީވެސް އާއިލާއެއް މެމްބަރެއް ގެއްލިފައިވާ މީހެއް... ނޫނީ އަމިއްލަ މީހާވެސް އެފަދަ ތަދެއް ތަޖުރިބާކޮށްފައިވާ މީހެއް. މި ގައުމަށް ބޭނުންވޭ ނަފްސާނީ ދުޅަހެޔޮކަމުގެ ރޮނގުން ތަޖުރިބާކާރުން" މިރްވާއިސް ބުންޏެވެ.
ޝަވައިޓްސް މިހާރު މަސައްކަތް ކުރައްވަނީ މިރްވާއީސްއާއި ރީހާނާއަށްވެސް ގައުމުން ބޭރުގައި ދުވަސްކޮޅެއް ހޭދަކޮށްލާނެ ފުރުސަތު ހޯދާދިނުމަށް، ފަންޑު އެއް ކުރުމަށެވެ.
"އަހަރަމެންގެ ކައިވެނީގެ ކުރިންވެސް އެ މީހުން ބުނަމުންދިޔައީ ސުލްހަ އަންނަނީއޭ... އޭގެ ފަހުންވެސް އަހަރެއްވީ. ކޮބާ ސުލްހަ؟ އަހަރެން މި ބުނަނީ... މީގެ 10 އަހަރު ފަހުންވެސް އަފްގާނިސްތާނަށް ސުލްހައާއި ހަމަޖެހުމެއް ނާންނާނެ" އުއްމީދު ގެއްލިފައިވާ އަފްގާނިސްތާނުގެ ރައްޔިތު، މިރްވާއީސް ބުންޏެވެ.