މިހާތަނަށް ފަރުވާ އެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތުގެ ގޮތުގައި އެކި މަސައްކަތްތައް އަލުން ފަށައިގަނެފައިވާއިރު، މި ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް މިވަގުތު އޮތް އެންމެ ބާރުގަދަ އެއް ހަތިޔާރަކީ މާސްކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މާސްކަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ތަފާތު އެކި ކަހަލަ މާސްކުތައް މިހާރު ވަނީ އާންމުވެފައެވެ. ނަމަވެސް، މިއިން ކޮންމެ މާސްކަކީ އެންމެ ރައްކާތެރި މާސްކުތޯ ސުވާލު އުފެދެއެވެ. މިކަމަށް ތަފްސީލީ ޖަވާބެއް ހޯދުމަށް ޑިއުކް ޔުނިވާސިޓީން މަސައްކަތް ފެށިއެވެ. އަދި އެންމެ އެކަށީގެންވާ މާސްކު ހޯދުމަށް ހާއްސަ ޓެސްޓެއް ފަރުމާ ކުރިއެވެ.

ޑިއުކް ޔުނިވާސިޓީއިން ކުރި ދިރާސާގައި ބޭނުންކުރި މާސްކުތައް/ފޮޓޯ: ޑިއުކް ހެލްތް

ޑިއުކްސް ސްކޫލް އޮފް މެޑިސިންއިން މި ޓެސްޓު ކޮށްފައިވަނީ 'ބްލެކް ބޮކްސް' އަކާ، ލޭޒާ ބީމެއްގެ އިތުރުން ސެލްފޯނެއް ބޭނުން ކޮށްގެންނެވެ. އެއީ ވާހަކަދެއްކުމުގެ ތެރޭގައި ހަށިގަނޑުން ބޭރުވެގެންދާ ކުޅުތިކިތައް، މާސްކުގެ އެހީގައި ކޮންޓްރޯލް ކޮށްދޭ މިންވަރު ދެނެގަތުމަށް ކުރި ޓެސްޓެކެވެ. މި ޓެސްޓު ކުރިއަށް ގެންގޮސްފައިވަނީ ފޮށީގެ އެއްކޮޅުގައި ލޯވަޅެއް އަޅާ، އެ ލޯވަޅާ ދިމާވާ ގޮތަށް ވާހަކަދައްކާ މީހެއްގެ އެހީގައި އަޑު ފޮނުވައިގެންނެވެ. އަދި ލޭޒާ އަލި ބޭނުންކުރުމުން އަޑުގެ ތިކިތައް ބުރައިގެންދާ ދިމާތައްވެސް މި ޓެސްޓުގެ އެހީގައި ދެނެގަނެވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ މާސްކު ކަމަށް އިއްތިފާގުވެވުނު ނަމަވެސް، ކޮންމެ ކޮންމެ މާސްކަކުން ކުރާނެ ފައިދާއެއް ނެތް ކަންވެސް ގަބޫލު ކުރަންޖެހެއެވެ. ޑިއުކްސް ޔުނިވާސިޓީގެ ދިރާސާ ޓީމުގެ ހޯދުންތަކުން މިކަންވަނީ ސާބިތުވެސް ކޮށްދީފައެވެ.

ޑިއުކް ޔުނިވާސިޓީއިން ކުރި ދިރާސާގައި ބޭނުންކުރި މާސްކުތަކުގެ ތެރެއިން އެންމެ ނާކާމިޔާބު ކަމަށް ދެއްކި ނެކްފްލީސް މާސްކު/ފޮޓޯ: އެމެޒޯން

ދިރާސާ ޓީމުން ކުރި ޓެސްޓުގައި 14 ވައްތަރެއްގެ މާސްކު ބޭނުން ކުރިއެވެ. މީގެ ތެރޭގައި ފްރަންޓްލައިންގެ ޚިދުމަތްތެރިންނަށް ހާއްސަ އެން-95 މާސްކުވެސް ބޭނުން ކުރިއެވެ. މިއިން ކޮންމެ މާސްކެއް 10 ފަހަރު ޓެސްޓު ކުރިއެވެ. ދިރާސާގެ ހޯދުންތަކަށް ބަލާއިރު އެންމެ ކާމިޔާބު މާސްކަކީ އެން-95 މާސްކެވެ. ދެން 3 ފަށަލައަށް ހުންނަ ސާޖިކަލް މާސްކެވެ. ގޭގައި މީހުން އަމިއްލައަށް ތައްޔާރު ކުރާ ކޮޓަން މާސްކުގެ ފައިދާތަކެއް ހުރި ކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އެންމެ ނުރަނގަޅު މާސްކަކީ ނެކްފްލީސް ނުވަތަ ގޭއިޓާ މާސްކެވެ. މިއީ އާންމުކޮށް ދުވާ މީހުން ބޭނުން ކުރާ މާސްކެކެވެ. ހަމަ އެހެންމެ، މި ޒާތުގެ މާސްކުގެ ސަބަބުން ވައިގެ ތެރެއަށް ބުރައިގެންދާ ތިކިތައް އިތުރުވާކަމަށްވެސް ބުނެވެއެވެ. އެހެނީ، ބޮޑު ތިކިވެސް ކުޑަ ތިކިތަކަކަށް ބަދަލުވެގެންދާކަމެވެ. އަދި ފަސޭހަކަމާއެކު ވައިގެ ތެރޭގައި ދައުރު ކުރުވާ ކަމެވެ. ބޮލުގައި އަޅަން ބޭނުންކުރާ ސްކާފް (ބެންޑޭނާ) ފަތްޖަހާލައިގެން ތައްޔާރުކުރާ މާސްކުތަކުގެވެސް ފައިދާއެއް ނެތެވެ.

ނިއު ނޯމަލް: މާސްކު އަޅައިން އުޅޭ ބައެއް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ދިރާސާގެ ނަތީޖާއަށް ބަލާއިރު، މާސްކެއް އަޅަން ލާޒިމުވާތީ ކޮންމެ ކޮންމެ އެއްޗެއް ބޭނުން ކުރުމުގެ ބަދަލުގައި، ނަތީޖާ ނެރެނިވި މާސްކަށް ބަރޯސާވުން މުހިންމެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ބޯލެނބުންވެސް މުހިންމެވެ. ހަމައެކަނި މާސްކެއް ބޭނުންކޮށްގެން ކޮވިޑް-19އިން ދިފާއު ހޯދޭކަށް ނެތެވެ. އެންމެ މަދުވެގެން 3.3 ފޫޓުގެ ދުރުމިނެއް ތިބާ ވަށައިގެން ދެވަނަ މީހަކާ ދެމެދު އޮންނަން ޖެހެއެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މިއަދަދު ވަނީ 6.6 ފޫޓަށްވެސް އިތުރު ކޮށްފައެވެ. މީގެ އިތުރުން، ސައިބޯނި ލައިގެން ގިނަގިނައިން، ރަނގަޅަށް އޮތްވުމަކީވެސް އިންތިހާއަށް ބޭނުން ކަމެއްކަން ހަނދާން ނައްތާނުލާށެވެ.