ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލިތާ 13 ދުވަސްފަހުން، ކެނެޑާއަށް ހިޓް ސްކޮޑެއް ފޮނުވައިގެން އޭނާ މަރާލުމަށްވެސް ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ސައުދީ އަރަބިއްޔާގެ ކުރީގެ ޖާސޫސީ އިސް އޮފިޝަލު، ޑރ ސާދު އަލް-ޖަބްރީ، އެމެރިކާގެ ފެޑެރަލް ކޯޓަކަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ކެނެޑާގެ ދާއިމީ ރަށްވެހިކަން ހޯއްދަވާފައިވާ ޑރ ސާދު އަލް-ޖަބްރީ، އެމްބީއެސްއާ ދެކޮޅަށް، 106 ސޮފުހާގެ ދައުވާއެއް ހުށަހަޅުއްވާފައިވަނީ އެމެރިކާގެ ވޮޝިންގްޓަން ޑީސީގެ ޑިސްޓްރިކްޓް ކޯޓަށެވެ. މި ދައުވާގައި ޑރ ސާދު އަލް-ޖަބްރީ ވިދާޅުވަނީ، އޭނާ މަރާލުމަށް އެމްބީއެސްގެ "ޓައިގާ" ހިޓް ސްކޮޑެއް ކެނެޑާއަށް ފޮނުވާލެއްވިކަމަށެވެ.
ނުފޫޒުގަދަ ވަލީއަހުދުގެ ނުބައި ރޭވުންތަކުން އޭނާ ސަލާމަތްވީ، އެމެރިކާގެ ޖާސޫސީ ޔުނިޓްތަކާ އޮތް ވަރުގަދަ ގުޅުމާ، ޒުވާން އަމީރުގެ ހަރަކާތްތަކާ ބެހޭ މައުލޫމާތު ރަނގަޅަށް ފަހުމްވެފައި އޮތުމުން ކަމަށްވެސް ޑރ ސާދު އަލް-ޖަބްރީ ވަނީ ވިދާޅުވެފައެވެ.
އޭނާ މަރާލުމަށް އެމްބީއެސް ބޭނުންފުޅުވާ އެންމެ ބޮޑު އެއް ސަބަބަކީ، އެމްބީއެސްއާއި ގުޅުން ހުރި ހައްސާސީ، އަދި ޒާތީ މައުލޫމާތު އެނގޭ ދެވަނަ އެހެން މަސްދަރުތަކެއް މަދުން ނޫނީ ނުވާނެތީ ކަމަށްވެސް ޑރ ސާދު އަލް-ޖަބްރީ ވަނީ ތުހުމަތު ކުރައްވާފައެވެ.
ޑރ ސާދު އަލް-ޖަބްރީ އިޝާރާތް ކުރައްވާ "ޓައިގާ ސްކޮޑް"ގެ މެމްބަރުން ވަނީ، އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލިތާ 2 ހަފުތާއެއްހާ ދުވަސް ފަހުން، ކެނެޑާގެ ޓޮރޯންޓޯ ޕިއާސަން އެއާޕޯޓަށް، ޓޫރިސްޓް ވިސާގައި އެތެރެވެފައެވެ. އެމީހުން ކެނެޑާއަށް އެތެރެވާން މަސައްކަތް ކުރީ ފޮރެންސިކް އަލާތްތަކާވެސް އެކުގައި ކަމަށް ޑރ ސާދު އަލް-ޖަބްރީގެ ދައުވާގައި ތުހުމަތުކޮށްފައިވެއެވެ. އަދި ކެނެޑާގެ ސަލާމަތީ ބާރުތަކުގެ ރާޑަރަށް އެ ޓީމު އަރާފާނެ ކަމަށްޓަކައި، އެކި މެމްބަރުން އެތެރެވާން މަސައްކަތް ކުރީ އެކި ކިއޯސްކްތަކުން ކަމަށްވެސް ޑރ ސާދު އަލް-ޖަބްރީގެ ދައުވާގައިވެއެވެ. ނަމަވެސް އެއީ ގުޅުން ނެތް ބައެއްކަން ކެނެޑާގެ ބޯޑާ ސެކިއުރިޓީއަށް ބަޔާންކޮށް ދިނުމަށް އެ ޓީމު ފެއިލްވިކަމަށްވެސް ޑރ ސާދު އަލް-ޖަބްރީގެ ދައުވާގައިވެއެވެ.
އެމްބީއެސްގެ ރެކްރޫޓް ފައުޖުގައި ހިމެނޭ މީހަކު، ޑރ ސާދު އަލް-ޖަބްރީ ދިރިއުޅުއްވާ ގެކޮޅު ބަލާ ފާސްކޮށްފައިވާކަމަށްވެސް އޭނާ ތުހުމަތު ކުރައްވައެވެ. މީގެ އިތުރުން ޑރ ސާދު އަލް-ޖަބްރީގެ 2 ދަރިއަކު ހައްޔަރުކޮށް ގެއްލުވާލާފައިވަނީވެސް އޭނާ އަނބުރާ ސައުދީގެ ފަސްގަނޑަށް ގެންދިއުމަށް އެމްބީއެސް ރާއްވަވާ ރޭވުމުގެ ތެރެއިން ކަމަށްވެސް ޑރ ސާދު އަލް-ޖަބްރީގެ ދައުވާގައިވެއެވެ.
ޑރ ސާދު އަލް-ޖަބްރީގެ ދައުވާގައިވާ އެއްވެސް ކަމެއް އަދި ސާބިތުވެފައެއް ނުވެއެވެ.
އާލްސޫދުންނަކީ މުސްލިމުންގެ ލެއިން ފެންވަރައިގެން ތިބި ޔަހޫދީ މުނާފިގުންތަކެއް.