ހައި ކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.
ޖުޑިޝަލް ސަވިސް ކޮމިޝަނުން ހައި ކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު އެދެމަގާމަށް ވެސް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އޭގެ އިތުރުން އިސްލާމީ ޝަރީއާގެ ރޮނގުން ނުވަތަ ގާނޫނު ރޮނގުން ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާނަމަ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާން ޖެހެއެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާނަމަ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާން ޖެހޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ހައި ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 36،000 ރުފިޔާ އެވެ. ލިވިން އެލަވަންސްއަކީ 15،000 ރުފިޔާ އެވެ. ރިސްކް އެލަވަންސް އަކީ 3،300 ރުފިޔާ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މުސާރައަކީ 30،000 ރުފިޔާ ލިބޭއިރު ލިވިން އެލަވަންސްއަކީ 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ހިމެނެއެވެ.
އެމަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހު 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
ހައި ކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހަސަން އަލީ ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާންކޮށްފައިވަނީ އެކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ހައިލަމް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.