އޮބީސިޓީ ނުވަތަ އާދަޔާ ހިލާފަށް ފަލަވުމަކީ ހަމަ އެކަނި އެމީހެއްގެ ބަރުދަނަށް ބަލައިގެން ނިންމަން ވީ ކަމެއް ނޫން ކަމަށާ، އެއީ އެމީހެއްގެ މުޅި ސިއްހަތުގެ މުރާޖައާ އަކަށް ބަލައިގެން ކަނޑައަޅަންވީ ކަމެއް ކަމަށް، ކެނެޑާގައި އަލަށް އެކުލަވާލި ކްލިނިކަލް ގައިޑްލައިންސް ބުނެފިއެވެ.

މިއާއެކު އާދަޔާ ހިފާލަށް ފަލަވާ މީހުންނަށް ހަމައެކަނި ޑައެޓް ކުރުމާ، ކަސްރަތު ކުރަން އިރުޝާދު ދިނުމުގެ އިތުރަށް، އެހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި ގައިޑްލައިންގައި ވަނީ ޑޮކްޓަރުންނަށް ގޮވާލާފައެވެ.

އެގޮތުން، އާދަޔާ ހިލާފަށް ފަލަވާން ދިމާވި އަސްލު މައްސަލައަކީ ކޮބައިކަން ދެނެގަނެ، ވަށާ ޖެހޭ ގޮތެއްގައި ދުޅަހެޔޮ ސިއްހަތެއް ކަށަވަރު ކުރުމަށް ސަމާލުކަން ދިނުމަށް މި ގައިޑްލައިންގައި ޑޮކްޓަރުންނަށް އިރުޝާދުދެއެވެ.

ކެނޭޑިއަން މެޑިކަލް އެސޯސިއޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ގައިޑްލައިންގައި، ޕޭޝަންޓުންގެ ބަރުދަނަށް ބަލައިގެން ސިއްހީ ނިޒާމުގައި ގެންގުޅޭ ތަފާތު ކުރުންތަކާ ބޯދާ ގަބޫލު ކުރުންތައް ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފައެވެ.

ފަލަވާ އިރު މީހާގެ ބަނޑުވެސް އިސާހިތަކު ނުކުމޭ

އާދަޔާ ހިލާފަށް ފަލަވާ ބައްޔާ ގުޅިގެން ކުރެވޭ ބައެއް ކުށްހީތަކަށް ރިއާޔަތްކޮށް މި ގައިޑްލައިންގައި ބުނެފައިވަނީ، މި ކަމަކީ ޕޭޝަންޓްގެ ޒިންމާދަރުކަން ކުޑަވެ، އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވުމުގެ ސަބަބުން މެދުވެރިވާ ހާލަތެއް ކަމުގައި ސިފަކުރެވެމުން އަންނަ ކަމަށާ، މިކަމުގެ ނަތީޖާއެއްގެ ގޮތުން އާދަޔާ ހިލާފަށް ފަލަ މީހުންނަށް ލަދާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ދިރާސާ އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އޮބީސިޓީ ކެނެޑާގެ ޑައިރެކްޓާ އޮފް ރިސާޗް އެންޑް ޕޮލިސީ، ޒިމީނާ ރާމޯސް-ސަލާސް ވިދާޅުވީ، ގިނަ ޑޮކްޓަރުންނަކީ އާދަޔާ ހިލާފަށް ފަލަ ޕޭޝަންޓުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ޕޭޝަންޓުން ކަމަށް ދިރާސާއިން ދައްކާ ކަމަށާ، މިކަމުގެ ސަބަބުން، ބަރުދަނާ ގުޅުން ނެތް ސިއްހީ ކަންކަމުގައިވެސް ނުރަނގަޅު ހާލަތްތަކެއް ނަތީޖާއަކަށް ވެގެންދާކަމަށެވެ.

އާދަޔާ ހިލާފަށް ފަލަވުމަކީ އުމުރު ދުވަހުގެ މަސައްކަތުން ހައްލު ކުރަންޖެހޭ ކަމެއް ކަންވެސް މި ގައިޑްލައިންގައި ވަނީ ފާހަގަކޮށްފައެވެ. އަދި އާދަޔާ ހިލާފަށް ފަލަ މީހުންނަކީ، ދާއިމީ އެހެން ބަލިތަކާއެކު ދިރިއުޅޭ އެހެން މީހުން ފަދައިން އެއްބާރުކލުން ބޭނުންވާ ބައެއް ކަމަށްވެސް ޒިމީނާ ރާމޯސް-ސަލާސް ވަނީ ފާހަގަކުރައްވާފައެވެ.

ޑޮކްޓަރަށް ދައްކަން އިން މީހެއް/ ފޮޓޯ: ކޮވްނަންޓް ރިކަވަރީ ސެންޓާ

ހަމައެކަނި "މަދުން ކެއުމަށާ ގިނައިން ހެލިފެލިވެއުޅުމަށް" އިރުޝާދު ދިނުމުގެ ބަދަލުގައި، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ޕޭޝަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ކެނެޑާއިން އަލަށް އެކުލަވާލި ކްލިނިކަލް ގައިޑްލައިންގައި ޑޮކްޓަރުންނަށް ވަނީ އިރުޝާދު ދީފައެވެ.

ޒިމީނާ ރާމޯސް-ސަލާސް ވަނީ "ޑައެޓް" ކުރުމަކީ ކާމިޔާބު ފަލްސަފާއެއް ނޫން ކަމަށްވެސް ވިދާޅުވެއެވެ.

ޕޭޝަންޓުގެ ބަރުދަނާ ބެހޭ ގޮތުން އެމީހަކާ މަޝްވަރާ ކުރުމުގެ ކުރިން، ޕޭޝަންޓުގެ ރުހުން ހޯދުމަށާ، ހަމައެކަނި ކެލަރީޒް މަދު ކުރަން ސަމާލުކަން ދިނުމުގެ ބަދަލުގައި، ސިއްހީ ގޮތުން ދުޅަހެޔޮ މިންގަނޑުތަކެއް ހާސިލު ކުރުމުގައި ޕޭޝަންޓާއެކު މަސައްކަތް ކުރުމަށްވެސް ކެނެޑާގެ ގައިޑްލައިންގައި ޑޮކްޓަރުންނަށް ވަނީ ގޮވާލާފައެވެ.