ދަތުރުކުރަމުންދިޔަ އުޅަނދަށް ދިމާވި މައްސަލަތަކަކާ ގުޅިގެން ހުޅަނގު ޕެސިފިކް ސަރަހައްދުގެ އެކަހެރި ޖަޒީރާ ރަށެއްގައި ހާލުގައި ޖެހިފައި ތިބި 3 މީހަކު ސަލާމަތް ކުރެވުނީ، އެ ރަށުގެ ގޮނޑުދޮށުގައި އެމީހުން ލިޔުނު މެސެޖެއްގެ ސަބަބުން ކަން ހާމަވެއްޖެއެވެ.

މައިކްރޮނޭޝިއާގެ ރަށްތަކުގެ ތެރެއިން ރަށެއްގައި ހާލުގައި ޖެހިފައި ތިބި 3 ފަޅުވެރިން ރެސްކިއު ހެލިކޮޕްޓަރަކަށް ނަގާފައިވަނީ، ދޮންވެލިގަނޑުގައި ލިޔެފައިވާ "އެސްއޯސްއެސް" މެސެޖު، އެމެރިކާއާއި އޮސްޓްރޭލިއާގެ ހެލިކޮޕްޓަރު ކުރޫއަށް ފެނުނު ހިސާބުން ކަމަށް އޮސްޓްރޭލިއާގެ ދިފާއީ ބާރު (އޭޑީއެފް) އިން ޚަބަރު ދެއެވެ.

މި 3 މީހުންނަކީވެސް މީގެ 3 ދުވަސް ކުރިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ 3 ފަޅުވެރިންނެވެ. އެކަހެރި ޖަޒީރާ ރަށެއްގައި މި 3 މީހުން ހާލުގައި ޖެހުނީ، އެމީހުން ދަތުރު ކުރަމުންދިޔަ އުޅަނދުން ތެޔޮ ހުސްވެ، ބެހިގެން ދިޔަ ހިސާބުންނެވެ.

އެކަހެރި ރަށުން މިމީހުން ސަލާމަތް ކުރިއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ޚަބަރު ލިބެއެވެ.