ސުކޫލު ނިންމުމަށްފަހު 15 ޕަސެންޓް ކުދިން ބޭނުންވަނީ ބްރޭކެއް ނަގަން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ސްކޫލް ނިންމުމަށް ފަހު މުސްތަގްބަލު ރާވާފައިވާ ގޮތް ދެނެގަތުމަށް އެމިނިސްޓްރީން ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ އައަތޮޅެއް ތަމްސީލު ވާނެ ހެން، ގްރޭޑް 10 އެއް ގައި ކިޔަވާ ދަރިވަރުންގެ މެދުގައި ކުރެވުނު އެ ދިރާސާއިން ދައްކާގޮތުގައި ގްރޭޑް 10 އެއް ނިންމުމަށްފަހު 31.5 ޕަސެންޓް ދަރިވަރުން އޭލެވެލްގައި ބައިވެރިވުމަށް ގަސްތުކުރެއެވެ. އަދި 23.6 ޕަސެންޓް ދަރިވަރުން މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ގަސްތުކުރެއެވެ.

އޭގެ އިތުރުން ނުވަ ޕަސެންޓް ދަރިވަރުން ފުލްޓައިމް ވަޒީފާއަކަށް ދާން ގަސްތު ކުރާއިރު، 21.1 ޕަސެންޓް ދަރިވަރުން ޕާޓްޓައިމް ވަޒީފާއަކަށް ދާން ގަސްތުކުރެއެވެ. އަދި 14.8 ޕަސެންޓް ދަރިވަރުން ގެޕް އިޔާ އެއް ނުވަތަ ކިޔެވުން އަދި ވަޒީފާގައި ތަމްސީލުނުވެ ހުންނަން ގަސްތުކުރާ ކަމަށް ވެސް މިނިސްޓްރީން ބުނެެއެވެ.

މިނިސްޓްރީން ބުނީ އެނިންމުމަށް އަސަރުކުރާ ސަބަބުތަކުގެ ތެރޭގައި ދަރިވަރުން ފާހަގަކޮށްފައިވަނީ ދަރިވަރުން ދިރިއުޅޭ މާހައުލުން ލިބެންހުރި ކިޔެވުމުގެ ފުރުސަތު އަދި ވަޒީފާއާއި، އަމިއްލަ ސަބަބުތަކާއި، މާލީ ދަތިތައް ކަމަށެވެ.

ދަރިވަރުން ކުރިއަށް ދިއުމަށް ގަސްތުކުރާ ދާއިރާތަށް ވެސް އެ ދިރާސާއިން ހޯދާފައިވާއިރު 21 ޕަސެންޓް ދަރިވަރުން ފަތުރުވެރިކަމާއި، ފަތުރުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސިއްހީ ދާއިރާ، އެކައުންޓިންގް އަދި ފައިނޭންސް، ބިޒްނަސް އަދި މާކެޓިން، އިންޖިނިއަރިންގް، ތައުލީމީ އަދި ސްޕޯޓްސްގެ ދާއިރާތަކުން ކުރިއަށް ދިއުމަށްވެސް ދަރިވަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން، ހިއުމަން ރިސޯސް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ސޯޝަލް ވޯކް ހިމެނިފައިވަނީ އެންމެ މަދުން ދަރިވަރުން ކިޔަވަން ގަސްތުކުރާ ދާއިރާގެ ގޮތުގައި ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކިޔެވުމަށް ގަސްތުކުރާ ދާއިރާ ނިންމުމުގައި މާލީ އެހީތެރިކަން ލިބޭ ދާއިރާތައް، މަތީ ތައުލީމުގެ ފުރުސަތު ހުރި ދާއިރާތައް، ވަޒީފާގެ ފުރުސަތު ހުރި ދާއިރާތަށް، ޝައުގުވެރިވާ ދާއިރާ އަދި އާއިލާ އާއި ރަހްމަތްތެރިންގެ ޕްރެޝަވެސް ހިމެނޭކަން ދަރިވަރުން ފާހަގަކޮށްފައިވާ ކަމަށެވެ.

އެ ދިރާސާއިން ދައްކާގޮތުގައި، 77 ޕަސެންޓް ދަރިވަރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް ކޮންމެވެސް މިންވަރަކަށް އަހުލުވެރިއެވެ. އަދި 18 ޕަސެންޓް ދަރިވަރުން އެއްގޮތަކަށްވެސް އަހުލުވެރިވެ ނޫޅެއެވެ. އަދި މަތީތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް ވަރަށް ރަނގަޅަށް އަހުލުވެރިކަމަށް ދައްކަނީ ފަސް ޕަސެންޓް ދަރިވަރުން ކަމަށް ވެސް ދިރާސާ އިން ދައްކައެވެ.

މިނިސްޓްރީން ބުނީ 50 ޕަސެންޓް ދަރިވަރުން މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތް ހޯދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ. އަދި ސްކޫލާއި، ގާތް ތިމާގެ މީހުންނާއި ރަހްމަތްތެރިން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ޓީވީ އަދި ޔުނިވާސިޓީ/ކޮލެޖްތަކުންވެސް ދަރިވަރުން މަތީތައުލީމާއި ތަމްރީނުގެ މައުލޫމާތު ހޯދާ ކަމަށް ދިރާސާއިން ދައްކާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެދިރާސާގެ މަގްސަދަކީ މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ސީދާ ދަރިވަރުންނަށް މައުލޫމާތު ފޯރާނެހެން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދަރިވަރުންގެ މުސްތަގްބަލު ރޭވުމުގައި ނިންމާ ނިންމުންތަކަކީ ރަނގަޅު، ތެދު، އެއްމެ ފަހުގެ މައުލޫމާތުގެ އަލީގައި ނިންމޭ ނިންމުންތަކަށް ވުމަށް މިނިސްޓްރީއިން އެހީތެރިވެދިނުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެގޮތުން ކުރިއަށްހުރި ޕްރޮގްރާމްތައް ރޭވުމުގައި، އެދިރާސާއިން ހޯދުނު ހޯދުންތަކުގެ މައްޗަށް ރިއާޔަތްކުރާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.