ކޮވީޑް ޖެހިފައިވާ 1 މަހުގެ ކުއްޖަކަށް އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19 ޖެހިފައިވާ އެއް މަހުގެ ތުއްތު ކުއްޖެއްގެ ހުން ގަދަވެ، އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި ގާތުން ދެވޭ މިންވަރު މަދު ވުމުގެ ސަބަބުން ހަށިގަނޑުގެ ފެން މަދުވެފައިވާ ކަން ވެސް ޑރ. ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.

މިއީ ރާއްޖޭގައި އެހާ ތުއްތު ކުއްޖަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދޭ ފުރަތަމަ ކޭސްއެވެ.

ރާއްޖެއިން ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދާއިރު އިއްޔެ ވެސް ވަނީ އެބައްޔަށް 129 މީހަކު ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން އެބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 4293 އަށް އަރާފައެވެ.

އެބައްޔަށް ހޮސްޕިޓަލުގައި 92 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި މިވަގުތު 1013 މީހަކު އެބަ ތިއްބެއެވެ.

އެބަލީގައި ރާއްޖެއިން 19 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.