ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅުމުންދާ ފިޔަޅުތަކުގެ ތެރެއިން، "މައިސެޖާތޭރާ" އެޕް، ހުރިހާ ސަރަހައްދެއްގައި ބޭނުން ކުރުމަށް އެގައުމުގެ ސަރުކާރުން ލާޒިމު ކޮށްފިއެވެ.

މި އެޕްލިކޭޝަނަކީ ކޮވިޑް-19 ގެ ހާލަތު މޮނީޓާ ކުރުމަށް މެލޭޝިއާގެ ސަރުކާރުން ފަރުމާކޮށްގެން އޮޕަރޭޓް ކުރާ އެޕްލިކޭޝަނެކެވެ.

ހުރިހާ ތަނެއްގައި މި އެޕްލިކޭޝަން ބޭނުންކުރުމަށް ލާޒިމުކޮށްފައިވާ ކަމަށާ، ބަންޑާރަ ނައިބުގެ އޮފީހުން ވަރަށް އަވަހަށް މި ނިންމުން ގެޒެޓް ކުރައްވާނެ ކަމަށް މެލޭޝިއާގެ ސަލާމަތާ ބެހޭ އިސް ވަޒީރު އިސްމާއީލު ސޮބްރީ ޔައުގޫބު ވަނީ ހާމަކުރައްވާފައެވެ.

ކަންމިހެން އޮތް ނަމަވެސް، އިންޓެނެޓްގެ ކަނެކްޝަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބޭ ރަށް ފުށުގެ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް މިކަމުން އިސްތިސްނާ ކުރެވިދާނެ ކަމަށާ، އެކަމަކު އެ ފަރާތްތަކުންވެސް މެނުއަލްކޮށް ރެކޯޑް ބަލަހައްޓަންޖެހޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގެ 4 ސަބް-ޑިސްޓްރިކްޓްއެއްގައި މިހާރުވެސް ވަނީ މޫވްމަންޓް ކޯންޓްރޯލް އޯޑަރު (އެމްސީއޯ) ތަންފީޒު ކޮށްފައެވެ. އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މި ސަރަހައްދުތަކުގައި ދިރިއުޅޭ 7000 އެއްހާ މީހުން ކޮވިޑް-019އަށް ޓެސްޓު ކުރާނެ ކަމަށެވެ. މި ސަރަހައްދުތަކުގައި އެމްސީއޯ ތަންފީޒު ކުރަން ފަށާފައިވަނީ އާދީއްތަ ދުވަހު ފާހަގަވި ކްލަސްޓާއަކާ ގުޅިގެންނެވެ. މި ކްލަސްޓާއަކީ އިންޑިއާއިން އެނބުރި އައި ރެސްޓޯރަންޓް ހިންގާ މީހަކު ކަރަންޓީނަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުން އުފެދުނު ކްލަސްޓާއެއް ކަމަށް ޚަބަރު ލިބެއެވެ.