ނިއުކްލިއާ ބާރުން ހަކަތަ އުފެއްދުމަށް ހާއްސަ ކޮށްގެން އަރަބި ދުނިޔޭގައި ގާއިމުކުރި ފުރަތަމަ ޕްލާންޓްގެ އޮޕަރޭޝަންތައް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ފަށައިފިއެވެ.

"ބަރަކާ"ގެ ނަން ދީފައިވާ މި ނިއުކްލިއާ ޕަވާ ޕްލާންޓް ގާއިމު ކޮށްފައިވަނީ ގަތުރުގެ އިރުން، ގަލްފްގެ އައްސޭރި ފަށުގެ ސަރަހައްދުގައެވެ.

ދެކުނު ކޮރެއާގެ ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ ކޮށްފައިވާ ބަރަކާ ނިއުކްލިއާ ޕަވާ ޕްލާންޓްގެ 4 ރިއެކްޓަރުގެ ތެރެއިން، 1 ރިއެކްޓަރު އޮޕަރޭޓް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ޕްލާންޓަކީ 2017 ވަނަ އަހަރު ހުޅުވުމަށް ތާވަލު ކުރި ޕްލާންޓެއް ނަމަވެސް، އެކި ސަބަބުތަކާ ހެދި މި މަސައްކަތް ނުފެށި ލަސްވީއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔޫއޭއީގެ އަމާޒަކީ، އެގައުމުން ހަކަތައަށް ކުރާ ޑިމާންޑްގެ 4 ބައިކުޅަ 1 ބައި، ނިއުކްލިއާ ހަކަތައަށް ބަރޯސާ ކުރުމެވެ. މިއީ އިޔާދަ ކުރަނިވި ހަކަތައާ ދިމާލަށް ޔޫއޭއީން މިސްރާބު ޖަހައިގެން ހިންގާ މަޝްރޫއެއް ކަމަށް ބުނާއިރު، ހަކަތައިގެ ސިނާއަތުގެ ތަޖުރިބާކާރުން ދަނީ މިކަމާ ސުވާލު އުފައްދަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ސިޔާސީ ގޮތުން ނުތަނަވަސްވެ، ޓެރަރިޒަމްގެ ބިރުވެރިކަން އިންތިހާއަށް އޮތް ސަރަހައްދެއްގައި ނިއުކްލިއާ ހަކަތައަށް ބަރޯސާވުމުގެ ބަދަލުގައި، އިރުން ލިބޭ އަވިން ހަކަތަ އުފެއްދުން ފަދަ ކަމަކަށް ބަރޯސާ ވުން ބުއްދިވެރިއެވެ.

މިދިޔަ އަހަރު ގަތަރުން ވަނީ ބަރަކާ ނިއުކްލިއާ ޕަވާ ޕްލާންޓަކީ ސަރަހައްދީ ސުލްހަޔާ ތިމާވެއްޓަށްވެސް އޮތް ނުރައްކަލެއް ކަމަށް ބުނެ، ޔޫއޭއީއަށް ފާޑުކިއާފައެވެ. ގަތަރަކީ، ޔޫއޭއީއާއި ސައުދީ އަރަބިއްޔާގެ ހަތުރެކެވެ. ގަލްފު ހުރަސްކޮށް ދެންވެސް އޮތީ ޔޫއޭއީގެ ހަތުރެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އީރާނެވެ. އީރާނަކީވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުގައިމެ، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ފުޅާ ކުރަމުން އަންނަ ގައުމެކެވެ.

ނަމަވެސް ޔޫއޭއީއިން ބުނަމުންދަނީ މިއީ ސައެންސްގެ ރޮނގުން އެ ގައުމުން ހޯދި ކުރިއެރުމުގެ ރަމްޒެއް ކަމަށެވެ.

ނިއުކްލިއާ ބާރުން ހަކަތަ އުފެއްދުމަށް ހާއްސަ ކޮށްގެން އަރަބި ދުނިޔޭގައި ގާއިމުކުރި ފުރަތަމަ ޕްލާންޓް "ބަރަކާ"/ފޮޓޯ:މިޑްލް އީސްޓް މޮނިޓާ

އެމިރޭޓްސް ނިއުކްލިއާ އެނާޖީ ކޯޕަރޭޝަން (އީނެކް) އާއި ދެކުނު ކޮރެއާގެ ކެޕްކޯ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައިވާ ބަރަކާ ނިއުކްލިއާ ޕަވާ ޕްލާންޓްގައި ހަކަތަ އުފައްދަމުންދާނީ 1400 މެގާވޮޓްގެ ޕްރެޝަރައިޒްޑް ވޯޓާ ރިއެކްޓަރުތަކުންނެވެ. އޭޕީއާރް-1400 ގެ ނަންދީފައިވާ މި ރިއެކްޓަރުތައް ފަރުމާކޮށްފައިވަނީ ދެކުނު ކޮރެއާއިންނެވެ.

ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އިންވެސް ވަނީ ބަރަކާގެ ކާމިޔާބީ ފާހަގަކޮށް، ޓްވީޓެއް ކޮށްފައެވެ. މިއީ އާންމު ވިޔަފާރި އުސޫލުން ނިއުކްލިއާ ހަކަތަ ތަރައްގީ ކުރުމުގެ ރޭހުގައި ހާސިލުވި މުހިންމު ކާމިޔާބެއް ކަމަށް އައިއޭއިން ސިފަކުރާއިރު، އެ އިދާރާގެ ތާއީދު، ޔޫއޭއީއަށް އެބައޮތް ކަމަށްވެސް އައިއޭއީއޭއިން ވަނީ ފާހަގަކޮށްފައެވެ.