ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2)، ފާހަގަ ނުކުރެވި، ވާލުގެ މެދުގައި ދައުރުވަމުންދާތާ އެތައް އަހަރެއް ވެފައިވާކަމަށް ސައެންސްވެރިން ބުނެފިއެވެ.

ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވާސިޓީގެ ސެންޓާ ފޮ އިންފެކްޝަސް ޑިޒީޒް ޑައެނަމިކްސްގެ މާސޭއިޖް ބޯނީ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި ދިރާސާ ބުނާ ގޮތުގައި ސާސްކޯވް-2 ވައިރަހުގެ ހަގީގީ ފެށުމާ އެންމެ ގާތީ ހޯސްޝޫ ވާލެވެ.

މި ދިރާސާ އާންމުކޮށްފައިވަނީ ނޭޗާ މައިކްރޮބައޮލޮޖީ ޖާނަލްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 654000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި ގޮސްފައިވާ ކޮވިޑް-19 ޖައްސާ ވައިރަހުގެ ހަގީގީ ފެށުމާ ބެހޭ ގޮތުން އަދިވެސް ހޫނު ބަހުސްތަކެއް ކުރެވެމުންދާއިރު، މިއީ ކޮންމެހެން އެނގުން މުހިންމު މައުލޫމާތެކެވެ. ކޮވިޑް-19ގެ ކޭސްތައް ފުރަތަމަ ރިޕޯޓްކުރީ ޗައިނާއިން ކަމަށްވާއިރު، މިއީ ވައިރަހުގެ ހަގީގީ ފެށުމަށް ނުވެދާނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ވައިރަހުގެ ހަގީގަތް ހޯދުމުގެ މަސައްކަތަށް ހާއްސަކޮށްގެން އެ އިދާރާގެ ޓީމެއް، މިމަހު ޗައިނާއަށް ފޮނުވާފައެވެ. މި ހޯދުންތަކާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.

ކޮވިޑް-19 ޖައްސާ ވައިރަސް އިންކިއުބޭޓް ކުރި ކަމަށް ތުހުމަތު ކުރެވޭ ޒާތުގެ ޕެންގޮލިންއެއް/ފޮޓޯ: އައިޒާކް ކަސަމާނީ

ވައިރަހެއްގެ ހަގީގީ ކޮބައިކަން، އެ ބަލިމަޑުކަމެއްގެ ކުރީކޮޅުގައި ދެނެގަތުމުގައި އިންތިހާއަށް ބޭނުން ކަމަކަށް ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއީ ވައިރަހުގެ ހަގީގީ ފެށުމާ އިންސާނީ ހަޟާރާތު ވަކި ކޮށްލުމަށް ލިބޭނެ އެންމެ ބޮޑު އެހީއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަރިސާތަކުން ސަލާމަތްވުމަށްވެސް، މިއީ އެނގުން މުހިންމު މައުލޫމާތުތަކެކެވެ. ދިރާސާ ކުރާ ފަރާތްތަކުން ވަނީ ވާލުގެ ޒަރިއްޔާއިން އަންނަ ވައިރަސްތަކަކީ، އިންސާނުންގެ ހަށިގަނޑަށް 'ފުންމާލުމުގެ' ނުރައްކާ އޮތް ވައިރަސްތަކެއް ކަމުގެ އިންޒާރު ދީފައެވެ.

ބޯނީއާއި އޭނާގެ ޓީމުން އެކުލަވާލާފައިވާ ދިރާސާ ބުނާ ގޮތުގައި، ވައިރަހެއް އުފެދި އާންމުވުމުގެ ކުރިން، އެއީ ކިހާ މިންވަރަކަށް ފެތުރިގެން ހިނގައިދާނެ ވައިރަހެއްކަން ދުރާލާ ދެނެގަތުމަކީ "އުނދަގޫ" މަސައްކަތެއް ކަމަށެވެ. އެހެން ކަމުން، މިއީ އިންސާނުންގެ މެދުގައި ބަލިމަޑުކަން އޮތް ހާލަތުގެ މައުލޫމާތު ވަގުތުން ވަގުތަށް ހިއްސާކުރުމުގެ މުހިންމު ބަޔާންކޮށްދެނިވި ކަމެއް ކަންވެސް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ބޯނީގެ ދިރާސާ ޓީމުން މަސައްކަތްކޮށްފައިވަނީ ވައިރަސް ބަދަލުވެގެން އޮތް "ރީކޮންސްޓްރަކްޓް" ކޮށްގެންނެވެ. މި ދިރާސާއަށްފަހު އެ ޓީމުންވަނީ ކޮވިޑް-19 ޖައްސާ ވައިރަހުގެ ހޮސްޓުންގެ ލިސްޓުގައި ޕެންގަލޮއިންގެ ދައުރެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ނިންމާފައެވެ. ނަމަވެސް ހުޅުނބު ހުންނަ ޒާތުގެ މަންމަލި ޖަނަވާރުތަކަކީ ބަލިމަޑުކަން ފަތުރައިގެން މިކަމުގައި ދައުރެއް އަދާކުރި ޖަނަވާރުތަކަކަށް ވެދާނެ ކަމަށްވެސް ދިރާސާ ޓީމުންވަނީ ނިންމާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ ހަގީގީ ފެށުމަކީ ކޮބައިކަން ރަސްމީ ހައިސިއްޔަތަކުން އަދި އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް އެކުލަވާލާފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ކޭސްތައް ރިޕޯޓް ކުރުމުގެ ކުރިން، ދުނިޔޭގެ އެކި ހިސާބުތަކުން މި ވައިރަހުގެ އަސަރު ފެނިފައިވާކަމަށް ބަޔާންކޮށްފައި އެބަހުއްޓެވެ.