މީހަކު ކެއްސާއިން ހަށިގަނޑުން ބޭރުވާ އަޑުގެ އެހީގައި، އެމީހަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އިންފެކްޓްވެފައިވާ މީހެއްތޯ ދެނެގަތުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް، އިންޑިއާއާއި ނޯވޭގެ ސަރުކާރާ، އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) ގުޅިގެން ފަށައިފިއެވެ.

މި ދިރާސާއަކީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫއީ ތޫނުފިލިކަން (އޭއައި ޓެކްނޮލޮޖީ) ގެ އެހީގައި، ކޮވިޑް-19 ދެނެގަތުމަށް ހަދާ ދިރާސާއެއް ކަމަށް އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ދިރާސާ ކުރުމަށްޓަކައި ހާއްސަ އެޕްލިކޭޝަނެއް ވަނީ ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަނަކީ، ކޮވިޑް-19ގެ އިންފެކްޝަން ޖެހިފައި ނުވާ މީހުން ކެއްސާ އަޑުތައް ރެކޯޑް ކުރުމަށް ހާއްސަ ކޮށްފައިވާ އެޕްލިކޭޝަނެކެވެ. ކޮވިޑް-19 ޖެހިފައިވާ މީހުން ކެއްސާ އަޑު ރެކޯޑްކުރީ ދިރާސާ ޓީމުންނެވެ.

އިންޑިއާގެ ރީޖަނަލް މެޑިކަލް ރިސާޗް ސެންޓާ (އާރްއެމްއާރްސީ)ގެ ޑައިރެކްޓާ، ޑރ ސަންގަމިތްރާ ޕަޓީ ވިދާޅުވީ، އިންފެކްޓްވެފައިވާ މީހުންނާ އިންފެކްޓް ވެފައި ނުވާ މީހުން ކެއްސާ އަޑުތައް، ޑޭޓާ ބޭސްއަކަށް އެއްކުރުމަށްފަހު، އޭއައި ޓެކްނޮލޮޖީގެ އެހީގައި، އިންފެކްޓްވެފައިވާ މީހުން ދެނެގަތުމަށް މި ދިރާސާގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ނިއުމޯނިއާ ޕޭޝަންޓުންނާ އެނޫން ޕޭޝަންޓުންނަކީ ކޮބައިތޯ ބެލުމަށް، އެކްސްރޭ ބޭނުންކޮށްގެން މިފަދަ ދިރާސާއެއް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާނެ ކަން ޑރ ޕަޓީ ވަނީ ފާހަގަކުރައްވާފައެވެ.

ހާއްސަ އެޕްލިކޭޝަން ބޭނުންކޮށްގެން ކެއްސާ އަޑު ރެކޯޑް ކުރުމުގައި ހަރަކާތްތެރިވަނީ އިންޑިއާގެ އޮރިއްސާ ސްޓޭޓްގެ އާންމުންނެވެ.