ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އަވަށްޓެރި އިންޑިއާގެ ކަރަންޓީނު މަރުކަޒެއްގައި ހުރި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރޭޕް ކުރުމާ، ޖިންސީ ގޯނާ އަދި ފުރައްސާރައިގެ އަމަލުތައް ހިންގުމުގައި ހައްދުފަހަނަ އަޅާފައިވާ އިންޑިއާގެ ދިއްލީގައި ހިންގާ ކަރަންޓީނު މަރުކަޒުގައި ހުރި ފުރާވަރު އުމުރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ، ހަމަ އެ މަރުކަޒުގައި ހުރި އެހެން ޕޭޝަންޓެއް ކަމަށް މައުލޫމާތު ލިބެއެވެ.
19 އަހަރުގެ ފިރިހެން ޕޭޝަންޓުންގެ ފަރާތުން ޖިންސީ ގޯނާގެ ހަމަލާތައް ދެމުންދާ ދިޔަ މަންޒަރު ވީޑިއޯ ކުރި މީހަކުވެސް ހުރި އިރު، މި 2 ފިރިހެން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާ ފުލުހުންނާ ހަވާލާދީ މިޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، 2 ފިރިހެންނުންނާ ދެކޮޅަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.
10000 އެނދުގެ ކަރަންޓީނު ފެސިލިޓީގައި ތިބި މި ތިން މީހުންނަކީވެސް ހަށިގަނޑުން ކޮންމެވެސް ވަރަކަށް ބަލީގެ އަލާމާތްތައް ފެނި، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 3 މީހުންނެވެ. މި ފެސިލިޓީއަކީ ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ފެންނަ މީހުންނާ އެސިމްޓޮމެޓިކް މީހުންގެ ތެރެއިން، އަމިއްލަ ގޭގައި އެކަހެރިވެގެން ނުތިބެވޭ މީހުންނަށް ހާއްސަކޮށްގެން އިންޑިއާއިން ހެދި ފެސިލިޓީއަކަށްވާއިރު، މިއީ ދުނިޔޭގައި ހެދި މިފަދަ އެންމެ ބޮޑު ކަރަންޓީނު ފެސިލިޓީ ކަމަށްވެސް ބުނެވެއެވެ.
މިއަދު ޚަބަރު ފެންމަތިވި ނަމަވެސް، މި ހާދިސާއެއް ހިނގާފައިވަނީ މިމަހުގެ 15 ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. މި ޖަރީމާ ހިންގީ ފާހާނާއެއްގެ ތެރޭގައި ކަމަށް އިންޑިއާގެ މިޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.
އިންޑިއާގެ ވިޔަފާރި މަރުކަޒީ ސިޓީ، މުމްބާއީގެ ކަރަންޓީނު މަރުކަޒެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހަފުތާގައި އާންމުވިއިރު، އައިސޮލޭޝަން ވޯޑެއްގައި ހިނގި ރޭޕްގެ މައްސަލައެއްގެ ވާހަކަވެސް ވަނީ ފެންމަތިވެފައެވެ.