ޖިންސީ ގޯނާގެ ކުށް ސާބިތުވެފައިވާ، އަދި މިހާރު މަރުވެފައިވާ އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު އަންހެނަކު، އެޕްސްޓީންގެ ކަލްޓެއް ފަދަ ނިޒާމުގެ ތެރޭގައި އޭނާ ކޮންޓްރޯލްކޮށް، ބިރުދައްކައި އަނިޔާކުރި ގޮތުގެ ތަފުސީލުތައް ހާމަކޮށްފިއެވެ. ބީބީސީއަށް މައުލޫމާތު ދެމުން، އާންޔާ (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި އެޕްސްޓީން އޭނާގެ ޝިކާރައަކަށް ހެދީ މޮޑެލްކުރުމުގެ ދޮގު އުންމީދުތަކެއް ދީގެންނެވެ.
ރަޝިއާއަށް އުފަން އާންޔާ ކިޔައިދިން ގޮތުގައި، އޭނާ އެޕްސްޓީންއާ އެންމެ ފުރަތަމަ ބައްދަލުވީ ޕެރިހުގައެވެ. އެއީ މޮޑެލިންގ އެޖެންސީއެއްގެ ސްކައުޓެއް ކަމަށްވާ ޑެނިއަލް ސިއާޑް މެދުވެރިކޮށެވެ. އާންޔާ ތުހުމަތުކުރާ ގޮތުގައި ސިއާޑަކީ އިންސާނީ ވަގުފާރިކުރާ މީހެކެވެ. ނަމަވެސް ސިއާޑްގެ ވަކީލު ވަނީ އެޕްސްޓީންގެ އަމަލުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިފައިނުވާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
އެޕްސްޓީންގެ ޕެރިހުގެ އެޕާޓްމަންޓުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އާންޔާގެ ހަށިގަނޑު ހުރި ގޮތަށް ފާޑުކިޔައި، ބަރުދަން ލުއިކުރުމަށް އެންގި ކަމަށް އޭނާ ބުންޏެވެ. އަދި އެއަށްފަހު އެތައް މަހެއް ވަންދެން އޭނާ ލައްވައި ކަސްރަތުކުރުވައި، އޮރިޔާން ފޮޓޯ ފޮނުވުމަށް މަޖުބޫރުކުރުވި ކަމަށް އާންޔާ ފާހަގަކުރިއެވެ. އޭނާއަށް އެންމެ ފުރަތަމަ ޖިންސީ ގޯނާކުރީ، އެޕްސްޓީންގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ދުވަސްވަރު، ފްލޮރިޑާގެ ޕާމް ބީޗުގައި ހުރި އޭނާގެ ގެއަށް އާންޔާ ގެންގޮސްގެން ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އެޕްސްޓީންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ފެށުމުން، އާންޔާގެ މުޅި ދިރިއުޅުން އެޕްސްޓީންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ. މާލީ ގޮތުން އެޕްސްޓީންއަށް ބަރޯސާވާން މަޖުބޫރުކުރުވުމާއި، ފޯނު ކޯލުތައް މޮނިޓަރކުރުމާއި، އަދި އޭނާގެ ހުއްދައަކާ ނުލައި ގެއިން ބޭރަށް ދިއުން މަނާކުރުން މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ބްލެކްމެއިލް ކުރުމުގެ ގޮތުން އޮރިޔާން ފޮޓޯއާއި ވީޑިއޯ ނަގައި، އެތަކެތި ބޭނުންކޮށްގެން ބިރުދައްކަމުން ދިޔަ ކަމަށްވެސް އާންޔާ ކިޔައިދިނެވެ.
އާންޔާގެ ހަށިގަނޑުގައި ހުރި ޓެޓޫއެއް ނެގުމަށް އެޕްސްޓީން މަޖުބޫރުކުރުވި ކަމަށާއި، ލޭޒަރ ފަރުވާގެ ބަދަލުގައި ޑޮކްޓަރެއް ގެނެސްގެން އެތަން ކަނޑައިގެން ނެގުމުގެ ސަބަބުން ހަށިގަނޑުގައި ލަކުނުލާފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އޭގެ އަހަރެއް ފަހުން އެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން އަލުން އެ ސަރޖަރީ ހަދަން މަޖުބޫރުކުރުވި ކަމަށްވެސް އޭނާ ބުންޏެވެ.
އެޕްސްޓީންގެ ކައިރީގައި އުޅުނު ކޮންމެ އަންހެނަކުވެސް އިތުރު އަންހެނުން އެތަނަށް ގެނައުމަށް މަޖުބޫރުކުރުވި ކަމަށާއި، މިއީ އެންމެ ލަދުވެތިވި ކަންތައް ކަމަށް އާންޔާ ބުންޏެވެ. އެޕްސްޓީންގެ އެހެން އެހީތެރިއެއް ކަމަށްވާ ސާރާ ކެލެންވެސް ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކަށް މިފަދަ މައުލޫމާތުތަކެއް ދީފައެވެ. ސާރާ ބުނި ގޮތުގައި އެޕްސްޓީން މަސައްކަތްކުރީ އެމީހުންގެ އަމިއްލަ އިހުތިޔާރު ނައްތާލައި، އޭނާއަށް ބަރޯސާވާ ބަޔަކަށް ހެދުމަށެވެ. ނަފްސާނީ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، މިފަދަ ކަންކަމުގެ ޝިކާރައަކަށް ހަމައެކަނި ކުޑަކުދިން ވުމުގެ ބަދަލުގައި، ބޮޑެތި މީހުންވެސް މިފަދަ މަޅިތަކުގައި ޖެއްސުމަކީ އެކަށީގެންވާ ކަމެކެވެ.
އާންޔާއަށް މޮޑެލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެޕްސްޓީން ބޭނުންކުރި ކަމަށް ބުނާ ނެކްސްޓް މެނޭޖްމަންޓް އެޖެންސީއާއި އޭގެ ކޯ-ފައުންޑަރ ފެއިތް ކޭޓްސް ވަނީ އެޕްސްޓީންގެ އަމަލުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އެމްސީ2 އެޖެންސީގެ ފައުންޑަރ ޖީން-ލޫކް ބްރޫނެލްއާ އެޕްސްޓީންއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާ ގުޅިގެން، އެ އެޖެންސީގެ އިސް ފަރާތަކުން މީގެ ކުރިން ބުނެފައިވަނީ އެޕްސްޓީންއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ކުޑަކުދިން ޓްރެފިކްކުރުމުގެ ދައުވާތަކެއް އުފުލިފައިވަނިކޮށް 2019 ވަނަ އަހަރު އެޕްސްޓީން މަރުވުމަށްފަހު، އާންޔާ ދިރިއުޅެމުން ދިޔަ ނިއުޔޯކްގެ އެޕާޓްމަންޓުން އޭނާ ނެރެލީ އެޕްސްޓީންގެ ބޭބެ މާކް އެޕްސްޓީން ކަމަށް އާންޔާ ބުންޏެވެ. ނަމަވެސް މާކް ވަނީ އޭނާގެ ކޮއްކޮގެ ކުށްތަކުގެ މައުލޫމާތު އެނގިފައިނުވާނެ ކަމަށް ބުނެފައެވެ. އާންޔާއާއި ސާރާ ކެލެންއަށް މިހާރު ވަނީ އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންނަށް ބަދަލު ދިނުމަށް ގާއިމުކުރި ފަންޑުން މާލީ ބަދަލު ލިބިފައެވެ.
