ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުގައި، މިހާރުގެވެސް ރައީސް ބައްޝާރު އަލް-އަސަދުގެ ޕާޓީއާއި އެ ޕާޓީއަށް ބައިއަތު ހިފާފައިވާ ޕާޓީއިން އަގުލަބިއްޔަތު ހޯދައިފިއެވެ.
ގައުމުން ބޭރުގައި ދިރިއުޅޭ އިދިކޮޅު ސިޔާސީ ފަރާތްތަކުން "ކުޅިވަރެއް" ގެ ގޮތުގައި ސިފަކުރި އިންތިހާބުގައި "ނޭޝަނަލް ޔުނިޓީ" ނުވަތަ ގައުމީ އިއްތިހާދުގެ ނަމުގައި ހަރަކާތްތެރިވަމުން ދިޔަ ކޯލިޝަނުންވަނީ، ގާނޫނު ހަދާ މަޖިލީހުގެ 250 ގޮނޑީގެ ތެރެއިން 177 ގޮނޑި ކާމިޔާބު ކޮށްފައެވެ.
ސޫރިޔާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ އިސްވެރިޔާ ސާމިރު ޒަމްރީގު ވިދާޅުވީ، އާދީއްތަ ދުވަހުގެ އިންތިހާބުގައި ވޯޓު ދީފައިވަނީ، ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ 33 ޕަސެންޓް މީހުން ކަމަށެވެ. މިއީ އެންމެ ފަހުން 2016 ވަނަ އަހަރު ކުރިއަށް ގެންދިޔަ އިންތިހާބަށް ބަލާއިރުވެސް ދަށް އަދަދެކެވެ. އެ ފަހަރުގެ އިންތިހާބުގައި ވޯޓު ދިނީ 57 ޕަސެންޓް މީހުންނެވެ.
ޒަމްރީގު ވިދާޅުވީ އިންތިހާބުގެ ނަތީޖާއާއި މެދު ހިތްހަމަނުޖެހޭ ކެންޑިޑޭޓުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށާ، 3 ދުވަހަށް މިމުހުލަތު ދެމިގެންދާނެ ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހަކަށް މިފަހަރުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައެއް ނުވެއެވެ.
ސޫރިޔާގެ ދައުލަތުން މީޑިއާއިން ބުނާ ގޮތުގައި ސޫރިޔާގެ 70 ޕަސެންޓް ސަރަހައްދު ކަވަރުވާނެހެން 7000 މަރުކަޒެއްގައި ވޯޓުލުމުގެ އިންތިޒާމުތައް އޮތީ ހަމަޖައްސާފައެވެ. އެގޮތުން، އިދިކޮޅު ފަރާތްތަކުން ކުރިން ކޮންޓްރޯލް ކުރި ސަރަހައްދުތަކުގައިވެސް ފުރަތަމަ ފަހަރަށް ވޯޓުލާފައިވާކަމަށް ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
ސޫރިޔާގެ ސިޔާސީ މަސްރަހު ދިރާސާކުރަމުންދާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މި އިންތިހާބަކީ، ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު އޮތްކަން އަންގައިދިނުމުގެ ސަރުކާރުން ކުޅެމުންދާ ކުޅިއެކެވެ.
2021 ވަނަ އަހަރަކީ ސޫރިޔާގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަންޖެހޭ އަހަރަކަށް ވާއިރު، މި އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ނަން ފާސްކުރާނީ މިއަދު އެކުލަވާލެވުނު ގާނޫނު ހަދާ މަޖިލީހުންނެވެ. މި މަޖިލީހަކީ، އެ ގައުމުގެ "އާ" ގާނޫނު އަސާސީ ފާސްކުރާނެ މަޖިލީހެވެ. އާ ބޮޑު ވަޒީރަކުވެސް ހޮވާނެއެވެ.
ސޫރިޔާގެ ރައީސް ކަމުގެ މަގާމާ، އުމުރުން އެންމެ 34 އަހަރުގައި އަސަދު ހަވާލުވީ 2000 ވަނަ އަހަރުއެވެ. އޭއީ އޭނާގެ ބައްޕަގެ 30 އަހަރުވީ ވެރިކަމަށް ފަހުގައެވެ.