މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ 6 ވައްތަރެއް އުޅޭ ކަމަށް، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެކް ލަންޑަން (ކޭއެލްސީ) ގެ ދިރާސާ ޓީމުން ދެނެގެންފިއެވެ.

ކޮވިޑް-19ގެ 6 ވައްތަރެއް އުޅޭކަން ދެނެގެންފައި ވަނީ، ކޮވިޑް-19 ޓްރޭސް ކުރުމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަންތައް މެދުވެރިކޮށް އެއްކުރި މައުލޫމާތުގެ އަލީގައެވެ.

ދިރާސާ ޓީމުން ބުނާ ގޮތުގައި، މިއިން ކޮންމެ ބާވަތަކީވެސް ތަފާތު އެކި ކަހަލަ އަލާމާތްތަކެއް ފެންނަ ވައްތަރުތަކެއް ކަމަށެވެ. އަދި، މިއީ ބަލީގެ ސީރިއަސް ކަމާ، ޕޭޝަންޓަށް ސިއްހީ އިތުރު ފަރުވާ ބޭނުންވާ މިންވަރާވެސް ގުޅުންތަކެއް ހުރި ފަރަގުތަކެއް އެކުލެވޭ ވައްތަރުތަކެއް ކަމަށްވެސް ދިރާސާ ޓީމުން ފާހަގަކުރެއެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމާ، އޮކްސިޖަން ޓްރީމަންޓް އަދި ވެންޓިލޭޓަރަށް ލާންޖެހުން ފަދަ ކަންކަމާ ގުޅުން އެބައޮތް ކަމަށްވެސް ދިރާސާ ޓީމުން ފާހަގަކުރެއެވެ.

ހާލުބޮޑޫ ބަލިމީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕިކްސަބޭ

ކޭއެލްސީގެ ރަސްމީ ވެބްސައިޓާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މި ދިރާސާގެ ހޯދުންތަކަކީ، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގެ ކަންކަން މެނޭޖުކުރުމަށާ، ސިއްހީ ހިދުމަތްތެރިންނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ހޯދުންތަކެކެވެ. އެގޮތުން ކޮވިޑް-19ގެ 2 ވަނަ ރާޅެއް އަންނައިރު އެންމެ ނުރައްކާ ވާނެ ޕޭޝަންޓުން ދެނެގަތުން ފަދަ ކަންކަމަށް މި ދިރާސާގެ ހޯދުންތައް އެހީވާނެ ކަމަށް ކޭއެލްސީން ބުނެއެވެ.

ކޮވިޑް-19 އާންމު އާލާމްތަކަކީ ހުންއައުން، ކެއްސުން އަދި ވަސްދުވުމުގެ ހިއްސަށް އުނިކަން އައުން ފަދަ ކަންކަން ކަމުގައި ވީ ނަމަވެސް، ކޮވިޑް ސިމްޓަމް ސްޓަޑީ އެޕް ބޭނުންކޮށްގެން ކޭއެލްސީން ކުރިއަށް ގެންދިޔަ ހޯދުންތަކަށް ބަލާއިރު، އިތުރު އަލާމާތްތަކެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ބޮލުގައި ރިއްސުން، މަސްތަކުގައި ރިއްސުން، އާދަޔާ ހިލާފަށް ވަރުބަލިވުން، ބޭރަށް ހިންގުން، ވާނުވާ ނޭނގި އޮޅުން އެރުން، ކާހިތް ކެނޑުން، ނޭވާ ކުރުވުން ފަދަ އަލާމާތްތަކަކީ ޕޭޝަންޓުންގެ ކިބައިން ފާހަގަވި އަލާމާތްތަކެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އައިސީޔޫގައި އޮތް ހާލުބޮޑޫ ބަލިމީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޭޝްވައިރަލް

ކޮވިޑް-19 ޖެހި ސީރިއަސް އެހީ ބޭނުންވާ މީހުން ދެނެގަތުމަށް ދިރާސާ ޓީމުން ބޭޏުން ކުރީ ކޮމްޕއިޓަރުގެ އެހީގައި އެކުލަވާލި އެލްގޮރިދަމްއެކެވެ. މި މައުލޫމާތު އެކުލަވާލީ އިނގިރޭސިވިލާތާ އެމެރިކާއިން އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ކިބައިން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ކޭއެލްސީން ފާހަގަކުރި 6 ވައްތަރާ އަލާމާތްތައް

  1. ފްލޫ-ލައިކް (ހުން ނެތި): ބޮލުގައި ރިއްސުން، ވަސްދުވުމުގެ ހިއްސަށް އުނިކަން އައުން، މަސްތަކުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން، މޭގައި ރިއްސުން، ހުމެއް ނެތި
  2. ފްލޫ-ލައިކް (ހުމާއެކު): ބޮލުގައި ރިއްސުން، ވަސްދުވުމުގެ ހިއްސަށް އުނިކަން އައުން، ކެއްސުން، ކަރުގައި ރިއްސުން، އަޑުކުރެހުން، ހުން އައުން، ކާހިތް ކެނޑުން
  3. ގެސްޓްރޯއިންޓެސްޓީނިއަލް: ބޮލުގައި ރިއްސުން، ވަސްދުވުމުގެ ހިއްސަށް އުނިކަން އައުން، ކާހިތް ކެނޑުން، ބޭރަށް ހިންގުން، ކަރުގައި ރިއްސުން، މޭގައި ރިއްސުން، ކެއްސުމެއް ނެތި
  4. ސިވިއާ ލެވަލް 1، ފެޓީގް: ބޮލުގައި ރިއްސުން، ވަސްދުވުމުގެ ހިއްސަށް އުނިކަން އައުން، ކެއްސުން، ހުން އައުން، އަޑުކުރެހުން، މޭގައި ރިއްސުން، އާދަޔާ ހިލާފަށް ވަރުބަލިވުން
  5. ސިވިއާ ލެވެލް 2، ކޮންފިއުޝަން: ބޮލުގައި ރިއްސުން، ވަސްދުވުމުގެ ހިއްސަށް އުނިކަން އައުން، ކާހިތް ކެނޑުން، ކެއްސުން، ހުން އައުން، އަޑުކުރެހުން، ކަރުގައި ރިއްސުން، މޭގައި ރިއްސުން، އާދަޔާ ހިލާފަށް ވަރުބަލިވުން، އޮޅުން އެރުން، މަސްތުގައި ރިއްސުން
  6. ސިވިއާ ލެވެލް 3، އެބްޑޮމިނަލް އެންޑް ރެސްޕިރޭޓަރީ: ބޮލުގައި ރިއްސުން، ވަސްދުވުމުގެ ހިއްސަށް އުނިކަން އައުން، ކާހިތް ކެނޑުން، ކެއްސުން، ހުން އައުން، އަޑުކުރެހުން، ކަރުގައި ރިއްސުން، މޭގައި ރިއްސުން، އާދަޔާ ހިލާފަށް ވަރުބަލިވުން، އޮޅުން އެރުން، މަސްތުގައި ރިއްސުން، ނޭވާ ކުރުވުން، ބޭރަށް ހިންގުން، ބަނޑުގައި ރިއްސުން

އިސްވެ ބަޔާންކޮށްފައިވާ ގިންތިތަކަށް ބަލާއިރު، 4،5 އަދި 6ގެ ޕޭޝަންޓުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުމުގެ ފުރުސަތު ބޮޑު ޕޭޝަންޓުންނެވެ. އަދި މި ޕޭޝަންޓުންނަކީ ނޭވާލާ ނިޒާމުގެ އިތުރު ފަރުވާއެއް ދޭންޖެހޭ މީހުންނަށް ވުމުގެ ފުރުސަތު އޮތްކަމަށްވެސް ދިރާސާ ޓީމުން ފާހަގަކުރެއެވެ. ކްލަސްޓާ 1 އިން 1.5 ޕަސެންޓް، ކަލަސްޓާ 2 އިން 4.4 ޕަސެންޓް އަދި ކްލަސްޓާ 3 އިން 3.3 އަށް ނޭވާލުމަށް އިތުރު އެހީ ބޭނުންވި ކަމަށް ދިރާސާ ޓީމުން ފާހަގަކުރެއެވެ. ކްލަސްޓާ 4،5 އަދި 6 އަށް ބަލާއިރު މި އަދަދުތައް އުޅެނީ، 8.6، 9.9 އަދި 19.8 ޕަސެންޓްގައެވެ.

އިޓަލީވިލާތުގެ ކްރިޓިކަލް ކެއާ ޔުނިޓެއްގައި ޕޭޝަންޓުންނަށް ފަރުވާދެނީ/ފޮޓޯ: އޭޕީ

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ ކްލެއާ ސްޓީވްސް ވިދާޅުވާ ގޮތުގައި މި ފަދަ ޕޭޝަންޓުން 5 ވަނަ ދުވަހާ ހިސާބަށް އަންނައިރު ދެނެގަނެވި، ދުރާލާ ފަރުވާ ދެވިއްޖެނަމަ ފުރާނަތަކެއް ސަލާމާތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮވިޑް-19އަށް އަދިވެސް ވަކި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ މީހުންނަކީ ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ހުންނަ މީހުންނެވެ. ބައެއް މީހުންނަކީ ބޭރުފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންނެވެ.