ގާތްގަނޑަކަށް 5 ދުވަހަށް ދެމިގެންދިޔަ ހޫނު ގަދަ ބަހުސްތަކަކަށް ފަހު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް އެކުލަވާލާ ރިކަވަރީ ޕްލޭނަށް، ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ލީޑަރުން އެއްބަސްވެވަޑައިގެންފިއެވެ.

ކޮވިޑް-19އާ އެކު އިނދެޖެހިގެންދިޔަ އިގުތިސޯދުތައް ނެގެހެއްޓުމަށް، 27 މެމްބަރު ގައުމު ހިމެނޭ އީޔޫއިން އެކުލަވާލާ ޕްލޭންގެ އަގު 750 ބިލިއަން ޔޫރޯ ނުވަތަ 859 ބިލިއަން ޑޮލަރަށް އަރާނެއެވެ.

ރިކަވަރީ ޕްލޭންއެއް އެކުލަވާލުމުގެ އަމަލީ މަސައްކަތް ވިލާތުގެ އިއްތިހާދުން ފެށި މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް މަޝްވަރާތައް ފެށުމާއެކު ދެބަޔަކަށް ބެހުނެވެ. އެއީ ކޮވިޑް-19ގެ އެންމެ ބޮޑު ތަކުލީފުތަކެއް އުފުލަންޖެހުނު ގުރޫޕާ، މި ގެއްލުމުގެ އަގާ މެދު ކަންބޮޑުވަމުންދިޔަ ގުރޫޕެކެވެ.

90 ގަޑިއިއެއްހާއިރުގެ މަޝްވަރާތަކަށް ފަހު، އެންމެ ފަހުން އެކުލަވާލި ރިކަވަރީ ޕްލޭންއަށް ބަލާއިރު، އެންމެ ބޮޑަށް އަސަރު ކުރި ގައުމުތަކަށް 390 ބިލިއަން ޔޫރޯ ވަނީ ކަނޑައަޅާފައެވެ.

މި ޕްލޭން ފާސްވެގެން ދިއުމާއެކު ފަރަންސޭސި ރައީސް އިމެނުއަލް މެކަޣޯން ވިދާޅުވީ، މިއީ މުޅި ވިލާތަށްވެސް ތާރީހީ ދުވަހެއް ކަމަށެވެ. ބެލްޖިއަމްގެ ބޮޑުވަޒީރު ސޯފީ ވިލިމީޒް ވިދާޅުވީ، މިއީ ވިލާތުގެ ތާރީހުގައިވެސް މުސްތަގުބަލަށްޓަކައި މިވަރުގެ އިންވެސްޓްމަންޓެއް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

ވިލާތުގެ އިއްތިހާދުން ވަނީ ކުރިއަށް އޮތް 7 އަހަރު ދުވަހަށް އެ އިއްތިހާޑުގެ ބަޖެޓްވެސް ކަނޑައަޅާފައެވެ. މި ބަޖެޓްގެ އަގު 1.1 ޓްރިލިއަން ޔޫރޯއަށް އަރައެވެ.