މިއަދަކީ، 20 އަހަރު އޭނާގެ މުށުތެރޭގައި ގައުމެއް ގެންގުޅެމުންދާ ބައްޝާރު އަލް-އަސަދު، އެގައުމެއްގެ ރައީސްކަން ކުރަމުން ގެންދާ ސޫރިޔާގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ދުވަހެވެ. އަސަދާ ދެކޮޅަށް ފެށި ސުލްހަވެރި އެއްވުންތައް ދާހިލީ ހަނގުރާމައަކަށް ބަދަލުވެ، އަދިވެސް ހައްލު ނުލިބި އޮތް ސޫރިޔާގެ އާންމު އިންތިހާބުގައި 2000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ. މިއީ 2011 ވަނަ އަހަރުގެ މުޒާހަރާތަކަށްފަހު ސޫރިޔާގައި ކުރިއަށް ގެންދާ މިފަދަ 3 ވަނަ އިންތިހާބެވެ.

އެންމެ ފުރަތަމަ އިންތިހާބު ތާވަލުކޮށްފައި އޮތީ އޭޕްރިލް މަހަށެވެ. ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު މިއަދަށް އިންތިހާބު ފަސްކުރީއެވެ.

މިއަދުގެ އިންތިހާބުގެ ވޯޓު ކަރުދާސް ކިތަންމެ ދިގުވި ކަމުގައި ވީ ނަމަވެސް، އަސަދުގެ ބާތު ޕާޓީގެ ހަގީގީ "އޮޕިޒިޝަނެއް" ނެތެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އޮތް އާންމު އިންތިހާބުގައިވެސް 250 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 200 ގޮނޑި ގެންދިޔައީ ބާތް ޕާޓީއާއި އެ ޕާޓީއަށް ބައިއަތު ހިފާފައިވާ ޕާޓީތަކުންނެވެ.

އޮބްޒާވަރުން ބުނާ ގޮތުގައި ސޫރިޔާގެ އިންތިހާބުގެ ސައްހަކަން ވަނީ ގެއްލިފައެވެ. މިފަދަ އެކަކީ، ސީރިއަން ސެންޓާ ފޮ ޕޮލިސީ ރިސާޗްގެ ކޯ ފައުންޑާ ޒަކީ މެހްކީއެވެ. އޭނާ ބުނާ ގޮތުގައި، އިންތިހާބަކީ އަސަދުގެ ސަރުކާރުން "ގާނޫނީ" އިމުގެ ތެރެއިން ގައުމު ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދާ އިންތިހާބެއް ކަމަށް ސޫރިޔާގެ ރައްޔިތުން ގަބޫލުކުރެއެވެ. މަޖިލީހަށް ހޮވާ މެމްބަރުންނަކީ ކޮލިފިކޭޝަނަކަށް ވުރެ ބޮޑަށް ޕާޓީއަށް ސަނާ ކިއާ މީހުންކަން ސޫރިޔާގެ ރައްޔިތުން ދަންނަ ކަމަށް އޭނާ ބުނެއެވެ.

މިއަދުގެ އިންތިހާބަށް ފަހު ސޫރިޔާގައި އެކުލަވާލާ މަޖިލީހަކީ، އެ ގައުމުގެ "އާ" ގާނޫނު އަސާސީ ފާސްކުރާނެ މަޖިލީހެވެ. އާ ބޮޑު ވަޒީރަކުވެސް ހޮވާނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވާނީވެސް މި މަޖިލީހުންކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ.

މެހްކީ ފަދަ މުރާސިލުން ބުނާ ގޮތުގައި، މި އިންތިހާބަކީ ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނާނެ އިންތިހާބެއް ނޫނެވެ. އަދި މިއީ ސޫރިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ބަލައިގަންނާނެ އިންތިހާބެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި އާ ގާނޫނު އަސާސީ ފާސްކުރާ މަޖިލީސް ވާން ވާނީ، އާ މަޖިލީހަކުން ކުރާ ކަމަކަށެވެ. އަދި މަޖިލީހަކީ ދެފުށް ފެންނަ އިންތިހާބަކުން ހޮވާ މަޖިލީހަކަށް ވާންވާނެ ކަމަށާ، އެ އިންތިހާބަކީ، ރެފިއުޖީންގެ އިތުރުން، ގައުމުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވޯޓުދެވޭ އިންތިހާބަކަށް ވާންޖެހޭ ކަމަށް މެހްކީ ފާހަގަކުރިއެވެ. މެހްކީ ތުހުމަތު ކުރާ ގޮތުގައި، އަލަށް އެކުލަވާލާ މަޖިލީހުން ރުހުން ދޭނެ ކެންޑިޑޭޓުންނަކީ "ސެކިއުރިޓީ އޭޖެންސީ" ތަކުން ނޮމިނޭޓްކޮށް، ރުހުން ދީފައިވާ ކެންޑިޑޭޓުންނެވެ.

ސޫރިޔާގެ ރައީސް ކަމުގެ މަގާމާ، އުމުރުން އެންމެ 34 އަހަރުގައި އަސަދު ހަވާލުވީ 2000 ވަނަ އަހަރުއެވެ. އޭއީ އޭނާގެ ބައްޕަގެ 30 އަހަރުވީ ވެރިކަމަށް ފަހުގައެވެ.