މަޑުޖެހުމެއް ނެތި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބިނާކުރަނިވި ގޮތެއްގައި ކޮންޓެކްޓް ޓްރޭސް ކުރުމަށްޓަކައި، ޓެސްޓު ކުރުމާ، ނަތީޖާ ނެރޭ ދުވެލި އަވަސް ކުރަންޖެހިފައި ވާ ކަމަށް އާ ދިރާސާއެއް ބުނެފިއެވެ.

ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތައް ޝާއިއު ކުރަމުން އަންނަ ޖާނަލް ލޭންސެޓް ޕަބްލިކް ހެލްތުގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، 5 ދުވަސް ނުވަތަ އެއަށްވުރެ ލަހުން ނަތީޖާ ލިބޭ ޓެސްޓުތަކެއް މާ ބޮޑު ބޭނުމެއް ނެތެވެ.

ކޮވިޑް އަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މާލޭގެ މަގުތަކުގައި ކުރިއަށް ދަނީ

ދިރާސާ އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި މާކް ބޮންޓެން ވިދާޅުވާ ގޮތުގައި، އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ވައިރަސް ފެތުރިގެންދާ މިންވަރު ދަށް ކުރުމުގައި އެންމެ ބިނާކުރަނިވި ނަތީޖާއެއް ނެރެވިފައިވަނީ ޓެސްޓުތައް ލަސްވާ މައްސަލަ ހައްލުކޮށްގެންނެވެ. އެހެންކަމުން، ވައިރަހަށް ޓެސްޓުކުރުމުގެ އިންފްރާސްޓްރަކްޗަރަކީ، ކޮންޓެކްޓް ޓްރޭސް ކުރުމުގެ ނިޒާމުގެ އެންމެ މުހިންމު ބައި ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ގައިންގައަށް އަރާ ބަލިމަޑުކަމަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއްގައި ރަނުގެ ހަތިޔާރަކަށް ވެފައި އޮންނަނީ ކޮންޓެކްޓް ޓްރޭސް ކުރުން ނުވަތަ އެކީ އެއްތާވީ މީހުން ދެނެގަތުމެވެ. ނަމަވެސް، ވައިރަހަށް އިންފެކްޓްވެފައިވުން އެކަށީގެންވާ ހުރިހާ އެމްނެން ޓެސްޓު ކުރަންޖެހެއެވެ. އެކަހެރިވެސް ކުރަންޖެހެއެވެ. ކަރަންޓީނުވެސް ކުރަންޖެހެއެވެ.

ބަންގްލަދޭޝް ހައި ކޮމިޝަން ކައިރީ ބިދޭސީންތަކެއް މުޒާހަރާ ކުރުމުން ފުލުހުން ހުއްޓުވަނީ / ފޮޓޯ: ދަ ޕްރެސް

ވައިރަސް ފެތުރިގެންދާ ދިއުން ކުޑަކުރުމަށް މައިގަނޑު 3 ކަމެއް ފުރިހަމަވާންޖެހޭ ކަމަށް ދިރާސާ ކުރި ފަރާތުން ވަނީ ފާހަގަކޮށްފައެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަން ފަށާ ފުރަތަމަ ދުވަހު، ޓެސްޓު ކުރުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ނަތީޖާ ލިބޭ ދުވަހުން ފަށައިގެން އެމީހެއްގެ ކޮންޓެކްޓް ޓްރޭސް ކުރުމެވެ. އަދި 3 ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ކޮންޓެކްޓް ޓްރޭސް ކުރާއިރު 100 ޕަސެންޓް ކަވަރޭޖު ކަށަވަރު ކުރުމެވެ.

ޓެސްޓު ކުރުމުގެ މަރުހަލާގައި 3 ދުވަސް ފަހަތަށް ޖެހިއްޖެ ނަމަ، ކިތަންމެ ފުރިހައަކަށް ކޮންޓެކްޓް ޓްރޭސް ކުރި ކަމުގައި ވީ ނަމަވެސް، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގައި މާ ބޮޑު ކުރިއެރުންތަކެއް ލިބެން ނެތް ކަމަށް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މީހެއްގެ ރެންޑަމް ސާމްޕަލް ނަގަނީ

ދިރާސާ ޓީމުން ވަނީ ކޮންޓެކްޓް ޓްރޭސް ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އައި އާދަތަކާ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ކޮންޓެކްޓް ޓްރޭސް ކުރުމަށް ކުރާ މަސައްކަތްވެސް ވިލަރެސްކޮށްފައެވެ. މި ހޯދުންތަކަށް ބަލާއިރު، ދުވެލި އަވަސްވުމުގެ ސަބަބުން، އެޕް މެދުވެރިކޮށް ކޮންޓެކްޓް ޓްރޭސްކުރުމުގެ ނަތީޖާ ބިނާކުރަނިވި ކަމަށް ދައްކައެވެ.

ޓެސްޓު ކުރުމުގެ މަރުހަލަ 2 ދުވަހެއް ފަހަތަށް ޖެހުނު ކަމުގައި ވީ ނަމަވެސް، އެޕް މެދުވެރިކޮށް ބަރާބަރަށް ކޮންޓެކްޓް ޓްރޭސް ކުރަމުންދާނަމަ، ވައިރަސް ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވޭ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ގައުމުތަކުން އަޅަންފެށި ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތުގެ ދަށުން ގައުމުތައް ހުޅުވާލަން ފެށުމާއެކު، ބައްޔަށް އިންފެކްޓްވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.