ގައުމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް މި ވަގުތުގައި، އާންމު، ބޮޑެތި އެއްވުންތައް ބޭއްވުމާ ދެކޮޅަށް ވަގުތީ ގޮތުން ތަންފީޒު ކުރަމުންދާ ހުރަސްތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
އާންމު އެއްވުންތައް ބޭއްވުމުގެ ކުރިން މޯލްޑިވްސް ޕޮލީސް ސާވިސްއިން ހުއްދަ އެއް ނެގުމަށް ލާޒިމު ކުރުމާ، މުޒާހަރާކުރެވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައެޅުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ އެއްވެ އުޅުމުގެ މިނިވަންކަމަށް ގާނޫނުން ލިބިދީފައި އޮތް ހައްގަށް އުނިކަން ގެނުވަނިވި، ޣައިރު ގާނުނީ ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
ސުލްހަވެރި އެއްވުންތަކާ ގުޅިގެން އަދުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ދާހިލީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކެއް ކަމުގައި ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ މިނިވަންކަން އެގޮތުގައި ދަމަހެއްޓުމަށް އެއްބާރުލުން ދޭނެ ކަމަށް ބުނަމުންދާ ބުނުން ތަކުރާރު ކޮށްފައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ބައެއް ލުއިތައް ދީފައިވާއިރު، 30 ވުރެ ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބޭއްވުމަށާ، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމަށް ދިވެހިރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފައިވާކަންވެސް ދިވެހި ސަރުކާރުން އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.
ބޮޑެތި ގޮންޖެހުންތަކަކާއެކުމެ، ގައުމީ އިދާރާތަކާ، އާންމުންގެ މެދުކެނޑުމެއް ނެތް އެއްބާރުލުމާއެކު ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުން، ސިއްހީ ނިޒާމުގެ ގާބިލިއްޔަތުކަން އޮތް މިންވަރުގެ ތެރޭގައި ކާމިޔާބު ކަމާއެކު ކޮންޓްރޯލް ކުރެވެމުންދާކަންވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ލިބިދީފައިވާ އަސާސީ ހައްގުތައް ހޯދާ، ކަށަވަރުކުރުމުގައިވެސް، މި ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި، އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރުމަށްވެސް ދިވެހި ސަރުކާރުންވަނީ ސުލްހަވެރި މުޒާހަރާތަކުގެ ބައިވެރިންނަށް ގޮވާލާފައެވެ.
ފާއިތުވީ ސަރުކާރުތަކުގައިވެސް ހައްލު ހޯދިފައި ނުވާ މައްސަލަތަކެއްގައި ޝިކާރައަކަށްވެފައިވާ ބިދޭސީންގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާ ދިއުމަކީ ދިވެހި ސަރުކާރުން މަރުހަބާ ކިއާ ކަމެއް ކަމަށާ، އެ ކަންބޮޑުވުންތަކީ ސަރުކާރުން ބަލައިގަންނަ ކަންބޮޑުވުންތަކެއް ކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.
މިއީ މުހިންމު އިސްލާހީ ބަދަލަކަށް ބޭނުންވާ މައްސަލަތަކެއް ކަން ފާހަގަކޮށް، ވަކި އުސޫލެއްގެ ތެރެއިން މިކަންކަން ހައްލުކުރުމަށް، ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށްދާކަމަށްވެސް ދިވެހި ސަރުކާރުން ބުނެއެވެ.
ފާއިތުވީ ދުވަސްތަކާ ބަލާއިރު ހަމަނުޖެހުން ހިންގުމަށް ބައެއް ފަރާތްތަކުން ބަރޯސާވިވުމަކީ ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާ، މިއީ ކުރިއަށް އޮތް ތަނުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.
މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަދަނީ ޖަމިއްޔާތަކުން އަދާކުރަމުންދާ ދައުރަށް ސަރުކާރުން މަރުހަބާ ކިއާ ކަމަށާ، އެ މަސައްކަތްތަކަކީ ދިވެހި ސަރުކާރުގެ އިހުތިރާމް ލިބިފައިވާ މަސައްކަތްތަކެއް ކަމަށްވެސް މި ބަޔާނުގައިވެއެވެ. ކަންމިހެން އޮތްއިރު، އިސްލާހީ ބަދަލުތަކަކަށް އެންމެންވެސް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، މަދަނީ ޖަމިއްޔާތަކަކީވެސް ގައުމީ ފެންވަރުގައި ތަންފީޒު ކުރާ ގަވައިދުތަކަށް އިހުތިރާމް ކުރުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.
މިފަހަކަށް އައިސް ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ނެރެފައިވާ ބަޔާންތަކަށް މަރުހަބާ ކިއާކަން ފާހަގަކޮށް ދިވެހި ސަރުކާރުން އާންމު ކުރި ބަޔާނުގައި، ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ބައެއް ކުރިއެރުންތައްވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އަބުރު ކަތިލުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުން ބާތިލުކުރުމާ، ރާއްޖޭގައި ބިދޭސީ ނޫސްވެރިންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް އޮތް އޮތުން އުވާލުމާ، ތަސްތީގު ނުކުރެވި ދިގުލާ ގޮސްފައިވާ އިންސާނީ ހައްގުތަކާ ގުޅުން ހުރި މުއާހަދާތައް ތަސްދީގު ކުރުމާ، ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ފަދަ ކަންތައްތަކެއް ސަރުކާރުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޑިމޮކްރަޓިކް އިމުގެ ތެރެއިން ގެނެވޭ އިސްލާހީ ބަދަލުތަކާ، ހެޔޮ ވެރިކަމާ، އިންސާނީ ހައްގުތަކާ ގުޅުން ހުރި ކަންކަމަށް ދިވެހި ސަރުކާރުން އެއްބާރުލުން ލިބެމުންދާނެ ކަމަށާ، ރާއްޖެއަށް ކުރިމަތިލާންޖެހިފައިވާ ނިޒާމީ ގޮންޖެހުންތަކުން އަރައިގަތުމަށް، ކަމާ ގުޅުން ހުރި ގައުމީ އަދި ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތް ކުރުމުގައި އިހުލާސްތެރިކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަންވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.